ދީން

ތިމާއާ ބެހޭ ގޮތުން ބަޔަކު ދޮގު ވާހަކައެއް ދައްކައިފިކަން އެނގުމުން އެންމެ ފުރަތަމަ މިގޮތަށް ކަންތައް ކުރާށެވެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިރިއުޅުމުގައި އެކި ކަހަލަ މީހުންނާ ދިމާވާނެއެވެ. އޭގެ ތެރެއިން އެއް ބަޔަކީ ތިމާ ނެތް ތަންތަނުގައި ތިމާގެ ނުބައި ވާހަކައާއި ހަގީގަތެއް ނެތް ދޮގު ވާހަކަ ދައްކާ މީހުންނެވެ.

Ads by STELCO

އެފަދަ މީހުން ތިމާއޭ ކިޔާފަ އެގޮތަށް ވާހަކަ ދައްކާކަން ތިމާއަށް އެނގޭނެ ފަހަރު ވެސް އަންނާނެއެވެ. ހަމަ ޔަގީނުން ވެސް މިއީ އެކަކު ވެސް ވާން ބޭނުން ވާނެ، އަދި އެކަމާ އުފާ ވެސް ވާނެ ކަންކަމެއް ނޫނެވެ.

މިފަދައިން ކަންތައް ވަނީ ކީއްވެގެން ކަމާއި މީހަކު ތިމާއާ ބެހޭގޮތުން އެގޮތަށް ނުބައި ވާހަކަ ދައްކައިފިކަން އެނގުމުން ކަންތައް ކުރަންވީ ގޮތް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ގެ ދަރުހެއްގައި މިވަނީ ހަނދުމަ ކޮށްދެއްވާފައެވެ.

"މީހަކު ތިމާއޭ ކިޔާފަ ނުބައި ވާހަކަ ދެއްކުމާއި ހަގީގަތާއި ޚިލާފު ވާހަކަ ދެއްކުމަކީ ވަރަށް އާއްމުވަމުން އަންނަ ކަމެކެވެ. އަދި މިއީ ވާން ޖެހޭ ވެސް ކަމެކެވެ. ނުވަތަ ކުރިމަތިލާން ޖެހޭ ވެސް ކަމެކެވެ.

މިއީ ވާންޖެހޭ ކަމެކޭ މިބުނަނީ ކީއްވެކަން އެނގޭ ހެއްޔެވެ؟ މާތް ﷲ އަހަރެމެން އިންސާނުން އުފެއްދެވިއިރު، އަހަރެމެން އިމްތިހާނު ކުރައްވާނެ ކަމަށް ވަނީ ވަޙީ ކުރައްވާފައެވެ. އެކަލާނގެ އަހަރެމެންގެ ގާތަށް ރަސޫލާ (ޞޢޥ) ވެސް ފޮނުއްވިއެވެ. އެއީ ކުރަންވީ ކަންތަކާއި ނުކުރަންވީ ކަންތައް އެނގުމަށެވެ. މާތް ﷲ ވަޙީ ކުރައްވާ އަހަރެމެންނަށް އަންގަވާފައި ވަނީ ރަސޫލާ (ޞޢޥ) ގެ ސުންނަތަށް އުޅުމަށެވެ. އެކަލޭގެފާނު ދެއްކެވި މިސާލުގެ މަތިން އުޅުމަށެވެ. އޭރުން އަހަރެންނަކަށް ނުބައި ކަމެއް ނުކުރެވޭނެއެވެ. އަދި ނުބައި މަގަކުން ވެސް ނުދެވޭނެއެވެ.

ރަސޫލާ (ޞޢޥ) ދިރިއުޅުއްވީ އެކަލޭގެފާނާ ބެހޭގޮތުން އެތައް ބަޔަކު ދޮގު ވާހަކަތައް ދައްކަމުން ދިޔަ ތަނެއްގައެވެ. އެބައިމީހުންގެ އެފަދައިން ވާހަކަ ދައްކާކަން އެކަލޭގެފާނަށް އެނގިވަޑައިގެން ވެސް ވިއެވެ.  އެހެންކަމުން މިކަމަކީ އެކަލޭގެފާނަށް ވެސް ތަޙައްމަލު ކުރައްވަން ޖެހިވަޑައިގެންނެވި ކަމެކެވެ.

