އުފެއްދުންތެރި ޒުވާނުން ބިނާކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެއް:ނައިބު ރައީސް

އުފެއްދުންތެރި ޒުވާނުން ބިނާ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެއް ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުމަށް އައްޑޫ ސިޓީ ހުޅުމީދޫގައި މިއަދު މެންދުރުފަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤައުމީ ތަރައްޤީގައި ބައިވެރިވާ އުފެއްދުންތެރި ޒުވާނުންތަކެއް ބިނާކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަމެއް ކަމަށާއި ޤައުމުގެ ކުރިއެރުމާއި ތަރައްޤީގައި ޒުވާނުން މުހިއްމު ދައުރެއް އަދާކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ޒުވާނުންގެ ބައިވެރިވުން ހީނަރުކޮށް، ނެތިކޮށްލާ ހުރަހަކީ މަސްތުވާތަކެތި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މިއަދު ފައްޓަވައިދެއްވި މަޝްރޫޢުގެ ދަށުން އަޅާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއެކު، މަސްތުވާތަކެތީގެ ވަބާއަށް ފަރުވާ ހޯދާ މީހުންނަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހިފައިވާ ޒުވާނުން އެ ކަމުން މިންޖުކޮށްދީ، އުފާވެރި ޢާއިލާއެއް ބިނާކުރުމުގެ ފުރުޞަތު ފަހި ކޮށްދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.