ޝަޚުސިއްޔަތަކާއެކު ޓިކްޓޮކް ހަދަން ޗާންސެއް ލިބިއްޖެނަމަ، ޝިފާ ހަދަން ބޭނުންވަނީ ޖާބިރު އާއެކު
ފިލްމު "ދެވަންސޫރަ"، "ނިވައިރޯޅި" އަދި "ފޯޓީ ޕްލަސް" ފަދަ ފިލްމުތަކުން ބެލުންތެރިންނަށް ފެނިފައިވާ، އަދި ޓިކްޓޮކް އިންވެސް މިހާރު ވަރަށް ގިނައިން ފެންނަމުން އަންނަ މަރިޔަމް ޝިފާ ބޭނުންވާ އެހެން ކަމެއްގެ ވާހަކަ މިވަނީ ބުނެފައެވެ.
ބައިސްކޯފުން ގެެނެސްދޭ "ލޮކްޑް އަޕް ވިތު" ގައި ވާހަކަ ދައްކަމުން ޝިފާ ބުނީ ރާއްޖޭގެ ޝަޚުސިއްޔަތަކާއެކު ޓިކްޓޮކް އެއް ހަދަން ފުރުސަތެއް ލިބިއްޖެނަމަ، ހަދަން ބޭނުމީ ކާށިދޫ ދާއިރާގެ މެމްބަރު އަބަދުﷲ ޖާބިރު އާއެކު ކަމަށެވެ.
"ރާއްޖޭގެ ޝަޚުސިއްޔަތަކާއެކީ ޓިކްޓޮކްއެއް ހަދަން ޗާންސެއް ލިބިއްޖިއްޔާ ހަދަން ބޭނުމީ ޖާބިރު އަކީ، އެފްބީ އެއްޗެހިން ފެންނަ ވީޑިއޯތަކަށް ވެސް ބަލައިފިއްޔާ އިނގޭނެ ވަރަށް މަޖާ މީހެއް. އެހެންވެ ޖާބިރު އާއެކީގަ ހަދަން ބޭނުމީ" ހިނިތުންވުމަކާއެކު ޝިފާ ބުންޏެވެ.
މީގެއިތުރުން ޝިފާ ބުނީ މަގުމަތީގައާއި އެއާޕޯޓުގައާއި ފްލައިޓް ތެރޭގައިވެސް ހެދި ޓިކްޓޮކްގެ ތެރެއިން އެންމެ ގިނަ މީހުންގެ ސަމާލުކަން ލިބުނީ އެއާޕޯޓުގައި ހެދި ޓިކްޓޮކް އަށް ކަމަށެވެ. އެއީ އެޓިކްޓޮކް ހެދިއިރު ބައިވަރު މީހުން އެތަނުގެ ތިބި ކަމަށާއި ނަށާތީ ވެސް މީހުން ވަރަށް ބެލި ކަމަށެވެ.
ލޯތްބާއި ބެހޭގޮތުން ޝިފާ ބުނީ، ލޯތްބަކީ ދެމީހަކު އެއްކޮށް އުޅެން ފަށާފައި ދެމީހަކު ދެމީހަކަށްދޭ ވަގުތާއި، ދެމީހުންނަށް އަޅާލުމާއި، އޯގާތެރިކަމާއި، އިތުބާރާއި އެކަކު އަނެކަކު ކުރާ ކަންތައްތަކުގައި ހިތްވަރު ދިނުން ކަމަށެވެ.
"މަނިކްބެ އެންޑް ޝީލާއްތަ އަކީ ދިވެހި ފިލްމު އިންޑަސްޓްރީގެ ޕަވަރ ކަޕަލް. ބިކޯޒް ދެމީހުން ސޯޝަލް މީޑިއާގަ އެހާ ކަންތައް ފެންނަން ނެތަސް ނޯމަލް ދިރިއުޅުމުގަ ޝިފާއަށް ފެންނަނީ އެދެމީހުން ވަރަށް އުފާވެރި ވަރަށް ބައިވަރު އެންޖޯއި ކޮށްފަ އުޅޭތަން. މުޅި ފެމިލީ އެއްކޮށް ދަރިން ގޮވައިގެން އެއުޅޭ އުޅުން، ވަރަށް ކަމުދާ ކަމެއް އެއީ" ޝިފާ ބުނެފައިވެއެވެ.