ދީން

ޤިޔާމަތް ކައިރިވެއްޖެ ކަން އަންގައިދޭ ޢަލާމާތްތައް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދުނިޔެ ނިމުން ނުވަތަ ޤިޔާމަތްވުން ގާތްވެގެން އަންނަ އިރު އެކަމުގެ މައްޗަށް ހުރި އަލާމާތްތަކެއް ފާޅުވެ ފާޅުވެ ހުންނާނެއެވެ. އެއީ އެއީ ޤިޔާމަތްވުމުގެ ޢަލާމާތްތަކެވެ. ޤިޔާމަތްވުމުގެ ޢަލާމާތްތައް ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ޤިޔާމަތްވުމުގެ ކުދި ޢަލާމާތްތަކާއި ބޮޑެތި އަލާމާތްތަކެވެ. މީގެ ތެރެއިން ހިމެނޭ ބައެއްކަންތައް ތަކަކީ އެކަންތައް ތަކުން މީސްތަކުންނަށް ރައްކައުތެރި ނުވެވޭ ބާވަތުގެ ކަންތައްތަކެވެ. އެގޮތުން
އެއްކަމަކީ ބިންހެލުން ގިނަވުމެވެ. މިކަމަކީ އެކަމުގެ މައްޗަށްބާރެއް ފޯރުވެވޭނޭ ކަމެއް ނޫނެވެ. އަދި އަނެއް ކަމަކީ ފިތުނަތައް އިންތިހާއަށް ގިނަވުމެވެ. 

Ads by STELCO

މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢަށް ބަލާލިކަމުގައި ވީނަމަވެސް ފިތުނަތައް ވަނީ އިންތިހާއަށް ގިނަވެފައެވެ. ޒިނޭ ކުރުން އާންމުވެ، މާރާމާރީތައް ގިނަވެ އަދި ވައްކަން ކުރުންފަދަ ޢަމަލުތައް ވަނީ އާންމުވެފައެވެ. އަދި އެފަދަ ކަމެއްގެ ސަބަބުން ގެއްލުން ލިބޭ އެއްވެސް މީހަކަށް އިންސާފު ނުލިބޭ ހިސާބަށް މިއަދު މިވަނީ ކަންކަން ގޮސްފައެވެ. އަދުލު އިންސާފު ނެތިގެން ދިއުމަކީ ވެސް ޤިޔާމަތުގެ އަލާމާތެކެވެ.

 ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. 
ހަމަކަށަވަރުން ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ކަނު އަނދިރި ރެއެއްގެ އަނދިރިގަނޑު ފަދަ ފިތުނަތަކެއް ކުރިމަތިވުމުގެ ކުރިން ހެޔޮ އަމަލު ކުރުމަށް އަވަސްވެ ގަންނާށެވެ.! އެހައިރުން، ހެނދުނު މުއުމިނެއްގެ ގޮތުގައި ހުންނަ މީހާ ހަވީރު ހުންނާނީ ކާފިރެއްގެ ގޮތުގައެވެ. ނުވަތަ ހަވީރު މުއުމިނެއްގެ ގޮތުގައި ހުންނަ މީހާ ހެނދުނު ހުންނާނީ ކާފިރެއްގެ ގޮތުގައެވެ. އަދި ދުނިޔޭގެ ފަނާވަނިވި މުދާކޮޅަކަށް އޭނާގެ ދީން ވިއްކައިލާނެއެވެ." (ރަވާހު މުސްލިމް)

އަދި ހަމައެހެންމެ އަމާނާތްތެރިކަން ގެއްލި ހިޔާނާތްތެރިން ގިނަވެ، ޖާހިލުކަން ފެތުރި މުޅި ދުނިޔެއިން ޢިލްމު ނެތިގެން ދިއުމުގެ އިތުރުން މިސްކިތް ބިނާ ކުރުމުގައި ވާދަވެރިވެ ފަޚުރުވެރިވުމަކީ ވެސް ހަމަ ދުނިޔެ ޤިޔާމަތް ވާން އުޅޭކަމުގެ އަލާމާތެކެވެ. އަދި ދަންނަވަންތޯއެވެ؟ މަރުވުމަށް އެދުމާއި، މުދާ އިތުރުވެ ތިޔާގި ވުމުގެ ސަބަބުން ޞަދަގާތް ހިފާނެ މީހަކު ނުވާ ދުވަސް ވެސް އަދި އަންނާނެއެވެ. 

