ބޮޑު ވެގެން ވާން ބޭނުމީ ޑޮކްޓަރަކަށް ، ބޮޑުވާއިރު ވެސް ގައުމުގައި އެ ފުރުސަތެއް ނެތް!

ސުކޫލު ދައުރު ފަށައިގަތުމާއެކު، އެންމެ ފުރަތަމަ ވެސް ކޮންމެ ކުއްޖެއްގެ ގާތުގައި ވެސް އަހާލަން ބޭނުންވާ އެއް ސުވާލަކީ ބޮޑުވެގެން ވާން ބޭނުން ވަނީ ކޮން ކަހަލަ މީހަކަށްތޯއެވެ؟ އަދި ގިނަ ކުދިން އޭރުގައި ވާން ބޭނުންކަމަށް ބުނެފައިވާ މީހާއަށް މިއަދު ވެވިފައި ވޭތޯ ބަލާލުމަކީ ގިނަ ޓީޗަރުން ބަލަން ބޭނުންވާނެ ކަމެއްކަން ވެސް ގައިމެވެ.
އެންމެ ކުޑައިރުގައި ވެސް ޑޮކްޓަރުންނަށް ވާން ބޭނުންކަމަށް ބުނެ ކިޔަވަން ފަށައިގެން މިއަދު އެ ހުވަފެނުގައި ކުލަ ޖައްސަމުން އަންނަ ކުދިން މަދެއް ނޫނެވެ. އެހެން ނަމަވެސް ހިތާމައަކީ އެހުވަފެންތައް ހަގީގަތަށް ހެދުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމުގެ ދަތިކަމެވެ. އަދި ރާއްޖެއިން އެންމެ އެދެވޭ ފެންވަރެއްގެ ތަޢުލީމު ލިބެން ނެތުމެވެ.
މިއަދު ސަރުކާރުން ދޫކުރާ “ސްޓުޑެންޓް ލޯނު” ހޯދުމަކީ ވެސް ފަސޭހަކަމެއް ނޫނެވެ. އެ ލޯނު ހޯދައިގެން ރާއްޖެއިން ބޭރަށް އެކު ރޮނގުތަކުން ކިޔަވަން ގޮސް އުޅޭ ކުދިން މިއަދު އެކުދިންގެ ހުވަފެންތަކުގައި އެ ކުލަ ޖައްސާ ނިންމާލަނީއެވެ.
އެހެންނަމަވެސް ކިޔަވަން މިޖެހެނީ އަމިއްލަ އާއިލާއާ ދުރުގައެވެ. އުފަން ބިމާއި އަމިއްލަ ވަޠަން ދޫކުރުމަށް ފަހު އެހެން ގައުމެއްގައި ހުރެގެންނެވެ. ސުވާލަކީ ރާއްޖޭގައި ވެސް މިފަދަ ތަޢުލީމީ ނިޒާމެއް ޤާއިމު ނުކުރެވޭންވީ ސަބަބަކީ ކޮބައިތޯއެވެ؟ އަމިއްލަ އާއިލާ ގާތުގައި ނުވަތަ އަމިއްލަ ގައުމުގައި ހުރެގެން ނޫނީ އެފަދަ ހުވަފެންތައް ހަގީގަތަކަށް ބަދަލު ކުރެވެން ނެތީ ހެއްޔެވެ؟
އެންމެ ކުޑައިރު ވާން ބޭނުންވަނީ ކޮން މަސައްކަތެއް ކުރާ މީހަކަށްތޯ ސުވާލުކުރުމުން ދޭ ޖަވާބަކީ އެކުއްޖާ އެހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އެންމެ ފުރަތަމަ އެޅޭ ބިންގަލެވެ. އެހިސާބުން އެމަސައްކަތް ކުރަނީ އެހުވަފެން ހަގީގަތަކަށް ހެދޭތޯއެވެ. އެހެން ނަމަވެސް ސުކޫލު ދައުރުނިމި، ބޭނުންވާ ދާއިރާއިން އިތުރަށް ކިޔަވަން ބޭނުންވާނަމަ މިޖެހެނީ ސަރުކާރުން “ސްޓުޑެންޓް ލޯނު” ނެގުމަށްފަހު އެތައް އަހަރުތަކެއް ވަންދެން އަމިއްލަ އާއިލާއާއި އަމިއްލަ ގައުމު ދޫކޮށް އެހެން ގައުމެއްގައި އެކަނިމާއެކަނި އުޅޭށެވެ.