އަހަރެމެންނަކީ އެކަލޭގެފާނުގެ އުންމަތުގެ މީހުންނެވެ. އަހަރެމެން އުޅެންވީ އެކަލޭގެފާނު މިސާލަކަށް ބަލައިގެންނެވެ. އެކަލޭގެފާނަށް ކުރިމަތިވި އެތައް ކަމަކާ އަހަރެމެންނަށް ވެސް ކުރިމަތިލާން ޖެހޭނެތީއެވެ.

މާތް ﷲ އަހަރެމެން އެކި ގޮތްގޮތުން އިމްތިހާނު ކުރައްވާނެއެވެ. މީހުން  ތިމާއާ ބެހޭ ގޮތުން އެފަދައިން ވާހަކަ ދެއްކުމާއި އެކަން ތިމާއަށް އެނގުމަކީ ވެސް، ތިމާ އެކަމާމެދު ޢަމަލު ކުރަނީ ކިހިނެއްތޯ ބެއްލެވުމަށް ކުރައްވަވާ އިމްތިހާނެކެވެ.

އެހެންކަމުން މީހަކު އަހަރުމެން ނެތް ތަނެއްގައި އަހަރުމެންގެ ނުބައި ވާހަކަ ދެއްކުމުން ނުވަތަ ދޮގު ވާހަކަ ދެއްކުމުން ނުވަތަ ދޮގު ތުހުމަތެއް ވިޔަސް އެޅުވުމުން، އެކަމާމެދު ކަންތައް ކުރަންވީ ގޮތް އެނގޭ ހެއްޔެވެ؟ ތިމާއަކީ ތަޤްްވާވެރިއެއް ނަމަ އަދި ފުރިހަމައަށް އިސްލާމްދީން ޤަބޫލުކުރާ އީމާންތެރިއެއްނަމަ، އެންމެ ފުރަތަމަ ކުރަންވާނެ ކަމަކީ އެފަދަ ވާހަކައެއް އެނގުމުން ވެސް މާތް ﷲ އަށް ޙަމްދުކޮށް ޝުކުރު އަދާ ކުރުމެވެ.

މީހަކު ތިމާއޭ ކިޔާފަ ދޮގު ވާހަކަ ދައްކައިފިނަމަ ވެސް، މާތް ﷲ އަށް ޝުކުރު އަދާ ކުރަން ބުނުމުން ބައެއް މީހުން ހައިރާން ވާނެއެވެ. ނަމަވެސް ހަނދާން ކުރަންވީ، ތިމާގެ ވާހަކަތައް ބަޔަކު އެހެން ދައްކާ، ތިމާއަށް އެނގުމުގެ މާނައަކީ އެކަލާނގެ ތިމާ އިމްތިހާނު ކުރެއްވުމަށް އިޚްތިޔާރު ކުރައްވައިފި ކަމެވެ.

މާތް ނަބިއްޔާ (ޞޢޥ) އަށް ވެސް ކުރިމަތިވި ފަދަ ދަތިކަމަކާ ތިބާ ވެސް ކުރިމަތި ލުމަށް މާތް ﷲ ތިބާ އިޚްތިޔާރު ކުރެއްވީއެވެ. އެކަލާނގެ ޙަޟްރަތަށް ޝުކުރު އަދާ ކުރަންވީ މިހެންވެއެވެ. ބައެއް މީހުން ބުނޭ ނޫން ހެއްޔެވެ؟ ތިމަންނާމެންނޭ ކިޔާފަ ދުވަހަކު ވެސް އެއްވެސް މީހަކު އެއްވެސް ގޯސް އެއްޗެއް ނުބުނެއެވެ. އެހެންކަމުން ތިމާއާ ބެހޭގޮތުން ބަޔަކު ގޯސް އެއްޗެއް، ޙައްޤު ނޫން ބަހެއް، ދޮގެއް ބުނުމުން އެކަމާ ޙަމްދު ކުރަންވީ މިހެން ވެއެވެ."

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!