އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ޗައިނާ ސަރުކާރުން ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ރައީސް ޑރ. މުޢިއްޒުގެ ޝުކުރު

އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ފާއިތުވި އަހަރުތަކުގައި ޗައިނާ ސަރުކާރުން ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޝުކުރުއަދާކުރައްވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު މިފަދައިން ވިދާޅިވީ ޗައިނާގެ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސްޓޭޓް ކައުންސިލަރ ޝެން ޔިކިން އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި މި ބައްދަލުކުރެއްވުމުގައި ޝެން ޔިކިން ވަނީ ރައީސް ޑރ. މުޢިއްޒު މަގާމުގެ ހުވައި ކުރެއްވުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެފައެވެ. އަދި، މި ފެށުނު ރިޔާސީ ދައުރުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމުގެ ޔަގީންކަން އެކަމަނާ ވަނީ ދެއްވާފައެވެ. މީގެ އިތުރުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ތަހުނިޔާއާއި ހެޔޮއެދުންތައް ސްޓޭޓް ކައުންސިލަރ ޝެން ޔިކިން ވަނީ ރައީސްއަށް ދަންނަވާފައެވެ.
ރައީސް ވިދާޅުވީ މިއަދު މި ފެށެނީ ދެގައުމުގެ ދެމެދުގައި އޮތް ތާރީޚީ އެކުވެރިކަމުގެ އާ ބާބެއް ކަމަށާއި މީގެ އިތުރުން ވެސް، ސަރަޙައްދީ އެއްބާރުލުމާއި، އިޤްތިޞާދީ އެއްބާރުލުމާއި، ދޭދޭ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުން ހިމެނޭ ގޮތަށް ދެ ގައުމުގެ މަސްލަހަތު އޮތް ދާއިރާތަކުން އެއްބާރުލުން ދެމިއޮންނާނެކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގާތް އެކުވެރި ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކޮށް، އެކުގައި ލަނޑުދަނޑިތައް ހާސިލުކުރެއްވުމަށް މަސައްކަތްކުރައްވާނެކަން ކަށަވަރުކޮށްދެއްވާފައެވެ.






ކޮމެންޓް