ރިޕޯޓް

ވަރިއަކީ ދިރިއުޅުމުގެ ނިމުމެއް ނޫން! ފަހުން ލިބޭ ބައިވެރިއެއްގެ ސަބަބުން މާޒީގެ ހިތިކަން މިއަދުގެ ފޮނިކަމަށް ބަދަލުވެދާނެ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބައެއް މީހުން ބުނެއެވެ. މައްސަލަތަކާއެކުގައި ވެސް އަހަރެމެން ދިރިއުޅެން މަސައްކަތް ކުރަނީ ކުދި ދަރިން ތިބުމުން އެކުދިންގެ ޙައްޤުގައެވެ. އެހެން ބުނާ މީހުންވެސް ރަނގަޅަށް ވިސްނާށެވެ! ދަރިންގެ ޙައްޤުގައި ވެސް ކެތްކުރުން އޮތީ، އަދި ކެތްކުރެވޭނީ ވެސް ވަކި ޙާލަތެއްގައެވެ.

Ads by Hajj Corporation

ތަޅައި އަނިޔާކުރުމާއި އަބަދު ދުލުން ނުބައި ބަސްތައް ބުނެ ޒުވާބު ކުރާނަމަ ކެތްތެރިވެގެން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އަނިޔާ ތަޙައްމަލު ކުރުމުގެ ބަދަލުގައި، ތިމާގެ ސަލާމަތާއި، ތިމާގެ ރައްކަލަށް ތިމާ އަޑު އުފުލާށެވެ. އެހެން ނޫންނަމަ އެކަމުގެ ސަބަބުން ތިމާގެ ދަރިންނަށް ލިބޭ ގެއްލުން މާބޮޑުވާނެއެވެ. އެކުދިން ބޮޑެތިވަމުން އަންނާނީ ރަނގަޅު ގޮތުގައެއް ނޫނެވެ. ފެންނާނީ އެކުދިންނަށް ފެންނަން ޖެހޭ މަންޒަރު ތަކެއް ވެސް ނޫނެވެ.

މިފަދަ ޙާލަތުގައި ދަރިންގެ ޙައްޤުގައި އޮތީ ކައިވެނި ރޫޅައިލުމެވެ. ނޫންނަމަ ދަރިންނަށް އަބަދު ފެންނަ ކަންކަމަށް ކުދިން ހޭނި އެއީ އެކުދިން ވެސް ކައިވެނިކޮށްގެން ދިރިއުޅެން ޖެހޭނެ ގޮތްކަމަށް ޤަބޫލު ކުރެވިދާނެއެވެ. އެފަދަ ތަރުބިއްޔަތެއް ދެވިއްޖެނަމަ ދަރިންގެ ޒަވާޖީ ޙަޔާތުގައި ވެސް މައްސަލަތައް ކުރިމަތިވާނެއެވެ. ބައިވެރިޔާ އާއިއެކުގައި އޮންނާނީ ދިރިނޫޅެވިފައެވެ. ވީމާ އެފަދަ ތަރުބިއްޔަތެއް ދަރިންނަށް ދެވުން ވެގެންދާނީ ކުދިންނަށް ދެވޭ އެންމެ ބޮޑު އަނިޔާއަށެވެ. އެކުދިންނަށް އެފަދަ އަނިޔާ ދޭން ބޭނުން ނޫންނަމަ އެކުދިންނަށް ވިސްނައިދީ އެކުދިންނަށް އެއީ ގޯސްކަމެއްކަން އަންގައިދޭށެވެ. ނަފްސު ދިފާއު ކުރާނެ ގޮތްތައް ކިޔައިދޭށެވެ.

ކައވެނި ދަމަހައްޓަން މަސައްކަތްކުރުމަކީ ދެމީހުންގެ މަސްއޫލިއްޔަތެކެވެ. ވަކިމީހެއްގެ ކަމެއް ނޫނެވެ. ކައިވެނި ދަމަހައްޓަން އެކަކު ކުރާ މަސައްކަތަށް އަނެކަކުގެ އެއްބާރުލުން ނުދިނުމުގެ ސަބަބުން ކައިވެނި ރޫޅައިލަން ޖެހިއްޖެ ނަމަ އޮތީ ކައިވެނި ރޫޅައިލުމެވެ. އަބަދުވެސް ބުނާ ފަދައިން ކައިވެނި ރޫޅައިލަން ޖެހޭ ޙާލަތުގައި ކައިވެނި ރޫޅައިލުމަކީ ދިރިއުޅުން ޤިޔާމަތްވުމެއް ނޫނެވެ. ފަހުން ލިބޭ ބައިވެރިޔާ މާރަނގަޅުވުމުގެ ސަބަބުން މާޒީގެ ހިތި ހަނދާންތައް އެކުގައި ނެތިގެން ގޮސްފައިވާ މީހުން ބައިވަރެވެ. މާޒީއަށް ވިސްނައިގެން ދިރިއުޅުމުގައި އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އެއީ މާޒީކަން ވިސްނައިގެން ދިރިއުޅުމުގައި ކުރިއަށް ދާން މަސައްކަތް ކުރާށެވެ.

އަދި ކީއްހެއްޔެވެ؟ ވަރިކުރަންޖެހޭ ޙާލަތުގައި އެކަކު އަނެކެއްގެ ބޮލުގައި ނުބައި ބަދުނާމުތަކާ އިލްޒާމްތައް ނުއަޅުވާށެވެ! ރުޅިވެރި ބަސްތައް ނުބުނާށެވެ! ޞުލްޙަވެރިކަމާއި އިޙްތިރާމާއެކުގައި އެކަން ކުރާށެވެ! އެކަކު އަނެކަކަށް ކުރިމަތިލާން ޖެހިދާނެކަން ހިތުގައި ބާއްވާށެވެ! ޚާއްޞަކޮށް ދަރިން ތިބިނަމަ ގިނަގިނައިން ކުރިމަތިލާން ޖެހޭނެއެވެ. އެކަކު އަނެކަކު ބަދު ބަސް ނުބުނެ ހިތުގައި އެއްވެސް ބުރަކަމެއް ނެތި ސުލްހައިގައި ވަރިވުމަކީ އެފަދަ ޙާލަތުގައި އެންމެ ރަނގަޅު ގޮތެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!