ޚަބަރު

ކިނޮޅަހުގެ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 40% މަސައްކަތް ނިމިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ރ.ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައި މިހާރު އެމަސައްކަތް ނިމެމުން އަންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.

Ads by Sosun Fihaara

އެގޮތުން މިމަޝްރޫޢޫގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ 40 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައިވާ ކަމަށާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ކިނޮޅަހަށް ގެންދެވިފައިވާ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ބޭނުންވާ ބޯހޯލް ތޮރުފުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް އެމްޑަބްލިޔުއެސްސީން މިއަދު ވަނީ ބުނެފައެވެ.

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 10.98 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 190 ކިއުބިކް މީޓަރުގެ 2 ތާންގި އަދި 380 ކިއުބިކް މީޓަރުގެ 1 ތާންގި ބެހެއްޓުން ހިމެނޭ ކަމަށް އެކުންފުނިން ބުނެފައިވާއިރު، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރު ކޮށްދެވިގެން ދާނެ ކަމުގެ ޔަގީންކަން ވެސް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 7.69 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމް ކުރުމާއި، 870 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، 3 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށް ފެން ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޑަބްލިޔުއެސްސީ އިން ބުނީ މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ބާވީސް (22) މަސް ދުވަހުގެ މުއްދަތުގެ މިމަޝްރޫޢުއަށް ޖުމްލަ 36،048،032.06 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ކިނޮޅަހުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!