ޚަބަރު

އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.

Ads by STELCO

މިނިސްޓަރ ޝާހިދު މިމަޝްވަރާތައް ކުރެއްވީ، އިނގިރޭސި ޚާރިޖީ އޮފީހުގެ މިނިސްޓަރ ފޮރ ސައުތު އޭޝިއާ އެންޑް ކޮމަންވެލްތު، ލޯޑް ތާރިޤް އަޙްމަދު އޮފް ވިމްބެލްޑަން އާއި މިއަދު ވަރޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައެވެ.

ދިވެހިރާއްޖޭގެ ފަރާތުން މޫސުމީ ބަދަލުތަކުގެ މައްސަލަތަކާއި، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އިނގިރޭސިވިލާތާއެކު ގުޅިގެން ކުރާ މަސައްކަތަށް ލޯޑް އަހުމަދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ކްލައިމެޓް އެމްބިޝަން ސަމިޓާއި ކޮޕް26 ގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ވެސް ދެ ވަޒީރުން މަޝްވަރާ ކުރައްވާފައި ވެއެވެ.

ހަމައެއާއެކު، އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭ ގޮތުންނާއި، 2021 ވަނަ އަހަރު ބާއްވާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމާ ބެހޭ ގޮތުން ލޯޑް އަޙްމަދާއި މިނިސްޓަރ ޝާހިދު ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ވެސް ދެޤައުމުގެ މެދުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންނާއި، ދެޤައުމަށް މުހިއްމު އެހެނިހެން ބައެއް ދާއިރާތަކުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!