ފުށިދިއްގަރުފަޅު މަޝްރޫޢުއަށް ބަޖެޓުގައި 400 މިލިއަން ރުފިޔާ

އައު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ހިމެނޭ އެންމެ ބިޔަ އެއް މަޝްރޫޢު، ފުށިދިއްގަރުފަޅު ހިއްކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައިވާ ބަޖެޓުގައި ފުށިދިއްގަރު ފަޅު މަޝްރޫޢުއަށް ބަޖެޓުގައި 400 މިލިއަން ރުފިޔާ ވަނީ ކަނޑައަޅުއްވައިފައެވެ.
މި މަޝްރޫޢު އަކީ ސޭފް އައިލެންޑް ކޮންސެޕްޓަށް ހިންގާ މަޝްރޫޢުއެކެޓެ. 1200 ހެކްޓަރަށްވުރެ ބޮޑަށް ހިއްކާ އެ ސަރަހައްދަކީ ހުޅުމާލޭ ދެފޭސްގެ ތިންގުނައަށްވުރެ ބޮޑު ސަރަަހައްދެކެވެ.
އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ވެރިކަމުގެ ފުރަތަމަ ތިން މަސްދުވަހުގެތެރޭގައި ފެށުމަށް ނިންމާފައިވާ އެ މަޝްރޫޢު އެއް އަހަރުތެރޭ ނިންމުމަކީ އަމާޒެކެވެ.
ފުށިދިއްގަރު ފަޅު ހިއްކައި، 11000 ގޯއްޗާއި 20000 ފްލެޓް އެތަނުގައި ތަރައްޤީކުރުމަށް ވަނީ ނިންމަވައިފައެވެ.
މީގެ އިތުރުން ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 404 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ބިން ހިއްކުމަށް 1.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ޙައްލު ކުރުމަކީ މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިންމު އެއް ވަޢުދެވެ. އެމަނިކުފާނު ކުރިން ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ ދައުރު ނިމޭއިރު، ބޯހިޔާވަހިކަން ނުލިބޭ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށެވެ.






ކޮމެންޓް