ވައިކަރަދޫ ގޮނޑުދޮށުގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ހދ. ވައިކަރަދޫގެ ގޮނޑުދޮށުގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ވައިކަރަދޫގެ ކައުންސިލްގެ ރައީސް، އަހްމަދު ނަސީމް "ދެން" އަށް މައުލޫމާތު ދިން ގޮތުގައި ނިޔާވެފައިވަނީ އުމުރުން 69 އަހަރުގެ ފިރިހެނެކެވެ. އަދި މި މީހާ ނިޔާވެފައި އޮއްވާ ފެނުނީ އެރަށުން ޑަސްބިން އުކާލަން ގޮނޑުދޮށަށް ދިޔަ އަންހެނަކަށް ކަމަށާއި އެއީ ގާތްގަނޑަކަށް ގަޑިން ހެނދުނު 9 ޖަހާއިރު ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.
ނިޔާވި މީހާ މޫދަށް ދިޔައީ ގާތްގަނޑަކަށް ހެނދުނު 8 ޖެހިއިރު ކަމަށް ވެސް "ދެން" އަށް މައުލޫމާތު ދެމުން އަހްމަދު ނަސީމް ވަނީ ވިދާޅުވިއެވެ. އަދި ބޭރު ފުށުން އެއްވެސް ޒަޚަމެއް ފެންނަން ނެތް ނަމަވެސް ފައިގެ އިނގިލިތައް މަށައިގެން ގޮސްފައިވާ ކަމަށާއި، ބެލެވެނީ އެއީ މޫދުގެ ގާތަކުގައި ގޭނުމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިހާރު ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.