ދީން

ނަރަކައަށް އެންމެ ފުރަތަމަ ވަންނާނެ ތިން މީހުންނަކީ ކޮބާ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ އަލްއުސްތާޛް ބިލާލް އައްސަދު ދެއްވާފައިވާ ދަރުހެއްގެ ތަރުޖަމާއެވެ.

Ads by MWSC

ސަޙީޙް މުސްލިމް ގައާއި ތިރްމިދީގައި ބަޔާން ކޮށްފައިވެއެވެ. ހިސާބު ބައްލަވާ ދުވަހު ތިން މީހަކު ކުރިއަށް ގެންނަވާނެއެވެ.

އެކަކަކީ ދީނީ ޢިލްމުވެރި (ޢާލިމް) އެކެވެ. އަނެކަކަކީ ޞަދަޤާތް ކުރި މީހެކެވެ. އަދި ދެން ހުރި މީހަކީ ﷲގެ މަގުގައި ޝަހީދުވި (މުޖާހިދްފީސަބީލިﷲ) މުޖާހިދެކެވެ.

އެންމެ ފުރަތަމަ ދީނީ ޢިލްމުވެރިޔާ ނުވަތަ ޢާލިމްއާ އެކަލާނގެ ސުވާލު ކުރައްވާ ވަޙީ ކުރައްވަވާނެއެވެ.

"ތިމަންރަސްކަލާނގެ ތިޔަ ޢިލްމުވެރިޔާއަށް ޢިލްމު ދެއްވެވީމެވެ. އެޢިލްމުގެ ބޭނުން ކުރީ ކޮން ގޮތަކަށް ހެއްޔެވެ؟"

އެޢާލިމް ޖަވާބު ދެއްވާނެއެވެ.
"ޔާ ރައްބު އެވެ. ތިމަން އެޢިލުމް ބޭނުން ކުރީ އިބަ ރަސްކަލާނގެ އެންގެވި ގޮތް މީސްތަކުންނަށް އުނގަންނައި ދިނުމަށެވެ."
އެހިނދު އެކަލާނގެ ވަޙީ ކުރައްވަވާނެއެވެ.
"ތިހެދީ ދޮގެކެވެ."

މަލާއިކަތް ބޭކަލުންނަށް އެއަޑުފުޅު އިވުމުން އެބޭކަލުން ވެސް ދަންނަވާނެތެވެ.
"ތިހެދީ ދޮގެކެވެ."
އެއީ އެކަލާނގެ ވަޙީބަސްފުޅަކީ ޙައްޤު ވެގެންވާ ބަސްފުޅުކަން އެބޭކަލުންނަށް އެނގިލައްވަވާތީއެވެ.

"ހަމަކަށަވަރުން ތިޔަ ޢިލްމުވެރިޔާ މީސްތަކުންނަށް އެޢިލްމު އުނގަންނައި ދިނީ، އެމީސްތަކުންގެ ފަރާތުން ތަޢުރީފު ހޯދުމަށްޓަކައެވެ. ماشاءالله ތިއީ ކޮންފަދަ ޢިލްމުވެރި ޢާލިމެކޭ އެމީސްތަކުން ލައްވާ ބުނުއްވުމަށެވެ. އަދި ކުރީ ސަފުގައި ކަލޭ ބައިންދާ، އެހެން މީސްތަކުންނަށްވުރެ ކުރިން ކަލެއަށް ކާންދީ، ޝަރަފުވެރި ކުރުވާފައި ބެއިންދުމަށެވެ. ކަލެއަށް ލިބިފައިވަނީ ކަލޭ ހޯދަން މަސައްކަތް ކުރި އެއްޗެކެވެ."

ދެން ސުވާލު ކުރައްވަވާނީ ޞަދަޤާތް ދީއުޅުނު މީހާއާއެވެ. އެކަލާނގެ ވަޙީ ކުރައްވަވާ ސުވާލު ކުރައްވަވާނެއެވެ.

