ކުށެއް ކުރެވުމުން އެކުށް ގަބޫލުކޮށް އެކުށަށް މަޢާފަށް އެދޭށެވެ. ބަދަލުގައި ޖަދަލު ނުކުރާށެވެ.
އެއްވެސް އިންސާނަކީ އެންމެ ފުރިހަމަ މީހެއް ނޫނެވެ. މަސައްކަތުގެ މާހައުލުގައި ވެސް އަދި އާންމު ދިރިއުޅުމުގައި ވެސް ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެކަން އަޅުގަނޑުމެން ގަބޫލު ކުރަން އެބަ ޖެހެއެވެ. އަދި ކުށެއް ކުރެވުމުން އެކުރެވުނީ ކުށެއްކަން އަމިއްލައަށް ގަބޫލުކޮށް އެކުށް ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށް އަޒުމު ކަނޑައަޅައި މަޢާފަށް އެދެން ޖެހޭ ބައެއްގެ ކިބައިން މަޢާފަށް ވެސް އެދެން ވާނެއެވެ.
އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެންނަމުންދާ މަންޒަރަކީ މިއާ މުޅިން ޚިލާފު މަންޒަރެކެވެ. ކުށެއް ކުރެވުމުން ތިބާ ގާތުގައި އެކުރީ ކުށެއް ކަން ބުނެދިނުމަކީ އެވާހަކަ ބުނެދޭ މީހާ ކުށްވެރިވާ ކަމަކަށް މިވަނީ ވެފައެވެ. މިފަދަ ކަންކަމަކީ އެއްވެސް ޙާލެއްގައި ތިބާ ދެރަ ކޮށްލުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫނެވެ. ތިމާއަށް ކުރެވުނީ ކުށެއްކަން އަންގައިދީ އެކަން ތަކުރާރު ނުކުރުމަށް ވެދެވޭ އެހީތެރިކަމެކެވެ.
މިކަމުގެ އަނެއްކޮޅު ވެސް އެބައޮތެވެ. ކޮންމެ ކަމެއްގެ ވެސް ދެކޮޅު އޮންނަ ބީދައިންނެވެ. ކުރިން ވެސް ދެންނެވި ފަދައިން އަޅުގަނޑުމެން އެއްވެސް އިންސާނަކީ އެންމެ ފުރިހަމަ މީހެއް ނޫނެވެ. ކުށް ކުރެވޭނެ އެވެ. އެކަން ގަބޫލު ކުރަން ވާނެއެވެ. އަދި ނޭނގި ނަމަވެސް ބައެއް ފަހަރަށް ކުށެއް ކުރެވިދާނެކަން ވެސް ގަބޫލު ކުރަން ވާނެއެވެ.
ނަމަވެސް ކުށް ކުރެވުމުން މަޢާފަށް އެދުމާއި މަޢާފު ކުރުން އެއީ އޮންނަ ކަމެކެވެ. އަދި އެއީ ރީތި އާދައެކެވެ. އެ ކުށް ދެވަނަ ފަހަރަށް ތަކުރާރު ނުކުރެވޭނީ ވެސް އަމިއްލަ ކުށް ގަބޫލުކޮށް އެކަން ރަނގަޅު ކުރަން މަސައްކަތް ކުރުމުންނެވެ.
ތިބާ އަކީ އެންމެ ފުރިހަމަ މީހާ ކަމުގައި އަމިއްލައަަށް ގަބޫލު ނުކުރާށެވެ. އެހެން ވެއްޖެ ނަމަ ތިބާއަށް ދިރިއުޅުމުގައި ކުރިއަށް ނުދެވިދާނެއެވެ. ސަބަބަކީ ބޮޑާކަމުގެ ސިފަ އަކީ ކޮންމެ މީހެއްގެ ވެސް ކުރިއެރުމަށް ހުރަސް އެޅޭ ސިފައަކަށް ވާތީއެވެ.
އަދިވެސް ބުނަމެވެ. މަޢާފަށް އެދުމުން ފުރުސަތުގެ ބޭނުން ހިފާ އަނެކާއާ ދިމާއަށް ހިތު ހުރިހާ އެއްޗެއް ގޮވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ. މިކަން ގަބޫލު ކުރަން ބޭނުން ނުވި ނަމަވެސް މިއީ ހަގީގަތެވެ.