އެންމެ އިސްކަމެއް ދޭނީ ކުށްކުރާ ކުދިން ވެސް އިސްލާހު ކުރުމަށް: ޖުވެނައިލް ކޯޓު

ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ކުދިންނާއި ދައުވާ ކުރެވޭ މަރުޙަލާތަކުގައި ތިބޭ ކުދިންގެ މައްސަލަތަކުގައި ވެސް އެންމެ އިސްކަމެއް ދޭނީ އެކުދިންގެ މައްޗަށް ދައުވާ ކުރުމުގެ ބަދަލުގައި ޑައިވަރޝަން ޕްރޮގްރާމެއްގައި އެކުދިން ބައިވެރިކޮށް، އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި މަސައްކަތް ކުރުމަށް ކަމުގައި ޖުވެނައިލް ކޯޓުން ބުނެފިއެވެ.
ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އިއްޔެ ޢަމަލު ކުރަން ފަށާފައިވާއިރު ޢުމުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކުގައި ޢަމަލު ކުރަން ޖެހޭ ޚާއްޞަ އުޞޫލުތަކާއި، 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި އަދި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާ މެދު ޢަމަލު ކުރާނެ ގޮތުގެ އުސޫލުތައް ވެސް ބަޔާން ކޮށްފައިވެއެވެ.
ޖުވެނައިލް ކޯޓުން ބުނީ، ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ކުދިންނާއި ދަޢުވާ ކުރުމުގެ މަރުޙަލާގައި ތިބޭ ކުދިންގެ މައްސަލަތަކުގައި ވެސް އެންމެ އިސްކަމެއް ދެވޭނީ، އެފަދަ ކުދިންގެ މައްޗަށް ދަޢުވާ ކުރުމުގެ ބަދަލުގައި ޑައިވަރޝަން ޕްރޮގްރާމެއްގައި އެކުދިން ބައިވެރިކޮށް، އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި މަސައްކަތް ކުރުމަށް ކަމަށާއި، ދަޢުވާ ކުރަންޖެހޭ މައްސަލަތަކުގައި ވެސް، ކުދިންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް އެކުދިން އިޞްލާހުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަކީ، މި ޤާނޫނު ތަންފީޛު ކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭ ކަންތައް ކަމުގައެވެ.