"ތިމަންރަސްކަލާނގެ ތިބާއަށް ދެއްވެވި މުއްސަނދި ކަމާއި ރިޒްޤުން ތިބާ ކުރެއްވެވީ ކޮންކަމެއްތޯއެވެ؟"

އޭނާ ޖަވާބު ދެއްވާނެއެވެ.
"ޔާ ރައްބު އެވެ. ތިމަން އަޅާ އެރިޒްޤު މީސްތަކުންނަށް ޞަދަޤާތުގެ ގޮތުގައި ބެހީމެވެ. ފަގީރުންނަށާއި، މިސްކީނުންނަށް އަދި ހުވަފަތްވެފައި ތިބި އަންހެނުންނަށާއި އެހީތެރިކަން ބޭނުންވެފައި ތިބި އާއިލާތަކަށާއި މީސްތަކުންނަށް ކަންކަން އުނގަންނައިދެއްވާ މަޝްރޫއުތަކަށާއި ތަޢުލީމީ ކަންކަމަށާއި ކީރިތި ޤުރްއާން ޕްރިންޓު ކުރެއްވުމަށް ވެސް ތިމަން އަޅާ އެރިޒްޤު ބަހާ ޞަދަޤާތް ކުރެއްވީމެވެ"

މާތް ﷲ ވަޙީ ކުރައްވަވާ ސުވާލު ކުރައްވަވާނެއެވެ.

"ތިކަންތައްތައް ކުރީ ކީއްވެ ހެއްޔެވެ؟"

އެހިނދު އޭނާ ބުނާނެއެވެ.
"އެއީ އިބަ އިލާހުގެ ރުއްސުން ހޯދުމަށެވެ"

މާތް ﷲ ވަޙީ ކުރައްވަވާނެއެވެ.
"ތިހަދަނީ ދޮގެވެ"

މަލާއިކަތް ބޭކަލުން ވެސް ދަންނަވާނެއެވެ.
"ތިހަދަނީ ދޮގެވެ"

"ކަލޭ އެރިޒްޤު ޞަދަޤާތް ކުރީ، ކަލެއަކީ މީސްތަކުންނަށް ޞަދަޤާތް ދޭ މީހެކޭ ބުނުއްވާށެވެ. އެއީ ކަލޭ މަރުވުމަށް ފަހު ވެސް، ކަލެއަކީ ދީލަތި، އެހީތެރިވީ މީހެއްކަމަށް މީސްތަކުން ހަނދުމަ ކުރުމުގެ ނިޔަތުގައެވެ. ކަލޭގެ ނިޔަތް އެފަދައިން އޮތުމުގެ ސަބަބުން، މީސްތަކުންނަށް ކަލޭ ދިން އެއްވެސް އެއްޗެއް (އޭގެ ސަވާބެއް) މިއަދަކު ކަލެއަކަށް ނެތެވެ"

ދެން އެކަލާނގެ ސުވާލު ކުރައްވަވާނީ ޝަހީދުވީ މީހާ (މުޖާހިދްފީސަބީލިﷲ) އާއެވެ. މިއީ އަމިއްލަ ޖާނު ޤުރުބާން ކޮށްލި މީހާއެވެ.

މާތް ﷲ ވަޙީ ކުރައްވަވާ ސުވާލު ކުރައްވަވާނެއެވެ.

"ތިމަން ރަސްކަލާނގެ ތިބާއަށް ދެއްވެވި ހަށިގަނޑަށް ހެދީ ކިހިނެއް ހެއްޔެވެ؟"

އޭނާ ބުނާނެތެވެ. "އިބައިލާހުގެ މަގުގައި ތިމަން ހަނގުރާމަކޮށް، އިބައިލާހުގެ މަގުގައި ޝަހީދުވީއެވެ."

އެކަލާނގެ ވަޙީ ކުރައްވަވާނެއެވެ
"ތިހަދަނީ ދޮގެވެ"

މަލާއިކަތް ބޭކަލުން ވެސް އެހިނދު ވިދާޅުވާނެއެވެ.
"ތިހަދަނީ ދޮގެވެ"

"ކަލޭ ޝަހީދުވީ މީސްތަކުން ކަލޭއަކީ ބަޠަލެއް ކަމުގައި ދެކި، ކަލޭގެ ނަންމަތީގައި ބިނާތައް ތައްޔާރު ކުރުވުމަށެވެ. ކަލޭއަށް ލިބިފައިވަނީ ހޯދަން މަސައްކަތް ކުރި އެއްޗެކެވެ"

ރަސޫލާ (ޞޢޥ) އެއްދުވަހު އެކަލޭގެފާނުގެ އަސްޙާބު ބޭކަލެއް ކަމުގައި މުއާދް (ރަޟިއަﷲ އަންހު) އަށް ގޮވާލައްވާ ޙަދީޘްފުޅު ކުރެއްވިއެވެ. "ޔާ މުއާދް އެވެ. މި ތިން މީހުންނަކީ ނަރަކައަށް އެންމެ ފުރަތަމަ ވަންނާނެ ތިން މީހުންނެވެ. ނަރަކަ ވަންތަވެރިން ވަންނާނީ މި ތިން މީހުންގެ ފަހަތުންނެވެ."

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!