މުޢިއްޒުގެ ރައްދު ފްލެޓު ކޮމިޓީއަށް: އިއުލާނު ނުކޮށް ފްލެޓާ ގުޅޭ އެއްވެސް ކަމެއް ނުކުރަން
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި "ހިޔާ މަޝްރޫޢު" ގެ ދަށުން ތަރައްޤީކުރި ފްލެޓާ ގުޅޭ އެއްވެސް ނިންމުމެއް އެކަމާ ގުޅޭ އިއުލާނެއް ނުވަތަ ލިޔުމެއް ގެޒެޓް ކޮށްގެން ނޫންގޮތަކަށް ނިންމާފައި ނުވާނެ ކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، ފްލެޓް ކޮމިޓީއަށް ރައްދެއް ދެއްވައިފިއެވެ.
ކުރީގެ ހައުސިންގ މިނިސްޓަރު މިފަދައިން ރައްދު ދެއްވާފައި މިވަނީ ކުރީގެ ވެރިކަމުގައި ވެސް ފްލެޓް ދޭނެ މީހުންގެ 2500 ގެ ލިސްޓެއް އެކުލަވާލާފައި ނުވާ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވުމާ ގުޅިގެންނެވެ.
އެބައްދަލުވުމުގައި ކޮމިޓީގެ ރައީސް ތޯހާ މުޙައްމަދު ވިދާޅުވީ 2500 ހައުސިން ޔުނިޓެއްގެ ވާހަކައަކާ ގުޅިގެން މީސް މީޑިއާ ގައި ސުވާލުތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އެގޮތުން ތޯހާ ވިދާޅުވީ 2500 ހައުސިން ޔުނިޓްގެ ޕްރޮޖެކްޓެއް ކުރީ ސަރުކާރުގައި ނުހިންގާ ކަމަށާއި އެގޮތުން އެފަދަ ލިސްޓެއް އެންމެ ފުރަތަމަ އުފަންވެފައި ވަނީ ވެސް 4 ނޮވެމްބަރު 2018 ގައި ކަމަށެވެ.
މީގެއިތުރުން 2500 ލިސްޓެއް އެންމެ ފުރަތަމަ އިއުލާން ކުރެވުނީ ދާއިމީ ލިސްޓުތައް އިއުލާންކުރިއިރު ކަމަށާއި އެގޮތުން މާލޭ ރަށްވެހިންނަށް 1000 ޔުނިޓް، 18 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނަށް 500 ޔުނިޓް އަދި ދަފްތަރަށް 500 އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 500 ޔުނިޓް ކަމަށް ވެސް ތޯހާ ވިދާޅުވިއެވެ.
މިވާހަތަކަށް ރައްދު ދެއްވަމުން ޑރ. މުޢިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފްލެޓު ކޮމިޓީއަކީ ތަންދޮރު ނުދަންނަ، ޒިންމާދާރު ކަމެއް ނެތް، ވާނުވާ ނޭނގޭ ބައެކޭ މީހުން ބުނެ އުޅެނީ ސަބަބު ތަކެއް ހުރީމަ ކަމަށެވެ.
"ހިޔާ މަޝްރޫޢު ގެ އެއްވެސް ނިންމުމެއް އެކަމާއި ގުޅޭ އިއުލާނެއް ނުވަތަ ލިޔުމެއް ގެޒެޓް ނުކޮށް ކޮށްފައި ނުވާނެކަން އަދިވެސް ތަކުރާރު ކޮށްލަން" ޑރ. މުޢިއްޒު ވިދާޅުވިއެވެ.