ކޮވިޑް-19: އަދަދުތައް މަދުވުން، ފަރުވާ ކުޑަ ކުރަންވީ ސަބަބެއް ނޫން!
އަހަރެއް ނިމިގެން މިދަނީ، ކޮރޯނާ ވައިރަސް ނުވަތަ އާއްމު ނަމުން ނަމަ ކޮވިޑް-19 ގެ ވަބާގައެވެ.
އެކި ޤައުމުތަކަށް ޒިޔާރަތް ކުރަމުން ގޮސް، މިބަލިމަޑުކަން ވަނީ ރާއްޖެފަދަ މިކުޑަ ޖަޒީރާ ޤައުމުގައި ވެސް ފެތުރިފައެވެ. ރިކޯޑުތަކަށް ބަލާލާއިރު، ރާއްޖެއިން އެންމެ ގަދަޔަށް ބަލި ފެތުރިފައި ވަނީ ވެރި ރަށް މާލޭ ގައެވެ. އެހެންކަމުން ބަލި ކޮންޓްރޯލު ކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި އެހެނިހެން މުއައްސަސާތައް ގުޅިގެން ވަނީ އެތަކެއް މަސައްކަތްތަކެއް ކޮށްފައެވެ.
އޭގެ ތެރޭގައި، މާލެ ސަރަޙައްދާއި ބަލި ފެތުރިފައިވާ ރަށްތަކުގައި ބޭރަށް ނިކުމެ އުޅޭއިރު މާސްކު އަޅައިގެން ބޭރަށް ނިކުމެ އުޅުން މަޖުބޫރު ކަމުގައި ހެދިއެވެ. މިއަހަރުގެ ކުރީކޮޅު މާލެ ސަރަޙައްދު (މޭލެ، ވިލިމާލެ، ހުޅުމާލެ) ފުރަބަންދު ވެސް ކުރިއެވެ. އެއީ އެދުވަސްވަރު ބަލި ފެތުރެމުން އައި މިންވަރު އެތައް ގުނައެއް އިތުރު ވަމުން ދިޔުމުންނެވެ.
އެނިންމުމާ ގުޅިގެން ކޮވިޑް-19 ފެތުރެން ފެށި އަދަދު މަދުވަމުން ގޮސް، ލިބުނު އުފާވެރި ޚަބަރަކީ ފުރަބަންދަށް ލުޔެއްދީ، ބޭރުގައި އުޅެން ހުއްދަ ލިބުމެވެ. އޭގެ އިތުރުން ވިޔަފާރި ކުރާ ތަންތަނާއި ހޮޓާ، ރެސްޓޯރަންޓު ކެފޭ ފަދަ ތަންތަން ވެސް ހުޅުވުނެވެ.
ނަމަވެސް އަނެއްކާ ވެސް ކަޅު ދުވަސްތަކެއް ވެރިވާން ފެށިއެވެ. ކޮންމެ ދުވަހަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތަކަށް ބަލާލާއިރު، 200 ނުވަތަ އެއަށް ވުރެ މަތި ވެސް ވެފައި ހުރެއެވެ. ގިނަ ދުވަސް ދުވަހު ފައްސިވާ ޢަދަދު 100 އަށްވުރެ މައްޗަށް އެރިއެވެ.
އެހެންކަމުން މަޖުބޫރު ހާލަތުގެ ދަށުން މިއަހަރުގެ މެދެއްހާ ހިސާބުގައި އަނެއްކާވެސް ޖެހުނީ ވަކި ވަގުތުތަކެއްގައި ކާފިއު އިއުލާނު ކުރާށެވެ. އެގޮތުން ރޭގަނޑު 8:00 ގެ ފަހުން އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރުމާއި، 9:30 ގެ ފަހުން ވިޔަފާރިކުރާ ތަންތަން ބަންދުކޮށް، 10:00 ން ފެށިގެން އަނެއް ދުވަހުގެ ފަތިހު 5:00 ޖަހަންދެން ބޭރުގައި އުޅުން ވެސް މަނާ ކުރިއެވެ.
މިނިންމުމުގެ އަސަރު އަނެއްކާވެސް ފައްސިވާ އަދަދުތަކަށް ކުރިއެވެ. އަދަދުތައް ދަށަށް ދާން ފެށުމުން އަނެއްކާވެސް ލުއި ދެވުނެވެ. އެގޮތުން ސެޕްޓެމްބަރު މަހު ނިންމީ ރޭގަނޑު 10:00 ން އަނެއް ދުވަހުގެ ފަތިހު 4:00 ޖަހަންދެން ދުއްވާ އެއްޗެހި ނުދުއްވޭނެ ކަމަށާއި ބޭރުގައި ވެސް ނޫޅެވޭނެ ކަމަށެވެ.
