ޚަބަރު

މުހީތު މަރާލަން ބޭނުންކުރި ވަޅި ފޮރުވި އަންހެން މީހާ 1500 ރުފިޔާއިން ޖޫރިމަނާ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި ގ. ވޭރު އަބްދުލް މުހީތު (ބޮބީ) މަރާލަން ބޭނުންކުރި ވަޅި ފޮރުވައި، އަދި ފުލުހުންނަށް އެކަން ސިއްރުކުރި އާމިނަތު ރަޝީދާގެ މައްޗަށް ދައުލަތުން އުފުލި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، އޭނާ -/1500 ރުފިޔާ އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

Ads by Sosun Fihaara

އެއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ކޯޓު އަމުރެއްގެ ދަށުން ރަޝީދާ ފުލުހަށް ހާޟިރުކޮށް ކޮށްފައި ވަނީ، 19 ފެބްރުއަރީ 2012 ވަނަ ދުވަހު 01:50 ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމައްޗަށް ވާގޮތަށް އޮންނަ ކޮޅުބެދިފައިވާ ގޯޅިގަނޑުގެ ތެރޭގައި ހިންގި މާރާމާރީގައި ނިޔާވި ޢަބްދުލްމުހީޠުގެ ބުރަކަށިން ނެއްޓި ވަޅިއަށް ވީގޮތާ ބެހޭ ގޮތުން ސުވާލު ކުރުމަށެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ އެކަމާބެހޭ އެއްވެސް މަޢުލޫމާތެއް ނޭނގޭކަމަށް ބުނެ ތަޙްޤީޤަށް އޮޅުވާލައި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކޮށްފައިވާތީ، ކަމުގައި ދައުލަތުގެ ވަކީލު ބުނެފައިވެއެވެ.

ފުލުހުންގެ ތަހުގީގުގައި ރަޝީދާ އެންމެ ފުރަތަމަ ބުނެފައި ވަނީ އެކަން ކުރީ އޭނާގެ ދަރިއެއް އެވަޅިއެއް ނެގީމާ އެކަން ފޮރުވަން ވެގެން ކަމަށެވެ. އޭނާ އެވަޅި ގެއަށް ވެއްދުމަށް ފަހު ވަޅި ހަވާލުކުރީ މުޙައްމަދު މައިމޫން (ޓެއިލް) ނަމަކަށް ކިޔާ މީހަކާ ކަމަށް ވެއެވެ. ޓެއިލް އާއި ރަޝީދާ ވަޅިއާ ބެހޭ ގޮތުން ވާހަކަދެއްކި ފޯނު ކޯލް ރެކޯޑިންތަކެއް ވެސް ފުލުހުން ކޯޓަށް ހުށަހެޅިއެވެ.

މިމައްސަލައިގެ ޙުކުމް ކުރުމާއި ހަމައަށް އައިއިރު ޤާނޫނުލް އުޤޫބާތުގައި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ކުށުގެ އަދަބެއްގެ ގޮތުން -/12000 ރުފިޔާގެ ޖޫރިމަނާއެއް ކުރުން ނުވަތަ ހަ މަސް ދުވަހަށް ޖަލަށްލުމުގެ އަދަބު ދެވިދާނެ ކަމަށް އޮތެވެ.

ނަމަވެސް ފަހުން ފާސްކުރާ ޤާނޫނެއްގެ މައްޗަށް ބިނާކޮށް އަދަބު ކަނޑައެޅޭނީ ކުރީގެ ޤާނޫނަށްވުރެ ފަހުގެ ޤާނޫނުގައި އަދަބު ކުޑަނަމަ ކަމަށްވާތީ ރަޝީދާގެ މައްޗަށް އަދަބު ކަނޑައަޅަން ޖެހުނީ ފުލުހުންގެ ޤާނޫނަށް ބިނާކޮށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!