ޚަބަރު

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގު އޮތީ ވަޅުޖެހިފައި: އަފީފް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފް/ ފޮޓޯ: މަޖިލިސް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތަހުގީގު ވަޅުޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ، މީހުން ޓްރެފިކް ކުރުމަކީ ރާއްޖޭގައި ވަރަށް ދުވަސް ވަންދެން ހިނގަމުން އައިސްފައިވާ ކަމެއް ކަމަށާއި އެކަން މައްސަލައަކަށް ވީ ދައުލަތުގެ ފަރާތުން ކަންތައްތައް އިސްލާހުކޮށް މަސްއޫލިއްޔަތު އަދާކުރަން ތިއްބެވި ބޭފުޅުން މިފަދަ ވައްކަން ކުރުމުން ކަމަށެވެ.

ގާނޫނުތައް ހެދިދާނެ ކަމަށާއި، އަދި އިސްލާހު ވެސް ކުރެވިދާނެ ކަމަށް ވިދާޅުވަމުން އަފީފް ވިދާޅުވީ މައްސަލައަކީ ގާނޫނު ނެތުން ނޫން ކަމަށެވެ. މައްސަލައަކީ މަސްއޫލިއްޔަތު ނަގަން ތިބޭ ފަރާތްތަކުން ގާނޫނަށް ބޯނުލެނބުން ކަމަށް ވެސް މެންބަރު އަފީފް ވިދާޅުވިއެވެ.

ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނު ވެސް މަޖިލީހުން ފާސްކޮށްފައި އޮތް ނަމަވެސް ކޮރަޕްޝަން ވެސް ނުހުއްޓުވިގެން އުޅޭކަން ފާހަގަ ކުރައްވަމުން އަފީފް ވިދާޅުވީ އެންމެބޮޑަށް ދެކެވޭ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަވެސް މިހާރު އޮތީ ވަޅުޖެހިފައި ކަމަށެވެ.

"އަޅުގަނޑުމެން ބާރުލާފަ ވާހަކަ ދައްކަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ވާހަކަ. އެ މިހާރު ވެސް އޮތީ ގާތްގަނޑަކަށް ވަޅުޖެހިފައި އެ މައްސަލަ." އަފީފް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!