ކުރިން 200 އަރަމުން ދިޔަ އަދަދުތައް ފަހުން 100 އަށް ވެސް ނާރައެވެ. އެހެންކަމުން އޮކްޓޯބަރު މަހު އަނެއްކާ ވެސް ލުިއ ދިނެވެ. މިފަހަރު ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:00 ޖަހަންދެން މަނާވާ ގޮތަށެވެ. އަދި މިދިޔަ ނޮވެމްބަރު މަހު ލުއި ދިނީ 00:00 ން ފަތިހު 4:00 އާއި ހަމައަށް މަނާވާ ގޮތަށެވެ.
މިހާރުގެ އަދަދުތަކަށް ބަލާލާއިރު، ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ގިނަ ދުވަސް ދުވަހު ހުންނަނީ 50 އަށް ވެސް ނާރައެވެ. އަދި ބަލިން ފަސޭހަވާ މީހުންގެ އަދަދު ވެސް ގިނަކަން ފާހަގަވެއެވެ.
އަދަދުތައް ފެނިފައި ހިތްހަމަ ޖެހުނު ކަމުގައި ވިޔަސް އަދިވެސް މިބަލި އެއްކޮށް ފިލައިގެން ނުދާތީ ކޮންމެ ރައްޔިތަކު ވެސް ރައްކާތެރިވުމަށާއި ފަރުދީ ޒިންމާ އަދާކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ހަނދާން ކޮށްދެމުންނެވެ. އެގޮތުން ގިނަ މީހުން އެއްތަނެއްގައި އެއްވެގެން ނުތިބުމަށާއި، އެކަކު އަނެކަކާއި ތިން ފޫޓު ދުރުމިން ބެހެއްޓުމަށާއި ގިނަ ގިނައިން އަތް ދޮވުން ނުވަތަ ހޭންޑް ސެނިޓައިޒަރ ބޭނުން ކުރުން މުހިންމެވެ. އަދި ކުޑަ ނަމަވެސް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ފްލޫ ކްލިނިކަކަށް ވަޑައިގަތުމަށް ވެސް އެދިލައްވާފައިވެއެވެ.
ދުނިޔޭގެ އެހެން ބޮޑެތި ޤައުމުތަކަށް ބަލާލި ކަމުގައިވީ ނަމަވެސް، ބަލިފެތުރުން ކޮންޓްރޯލް ވެފައި ، އަނެއްކާ ފެތުރިފައި ވެސް އެބަހުއްޓެވެ. މިސާލަކަށް ބުނާނަމަ އިޓަލީވިލާތް ހިމެނެއެވެ. އެޤައުމުން މިހާރުވެސް ކޮންމެ ދުވަހަކު 1000 އަށް ވުރެ ގިނަ މީހުން ބައްޔަށް ފައްސި ވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
ވީމާ އަހަރުމެން ދިވެހީން ވެސް މިބަލި ދެން ބޮޑުކޮށް ނުފެތުރޭނެ ކަމަށާއި ރާއްޖޭގައި މިހާރު ކޮވިޑް-19 ނެތް ކަމަށް ޤަބޫލު ނުކޮށް، އަދިވެސް އިތުރަށް ރައްކާތެރިވެގެން އުޅުން ވަރަށް މުހިންމެވެ.
މިއަދު އަޅުގަނޑުމެންނަށް މަގުތައް މަތިން ފެންނަނީ ވަރަށް ހިތާމަވެރި މަންޒަރެވެ. ގިނަ މީހުން އެއްވެގެން ތަންތަނަށް ދިޔުމާއި، އެއްވުމާއި، އަންގާފައިވާ މިންގަނޑުތަކާއި ޚިލާފުވުން ފަދަ ހިތާމަވެރި މަންޒަރެވެ. އޭގެ އިތުރުން ބައެއް މީހުން މާސްކު އެޅުން ވެސް ހަމައެކަނި ޖޫރިމަނާ އަކުން ސަލާމަތް ވުމުގެ ގޮތުން އަޅާ އެޅުމަކަށް ހަދާފައިވާ މަންޒަރެވެ. ގިނަ މީހުންގެ މާސްކު އަޅާފައި ހުންނަނީ ހަމައެކަނި އެމީހުންގެ ދަތް ދޮޅީގައެވެ. ނުވަތަ ކަރުގައެވެ.
ސަރުކާރު މަތީ ބޭފުޅުން ވައިރަސް ފްރީ..