އިންތިޚާބީ ރައީސްއަށް ފުރުޞަތު ދީ މިވަގުތަށް ނިޒާމު ބަދަލުކުރުމުގެ ވާހަކަ ހުއްޓާލަން ނިންމައިފި

ނިޒާމީ ވޯޓުގެ މަސައްކަތްތައް މި ވަގުތަށް މަޑުޖައްސާލުމަށް ނިންމެވި ނަމަވެސް، އެ މަސައްކަތަކީ އަދި ފަހުންވެސް ރައީސް ނަޝީދު ކުރައްވަން ގަސްތުކުރައްވާކަމެއްކަމަށް މުޢިއްޒުއަށް ދެންނެވިކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އެހެން ނަމަވެސް އަޅުގަނޑު ދެންނެވިން ނިޒާމީ ވާހަކަ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން އަދި ދިވެހި މުޖްތަމައުގެ ތެރެއިން ފިލައެއް ނުދެޔޭ. އެހެންވީމާ މިކަމާ ގުޅޭ ގޮތުން އަދިވެސް މަސައްކަތް ކުރެއްވުމަށް އަޅުގަނޑު އެދެނީ. އެދުނީމާ ވިދާޅުވި އިން ޑިއު ކޯސް ވީ ކޭން ސާކަލް ބެކް ޓު އިޓް އެންޑް އާސްކް ދަ ޕަބްލިކް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން ރައީސް ނަޝީދުއަށް ފެނިވަޑައިގަންނަވާ ގޮތުގައި މުޢިއްޒުގެ ވިސްނުންފުޅު އެކަމުގައި ހުރީ ވަރަށް ރަނގަޅަށްކަމަށާއި އެ މަސައްކަތް މި ވަގުތުގައި ނުކުރެއްވި ނަމަވެސް، މުޢިއްޒުވެސް ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ފަހުން ކުރެވެން އޮތް މަސައްކަތެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ."އަޅުގަނޑު އިއްޒަތްތެރި މެމްބަރުން ކައިރިން އެދެނީ މި ރިޔާސީ ދައުރު ރީތިކޮށް ފެށުމަށާއި އަދި ޑރ. މުއިއްޒަށް ރައީސްކަން ރީތިކޮށް ކުރުމުގެ ފުރުސަތު އަޅުގަނޑުމެން އެންމެން ވެސް ފަހިކޮށްދިނުމުގެ ގޮތުންނާއެކުގައި އެބޭފުޅާއަށް މި ޖާގަ އެރުވުން، ފެންނަ ނުފެންނަ ވޯޓުގެ މަސައްކަތް މިވަގުތަށް އިހަށް މަޑުޖައްސާފައި ބޭއްވުން" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނިޒާމު ބަދަލުކުރުމުގެ މަސައްކަތް މިވަގުތަށް ނިންމާލުމަށް ރައީސް ނަޝީދު އަދި ޑިމޮކްރެޓްސްއިން ނިންމާފައިވާއިރު، އެމްޑީޕީއާއި އަދާލަތުން ވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންނުވާކަމަށް ނިންމާފައެވެ.







ކޮމެންޓް