ދުނިޔެ ނިމުން ނުވަތަ ޤިޔާމަތްވުން ގާތްވެގެން އަންނައިރު ގިޔާމަތްވުމުގެ ބޮޑެތި އަލާމާތްތަކެއް ފުލުފުލުން ފާޅުވަމުންދާނެއެވެ. މި ބޮޑެތި އަލާމާތްކަކަކީ ވަރަށްވެސް އާދަޔާ ޚިލާފު ބޮޑެތި ހާދިސާ ތަކެކެވެ. އާދަޔާ ޚިލާފު ބޮޑެތި ކަންތައްތަކެކެވެ. މި ބޮޑެތި ކަންތައްތަކަށް ބޮޑެތި އަލާމަތްތަކޭ ކިޔުނީ މިކަންތައް ތަކަކީ ޢާއްމުކޮށް ހިނގާ ކަންތައް ތަކެއް ކަމުގައި ނުވާތީ އެވެ. އަދި އެކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވުމުގެ ސަބަބުންނެވެ.

 ރުއްސުންލެއްވި ޚުޛައިފަތު ބުނު އަސީދުނިލްޣިފާރީ ވިދާޅުވިއެވެ. ތިމަންބޭކަލުން ވާހަކަ ދައްކަވަން ތިއްބަވަނިކޮށް ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނު ތިމަންބޭކަލުންގެ އަރިހަށް ވަޑައިގަތެވެ. ޙަދީޘް ކުރެއްވިއެވެ. ތިޔަބޭކަލުން ތިޔަ ދައްކަވަނީ ކޮންވާހަކައެއް ހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. އަޅުގަނޑުމެން މިދައްކަނީ ޤިޔާމަތް ވުމުގެ ވާހަކައެވެ. ޙަދީޘްކުރެއްވި އެވެ. "ހަމަކަށަވަރުން ދިހަ އަލާމާތެއް ފެނިއްޖައުމަށް ދާންދެން ޤިޔާމަތް ނުވާ ހުއްޓެވެ. ފަހެ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ދިހަ ޢަލާމާތެއް ފެނިއްޖައުމަށް ދާންދެން ޤިޔާމަތްނުވާ ހުއްޓެވެ. ފަހެ ޙަދީޘް ކުރެއްވިއެވެ. އެއީ، ދުންގަނޑެއް ފާޅުވުމާއި، ދައްޖާލު އެރުމާއި،ބިމު ދާއްބައެއް ނިކުތުމާއި، ހުޅަނގުފަރާތުން އިރުއެރުމާއި، މަރުޔަމްގެފާނުގެ ދަރިކަލުން އީސާ ޢަލައިހިއްސަލާމް ފައިބައި ވަޑައިގަތުމާއި، ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ނިކުތުމާއި، ބިންގަނޑު ގަންބައިގަތުމާއި، އެއީ އިރުމަތީ ފަރާތުގެ ގަންބަވައި ގަތުމަކާއި، ހުޅަނގުފަރާތުގެ ގަންބަވައި ގަތުމަކާއި، އަރަބިކަރައިގެ ގަންބަވައިގަތުމެކެވެ. މި ޢަލާމާތްތަކުގެ އެންމެ ފަހު ޢަލާމާތަކީ ޔަމަނުކަރައިން ނިކުމެގެން އެންމެން އެއްތަނަކަށް ލައްވަމުން ގެންދާ އަލިފާން ގަނޑެކެވެ."

ބޮޑެތި އަލާމާތްތަކުގެ ތެރޭގައި:

  •  ދައްޖާލު އެރުން

ދައްޖާލު އެރުމަކީ ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތަކުގެ ފުރަތަމަ ޢަލާމާތެވެ. ދައްޖާލަކީ މީހެކެވެ. ނަމަވެސް އާދައިގެ މީސްމީހުންނާ ތަފާތު ސިފަތަކަކުން އޭނާ ސިފަކުރެވިގެން ވެއެވެ. ޞައްޙަމަގުން ވާރިދުވެފައި ހުންނަ ޙަދީޘްތަކުން މިކަން ސާބިތުވެއެވެ. މީސްތަކުން އޭނާ ދެނެގަނެ އޭނާގެ ނުބައިކަމުން ސަލާމަތްވެގަތުމުގެ ޙިކުމަތަށްޓަކައި ރަސޫލު ޞައްލައްﷲ ޢަލައިހިވަސައްލަމް އޭނާގެ ގިނަސިފަތައް މިއުއްމަތަށް ބަޔާންކޮށްދެއްވާފައި ވެއެވެ. ދައްޖާލު އަރާޒަމާނެއްގައި ދުނިޔޭގައި ތިބި މުއުމިންނަށް އޭނާގެ ކިބައިން ސަލާމަތް ވުމަށްޓަކައެވެ. (ދަރުމަ ސެޕްޓެމްބަރ 2005)

