ވިޔަފާރި

ނ. މާޅެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ނ. މާޅެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

Ads by Hajj Corporation

ގައުމީ ފެން ކުންފުނި އެމްޑަބްލިޔުއެސްސީ އިން ކުރިއަށް ގެންދާ މި މަސައްކަތް އިފްތިތާހު ކޮށް ދެއްވާފައި ވަނީ މާޅެންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަލްފާޟިލް އަހުމަދު މައުސޫމުއާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސައެވެ.

މި ރަސްމިޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖްމެންޓްގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިމަޝްރޫޢުގެ ތެރެއިން ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މާޅެންދޫއަށް  ގެނެވި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، މިމަޝްރޫޢުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލި ބިލްޑިންގެ 26 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން މާޅެންދޫގައި 11.7 ކިލޯ މީޓަރގެ ދިގު ފެން ފޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 250 ކިއުބިކް މީޓަރުގެ 3 ތާން، ބެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅެންދޫގައި 7.9 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، 1 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމާއި 2 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މާޅެންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. މަޝްރޫޢުގެ މުއްދަތަކީ 22 މަސް ދުވަހެވެ.

މިމަޝްރޫޢުއަށް ޖުމްލަ 42,975,350.00 މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!