ޚަބަރު

ވެންޓިލޭޓަރު ގެންނަން ކުރި މަސައްކަތުގައި އަމީން ވަނީ ގަސްތުގައި މަޖިލިހަށް އޮޅުވާލާފައި: ކޮމިޓީ ރިޕޯޓު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޢަބްދުﷲ އަމީން/ ފޮޓޯ: މަޖިލިސް

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރާއްޖެއަށް ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މަސައްކަތުގައި ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުުﷲ އަމީން ވަނީ ރައްޔިތުންގެ މަޖިލީހަށް ގަސްދުގައި އޮޅުވާލައްވާފައިވާ ކަމަށް މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން ނިންމައިފިއެވެ.

Ads by Sosun Fihaara

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ނަަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެންނަން ކުރި މަސައްކަތާ ބެހޭ ގޮތުން އަމީން އޮޅުވާލާފައިވާ ކަމަށް ބުނެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވަނީ، މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރީގެ ހެލްތު މިނިސްޓަރަށް ފޮނުއްވި ސުވާލަށް ދެއްވި ޖަވާބާއި ކޮމިޓީ ބައްދަލުވުމުގައި ކުރި ސުވާލަށް ދިން ޖަވާބު އެއްގޮތް ކަމަށެވެ. ނަމަވެސް އޮޑިޓަރ ޖެނެރަލް އޮފީހުން އާންމު ކުރި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައުލޫމާތު ތަފާތުވާ ކަމަށް އެރިޕޯޓުގައިވެއެވެ.

އަމީން ކުރިން ފޮނުއްވި މައުލޫމާތުގައި ވިދާޅުވެފައިވަނީ ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" އަށް ވެންޓިލޭޓަރުތައް ގެނެސްދޭން ހަވާލުކުރީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް ކަމަށެވެ. ނަމަވެސް އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި އެއީ ޑަބްލިއުއެޗްއޯއިން ލަފާ ދިން ކުންފުންޏެއް ނޫން ކަން ވަނީ ހާމަވެފައެވެ. އެނގިފައިވާ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން އެންމެ ބޮޑަށް ތަހުގީގު ކޮށްފައިވަނީ ވެސް މިމައްސަލައެވެ.

މީގެއިތުރުން އެރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ، ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހާ ރަސްމީކޮށް މުއާމަލާތްކުރީ ހެލްތު މިނިސްޓްރީގެ މުވައްޒަފަކާ ކަން ނުވަތަ މިނިސްޓްރީއާ ގުޅުން ހުރި ފަރާތަކާ ކަން އެނގެން ނެތް ކަން ކޮމިޓީ އަށް ފާހަގަ ކުރެވުނު ކަމަށެވެ. އަދި ދެ ފަރާތުގެ ދެމެދުގައި ކުރި ރަސްމީ އެއްވެސް ލިޔުމެއް ކޮމިޓީ އަށް ހުށަހެޅުމުގެ ފުރުސަތު ދީފައިވީ ނަމަވެސް ރަސްމީ ލިޔުމެއް ކޮމިޓީ އަށް ހުށަހަޅާފައި ނުވާކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

މިއަދު ހަވީރު އޮންނަ މަޖިލިސް ޖަލްސާގައި އެރިޕޯޓަށް ބަހުސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ، އެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަމީނާއި ބިޑް ކޮމިޓީގެ މެމްބަރުންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމުން، އެއޮފީހުން ވަނީ އެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރެވޭނެ އެކަށީގެންވާ ހެއްކެއް ނެތް ކަމަށް ވިދާޅުވެ، މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!