  •  އީސާ އަލައިހިއް ސަލާމް ބިމަށް ފައިބާ ވަޑައިގަތުން

 ރުއްސުންލެއްވި އަބޫހުރައިރާ ރިވާކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. ރަސޫލާ ހަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ ބާރުގެ ދަށުގައި ވާ މާތްﷲ ގަންދެއްވައި ވިދާޅުވަމެވެ. ތިޔަބައިމީހުންގެ ތެރެއިން ޢަދުލުވެރި ޙާކިމެއްގެ ގޮތުގައި އިބުނު މަރްޔަމް(އެބަހީ ޢީސާގެފާނު) ފައިބައި ވަޑައިގަތުން ހަމަކަށަވަރުން ގާތްވެއްޖެއެވެ. އެކަލޭގެފާނު ފައިބައި ވަޑައިގެން ޞަލީބުތައް ހަލާކު ކުރައްވައި އޫރުތައް ޤަތުލުކުރައްވާނެއެވެ. އަދި ޖިޒީނެގުން ހުއްޓުވައިލައްވާނެއެވެ. އެއްވެސް މީހަކު ބޭނުންނުކުރާ މިންވަރަށް މުދާ ގިނަވެގެން ދާނެއެވެ. އެންމެ ސަޖިދައެއްވެސް ދުނިޔެއާއި ދުނިޔޭގައިވާހާ ތަކެއްޗަށްވުރެ ހެޔޮކަންބޮޑު ކަމެއްކަމުގައި ވެއްޖައުމަށް ދާންދެނެވެ." (ރިވާހު ބުޚާރީ)

  •  ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ނިކުތުން

ޒުލްޤަރުނައިން ލެއްވި ދަގަނޑުފާރުގެ ހުރަހަކީ ދެފަރުބަދަ ދެމެދުގައި ލެއްވި ހުރަހެކެވެ. މިހުރަސް ހުރިތަނެއް މިހާރަކު ކަނޑައެޅިގެން އެނގިގެނެއް ނުވެއެވެ. ކޮންމެއަކަސް ޤިޔާމަތް ގާތްވުމުން އެހުރަސް ކުނޑި ކުނޑިވެގެން ދާނެއެވެ. ދެން ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ނިކުންނާނެއެވެ. އެއީ ޤިޔާމަތް ގާތްވުމުގެ ބޮޑެތި އަލާމާތުގެ ތެރެއިން ޢަލާމާތެކެވެ. ދައްޖާލަކީވެސް ފަހުޒަމާނުގައި ނުކުންނަ މީހެއްފަދައިން ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނަކީ ވެސް ފަހުޒަމާނުގައި ނިކުންނަ ބައިގަނޑެކެވެ. ހިޖުރައިން ހަތްވަނަ ޤަރުނުގައި ފާޅުވެގެން ދުނިޔޭގެ އެތަން މިތަން ފަސާދަކޮށް އުޅުނު ތަތަރުންނަކީ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނެއް ނޫނެވެ. މި ނުރައްކާތެރި ބައިގަނޑު އަދިއެއް ނުނިކުމެއެވެ. އެބައިމީހުން ނިކުންނާނީ ޢީސާ އަލައިހިއްސަލާމް ފައިބައި ވަޑައިގަތުމަށްފަހުގައެވެ. އަދި އެކަލޭގެފާނު ދައްޖާލު ގަތުލު ކުރެއްވުމަށް ފަހުގައެވެ. އަދި އެބައިމީހުން ހަލާކުވެ މަރުވެގެންދާނީ އެކަލޭގެފާނު ﷲ ގެ ޙަޟުރަތަށް ދުއާކުރެއްވުމަށްފަހުގައެވެ.

ޔައުޖޫޖު މައުޖޫޖު އަކީ އާދަޔާ ޚިލާފު ބައެކެވެ. އަދި ނުހަނު މީހުން ގިނަ ބައިގަނޑެކެވެ. ބާރުގަދަ ބައެއްވެސް މެއެވެ. އެބައިމީހުންނާ ހަނގުރާމަކުރުމަކީ އެއްވެސް ބަޔަކަށް ކުޅަދާނަވެގެންވާނޭ ކަމެއްނޫނެވެ. މިހުންނަނީ ޞައްޙަ ޙަދީޘުން ޘާބިތުވާ ކަންކަމެވެ. އެބައިމީހުންކުރެ މީހެއްގެ ދިގުމިނަކީ ކައިވަތެކޭ ނުވަތަ ދެކައިވަތޭ ބުނުމަކީ ޞައްޙަމަގުން ވާރިދުވެގެން ދެކެވޭ ވާހަކައެއް ނޫނެވެ. ޔައުޖޫޖު މައުޖޫޖުގެ ވާހަކަ ކީރިތި ޤުރުއާނުންނާއި ޞައްޙަ ޙަދީޘުން ޘާބިތުވެއެވެ.

 

 

ސޯސް: ވަން އިސްލާމް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!