ކައްޕި އަދި ނަސްރުﷲ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް
ކ.އަތޮޅު ކާގި ކައިރިއަށް ފަރަށް އެރި ދޯންޏަކުން ގެއްލުނު ކައްޕި އާއި ބ. ދޮންފަނު ކައިރީ ލޯންޗަކާ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ފަރަށް އެރި ދޯނިން ގެއްލިގެން ހޯދަމުން އަންނަނީ ތިން މީހުންނާއެކު ދަތުރުކުރި "ޓީޓީއެސް ފާން" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނީގެ ކެޕްޓަނެވެ. އެއީ ހދ.ކުޅުދުއްފުއްޓަށް އުފަން މުހައްމަދު ޔޫސުފް ،37، އެވެ.
އޭނާ ހޯދުމުގެ އޮޕަރޭޝަން ހުއްޓާނުލާ އަދިވެސް ކުރިއަށް ގެންދާއިރު އޭނާ ހޯދަން ކޯސްޓްގާޑުން ބަލަމުން އަންނަ ސަރަހައްދުން ބައެއް އެއްޗެހި ދާދިފަހުން ވަނީ ފެނިފައެވެ. އޭގެތެރޭގައި ހިމެނެނީ ތުވާއްޔަކާއި، ވަޅިއަކާއި އިލެކްޓްރޯނިކް ސާމާނު ހިމެނޭ ޕްލާސްޓިކް ކޮތަޅެއް ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކައްޕި ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ޑައިވަރުންނަށް މީގެކުރިން ވަނީ އެ ސަރަހައްދުގެ އަޑިން މާސްކް އަކާއި ބޮކްސާ ވައްތަރުގެ ސޯޓެއް ވެސް ފެނިފައެވެ.
މި ހާދިސާ ހިނގިއިރު ދޯނީގައި ތިން މީހުން ތިބި ކަމަށާއި، އެއީ ދެ ބިދޭސީންނާއި ދިވެއްސެއް ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
މުހައްމަދުގެ އިތުރުން އެމްއެންޑީއެފުން އަންނަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނު ކައިރީ ލޯންޗަކާ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި ގެއްލުނު މީހާވެސް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެ ހާދިސާގައި ގެއްލިފައިވަނީ ނަސްރުﷲ އަބްދުﷲ، 41 / ބ. އޭދަފުށީ، މުޝްތަރީގެއެވެ.