ޚަބަރު

ލޯނުތަކުގެ "ހޯމްވޯކް" ހަދައިފިން: ޗައިނާ ސަފީރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޗައިނާއަށް ރާއްޖެއިން ދައްކަން ޖެހޭ ލޯނުތަކާ ގުޅޭ "ހޯމްވޯކް" ހަދައިފިން ކަމަށާއި މި އަހަރު ދައްކަން ޖެހެނީ 1.7 މިލިއަން ޑޮލަރު ކަމަށް ޗައިނާ ސަފީރު ޖާންގް ލިޖޯންގް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ 15 މިލިއަން ޑޮލަރުގެ ލޯނުތައް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ދައްކަން ޖެހޭ ކަމަށް އިއްޔެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ވާހަކަ ޗައިނާ ސަފީރު ވަނީ އިއްޔެ ދޮގު ކުރައްވާފައެވެ.

އެވާހަކަތައް އިތުރަށް ތަފްސީލު ކޮށްދެއްވަމުން ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއަހަރު ބާކީ ދައްކަންޖެހޭ އަދަދަކީ 1.7 މިލިއަން ޑޮލަރު ކަމަށެވެ.

މީގެއިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގެ ހައުސިން ޔުނިޓުތަކަށް ދައްކަން ޖެހޭ 2.3 މިލިއަން ޑޮލަރަކީ ޗައިނާގެ ބޭންކަށް ދައްކަން ޖެހޭ ފައިސާ ނޫން ކަމަށާއި އެއީ ތިންވަނަ ގައުމަކަށް ނިސްބަތްވާ ބޭންކަކަށް ދައްކަން ޖެހޭ ލޯނު ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސްޓެލްކޯ ޕްރޮޖެކްޓަށް އެންމެ އަވަހަށް ވެސް ފައިސާ ދައްކަން ޖެހެނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ މެދުތެރޭގައި ކަމަށް ވެސް ޗައިނާ ސަފީރު ޖާންގް ލިޖޯންގް ވިދާޅުވިއެވެ.

ޗައިނާ މެެދުވެރިކޮށް ރާއްޖެއިން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަަކަށް ލޯނު ނަގާފައި ވެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ލޯނު އަނބުރާ ދެއްކުމަށް 4.9 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު ރައީސް ނަޝީދު ވިދާޅުވާ ގޮތުންނަމަ އެ ފައިސާގެ ތެރެއިން 80 އިންސައްތަ ފައިސާއަކީ ޗައިނާއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ހިމަނާފައިވާ ފައިސާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!