އީދުގެ އުފާ ފާޅުކުރުމުގައި ފަގީރުންނާއި މިސްކީނުން ބައިވެރި ކުރަން ޖެހޭ: އީދު ހުތުބާ
މިއަދުގެ އީދު ހުތުބާގައި ބުނެފައި ވަނީ އިސްލާމީ އީދުތަކަކީ އެކަމުގައި އެންމެން ބައިވެރިކުރުވަން ޖެހޭ އިހްތިފާލު ތަކެއް ކަމަށާއި، އެ ދުވަސްތަކުގައި އުފާ ފާޅުކުރަން ވީ ހަމައެކަނި ތަނަވަސްކަން ލިބިގެންވާ މީހުންނެއް ނޫން ކަމަށެވެ.
"ތަނަވަސްކަމުގެ އަހުލުވެރިން ފަގީރުންނަށާއި މިސްކޫނުންނަށް ހެޔޮ އަމަލު ފޯރުކޮށްދީ، އީދުގެ އުފަލުގައި އެ މީހުން ބައިވެރި ކުރުވަން ޖެހޭނެއެވެ. ފިތުރު އީދު ދުވަހު އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް އަދާ ކުރުމަށް އަންގަވާފައި ވަނީ މިހެންވެގެންނެވެ. މިކަމުގެ ސަބަބުން ފަގީރުންނަށް އީދުގެ އުފާ ހާސިލު ކުރުމަށް މަގު ފަހިވާނެއެވެ." ހުތުބާގައި ބުނެފައިވެއެވެ.
މިއަހަރު ރާއްޖޭގެ ބައެއް ރަށްރަށުގައި އީދު ނަމާދު މިސްކިތްތަކާއި މައިދާންތަކުގައި ނުކުރެވުނު ނަމަވެސް ގޭގައި ނަމާދުކޮށް މި އުފާވެރި މުނާސަބަތުގައި ހިތް ހެޔޮކަމާއި ދީލަތިކަން ފާޅުކޮށް ގާތްތިމާގެ މީހުންނާއި އަވަށްޓެރިނާއި ރަހްމަތްތެރިންނަށް އިދޫ ސަލާމާއި ތަހުނިޔާ ފޮނުވައި، އީދުގެ އުފަލުގައި އެ މީހުން ބައިވެރި ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
"އިސްލާމީ އީދުތަކަކީ ޒީނަތްތެރިވުމުގެ މުނާސަބަތުތަކެކެވެ. މިހެންވެ އީދު ދުވަހަށްޓަކައި ހިނައިގަތުން ސުންނަތް ވެގެން ވެއެވެ. އެ މީހެއްގެ އަތުގައި އޮތް އެންމެ ރީތި ފޭރާމެއް ލުން ސުންނަތް ވެގެން ވެއެވެ. ހުވަނދުލުމާއި ރީތި ފޭރާން ލުމަކީ އިސްލާމީ އަދަބެކެވެ." ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައި ވަނީ އިސްލާމް ދީނުގައި އީދުތައް ޝަރުއު ކުރައްވާފައި ވަނީ ހަމައެކަނި އުފާ ފާޅުކޮށް މަޖާކުރަން ނޫން ކަމަށާއި އެކަން ޝަރުއު ކުރެއްވީ އިސްލާމީ މުޖްތަމައުގެ އަފްރާދުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އިސްލާމީ އުހުވަތްތެރިކަން ދެމެހެއްޓުވުމަށް ޓަކައިކަމަށެވެ. މުސްލިމުންގެ މެދުގައި ހެޔޮ ފޯރުވުމާއި އެއްބަޔަކު އަނެއް ބަޔަކަށް އެހީވުމަކީ އިސްލާމީ ރިވެތި އަދަބަކަށް ވާއިރު، ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވެ، އީދުގެ އުފަލުގައި އެ މީހުން ބައިވެރި ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.