ވަންނާނެ ގެދޮރެއްނެތި މާލޭގައި ދިރިއުޅެމުންދާ މީހުންނަށް އެހީވުމަށް ކެނެޑާއިން ދިން އެހީއެއް ކުރިކަމެއް ސާފުކޮށްދޭންޖެހޭ:މުޢިއްޒު
މާލޭގައި ދިރިއުޅޭ ، ވަންނާނެ ގެދޮރެއް ނެތް އަދި އެހީތެރިކަމަށް ބޭނުންވާ ރައްޔިތުންނަށް އެހީވެ ދިނުމަށް ކެނެޑާ ސަރުކާރުން ވެދެއްވި އެހީއިން ކުރިކަމެއް ، ސާފުކޮށްދޭންޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގައި ދިރިއުޅޭ ދަތި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކެނެޑާ ސަރުކާރުން އެއް މިލިއަން ރުފިޔާގެ އެހީއެއް ވެދޭ ކަމުގެ އެއްބަސްވުމުގައި ސޮއި ކުރައްވައިފި ކަމަށް މިދިޔަ މެއި މަހު ، ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދު ވިދާޅުވި ބަސްކޮޅެއް ހާމަ ކުރައްވަމުން ޑރ.މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ ޙައްޤުގައި ވެސް އެ އެހީއިން ކުރި ކަމެއް ސާފުކޮށްދޭން ޖެހޭ ކަމަށާއި މާލޭ ސިޓީ ކައުންސިލަކީ މާލޭގެ މިފަދަ ނިކަމެތި ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ.
ޑރ.މުޢިއްޒު މިފަދައިން ވިދާޅުވިއިރު ކޮވިޑް19އާ ގުޅިގެން ހާލުގައި ޖެހި ، މާލޭގައި ވަންނާނެ ގެދޮރެއް ނެތި ކާނެ އެއްޗެއް ނުލިބި އެތައް ބަޔަކު ދިރިއުޅެމުންދާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ލޯކަލް މާރުކޭޓްގައި ނިދާ ، ސަލާން ޖަހާ އަދި ކުނި ހޮވައިގެން ކައިހަދާ 40 އެއްހާ މީހުން އުޅޭ ކަމަށް އެކި މީޑިއާތަކުން ގެނެސްދީފައި ވެއެވެ. މީގެ އިތުރުން ކަރަންޓްބިލް ނުދެއްކި ކަނުއަދިރީގައި 15 އެއްހާ ދުވަހު މާލޭގައި ދިރިއުޅުނު އާއިލާއެއްގެ ވާހަކަ ވެސް ފެންމަތި ވެފައިވެއެވެ.
Jaha