ހަގީގީ ތެދުވެރިކަމަކީ ދޮގުހަދައިގެން ނޫނީ ސަލާމަތް ނުވާނެ ކަމަށް ބެލެވޭ ހާލަތުގައި ވެސް ތެދުވެރިވުމެެވެ.
ތެދުވެރިކަމަކީ އިންސާނާ ކިބައިގައި ހުންނަންޖެހޭނެ އެންމެ މާތް އެއް ސިފައެވެ. ދުނިޔޭގެ އުޑު ދަށުގައި ކޮންމެ ކުލައެއް ޖެހިފައިވާ ކޮންމެ ދީނެއްގެ ހިޔަލުގައި ވާ މީހެއް ކަމުގައިވީ ނަމަވެސް އެމީހާގެ ސަލާމަތުގެ އެންމެ މަތިވެރި ސިއްރަކީ ވެސް ތެދުވެރިކަމެވެ. އެންމެ ކުޑަމިނުން އިންސާނާ މީހެއްގެ ގޮތުގައި ވާނީ ވެސް އޭނާގެ ތެދުވެރިކަމުގެ ސަބަބުންނެވެ.
ސަމާސާއަކަށް ނަމަވެސް ދޮގެއް ނުހަދާށޭ ބުނާ ވާހަކަ އަޑުއަހަމުއެވެ. ހާލަތަށް ބަލާފައި ދޮގު ހެދުމަކީ ބައެއް މީހުން ދެކޭ ގޮތުގައި "ރަނގަޅު" ކަމެކެވެ. އެހެން ނަމަވެސް ދަންނަވަންތޯއެވެ؟ ދޮގު ވާނީ ދޮގަކަށެވެ. އެއީ ކޮންމެ ޙާލަތެއްގައި އަދި ކޮންމެ ދަނޑިވަޅެއްގައި ނަމަވެސް މެއެވެ. ދޮގު ހަދަނީ ކޮން ބޭނުމެއްގައި ހެއްޔެވެ؟ ތެދަށް ބުނަން ނުކެރެނީ ހެއްޔެވެ؟ އެހެންކަމަށް ވާނަމަ އެވާހަކަ ނުބުނެ ހުންނާށެވެ. ނަމަވެސް ދޮގު ނުހަދާށެވެ. ދޮގަކުން ހިތްހަމަ ޖައްސާލުމަށް ވުރެން ހަގީގަތް އަޑުއަހައި އެކަމާ މާޔޫސްވުން ވެސް މާ ހެވެއެވެ.
ދޮގުހަދައިގެން ނޫނީ ސަލާމަތް ނުވާނޭފަދަ ދަނޑިވަޅުގައި ވެސް ތެދު ބުނުމަށް ކެރެން ވާނެއެވެ. އެފަދަ ކަންކަމާ ކުރިމަތިލާން އަމިއްލަ ނަފުސު އަބަދުވެސް ތައްޔާރަށް ބެހެއްޓުން ވަރަށް މުހިންމެވެ. ދުނިޔެމަތީ އެފަދައިން ދޮގު ހަދައިގެން ތިބާއަށް ސަލާމަތް ވެވިދާނެއެވެ. އެހެން ނަމަވެސް ހިސާބު ބެއްލެވޭ ދުވަހު ތިބާ ހަދާނީ ވަކި ކޮން ދޮގެއް ހެއްޔެވެ؟ އެދުވަހުން ތިބާގެ ގުނަވަންތައް ތިބާ ކުރި ކަންތަކާ ހެކިދޭނެއެވެ. އެކަމާ ތިބާ ބިރުގަންނާށެވެ.
ދޮގުހެދުން މިވަނީ އިންތިހާއަށް މިއަދު އާންމުވެފައެވެ. އެއްވެސް ޖެހިލުމެއް ނެތި އެކަން މިހާރު ކުރެއެވެ. ފަހުން އެކަމުގެ ސަބަބުން ލިބިދާނޭ ގެއްލުމާ ދޭތެރޭ ކުޑަކޮށް ވެސް ވިސްނާ ފިކުރު ކުރާނަމަ ދޮގު ހަދަން ތިބާ ޖެހިލުން ވާނެއެވެ. ދޮގު ހެދުމުގެ ސަބަބުން އެތައް ގުޅުމެއް ކެނޑިގެން ގޮސްފައި ވެސް މިއަދު އެބަ ހުއްޓެވެ.