ރިޕޯޓް

ކޮވިޑް19 އަކީ ޓްރެފިކް ވަޔަލޭޝަން ސްޓިކަރ ފަދަ އެއްޗެއް

ޢަބްދުﷲ ޔޫސުޕް ، ދެން އޮންލައިން

ކޮވިޑް19 ޖެހުން ހުއްޓުވުމުގައި އެންމެ އިސްކަމެއް ދެނީ ގައިދުރުކަން ހިފެހެއްޓުމަށެވެ. އެކަކު އަނެކަކާ ބައްދަލު ނުވެ ދުރުދުރުން އުޅުމަށެވެ. އަތްދޮވުމާއި މާސްކް އެޅުމަކީ ވެސް އޭގެ ފަހުގެ ކަމެކެވެ. މާލެ ތެރެއިން ފުރަތަމަ ފެނުނު ކޮވިޑް ކޭހާ ގުޅިގެން ހީވީ އެހެން ކަމެއް ހެނެވެ.

Ads by STELCO

މުޅި ސަރަހައްދު ބަންދުކޮށް އެ އަންހެން މީހާ އެކަހެރިކޮށް އައިސޮލޭޓް ކުރެވުނެވެ. އެމީހާ އުޅުނު ގޭގެ ވަސްފޯރާ ހިސާބަށް މީހަކު އެރުން ވެސް މަނަލެވެ. އެމީހާ އުޅޭ ގޭގެ އެންމެން ގޭ ބަންދުވިއެވެ. އެމީހާއާ އެއްތަން ވީހާ ބަޔަކު ހޯދާ އައިސޮލޭޓް ކުރެވުނެވެ. އައިސޮލޭޓް ކުރެވޭ މީހަކާ އެއްވެސް ގޮތަކަށް ދިމާވެފައި ހުއްޓަސް އެމައުލޫމާތެއް ދޭން ޖެހުނެވެ. އެމައުލޫމާތު ނުދީ ހުއްޓާ އެކަން އެގިއްޖެނަމަ އެމީހަކަށް އަދަބުދީ ބަންދުކޮށް އެކަހެރި ކުރެވުނެވެ. އުސޫލު ތަންފީޒު ކުރީ ފަތުއަޑު ކިޔާފައެވެ. އެންމެ ފަހުން މުޅި މާލެ ސަރަހައްދު ލޮކްޑައުން ކުރިއެވެ.

މުޅި ގައުމުގެ އިޖުތިމާއީ ކަންކަމާއި އިޤްތިޞާދީ ކަންކަމާއި "މީހުންގެ ދިރިތިބުމާއި މަރުވެދިޔުމުގެ ހުރިހާ ބާރެއް" އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ނަމުގައި އަންހެނެއްގެ އަތްމައްޗަށް ނަގައި ދީފައެވެ. އެންމެން ތިބީ ބިރުން ތުރުތުރު އަޅައަޅައެވެ. ނޫސްތަކާއި ރޭޑިއޯ ޓީވީތަކުން ހުއްޓައި ނުލާ ރައްޔިތުން ބިރު ގަންނަވަނީއެވެ. މަރަށް ބިރުން ވެސް ބަޔަކު މަރުވާހާ ވަރު އޮތީ ކޮށްލާފައެވެ. ހަރުކަށި ކަމާއެކު ވަރުގަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުން ބޮޑެތި ކާމިޔާބީތައް ލިބެމުން ދާކަމުގެ އުންމީދު އައު ކޮށްދެމުން ދާތީ ނުކައި ބަނޑަށް ތިބެ ވެސް ރައްޔިތުން ބޯލަބާ ކިޔަމަން ގަތެވެ. މުސީބާތުން އަރައިގަތުމަށް ކުރެވެން އޮތްހާ ކަމެއް ކުރުމުގައި ގައިދުރުވިއެވެ.

އޮފީސްތައް ތަކާއި ބެންކުތަކާއި މިސްކިތްތަކާއި ރިސޯޓުތައް އޮތީ ބަންދުކޮށްފައެވެ. ސިފައިންނާއި ފުލުހުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ނޫސްވެރިންނާއި އެނޫން ވެސް އާއްމު ޚިދުމަތުގައި އުޅެން މަޖުބޫރު އެންމެންހެން ޚިދުމަތް ދިނީ އެބަޔަކު ތިބޭ ތަނެއްގައި ޒާތެއްގެ ބަންދެއްގައި ތިބެގެންނެވެ. ޖަލްސާތަކާއި ބައްދަލުވުންތައް އޮތީ މަނާވެ ހުއްޓުވާފައެވެ. އެހެނެއްކަމަކު އުސޫލު ފޫވެއްޓި މޮޅު މީހުނަށް މޮޅުގޮތް ވާންފެށިއެވެ. ކުއްލިޔަކަށް މަޖިލިސް ޗޭންބަރގައި އަޑުކިޔާފައި ޖަލްސާތައް ބާއްވަން ފެށިއެވެ. އެޗްޕީއޭ ޖެހުނީ މަޖިލީހުގެ ރައީސް ބޭނުންވީހާ ގޮތަކަށް އެކަމުގައި ދޫ ދޭށެވެ.

ހަމައެޔާއެކު، ކަންބޮޑުވުން ހުރިކަންކަން ދެ އިނގިލި ދޭތެރެއިން ފޭދިގެން ޚަބަރުތަކަށް ތިލަވެއެވެ. މިނިސްޓަރަކު ރަށެއްގައި ހުންނެވުމަށް ފަހު ކަރަންޓީނު ނުވެ އާއްމުކޮށް މަސައްކަތުގައި އުޅުއްވި ވާހަކައެވެ. ރައްޔިތުންގެ މަޖިލިސް މެންބަރަކު ރަށުގައި ހުންނެވުމަށްފަހު މާލެ ވަޑައިގެންނެވި ވާހަކައެވެ. ހެލްތު މިނިސްޓަރު ބޮޑު ޓީމެއް ގޮވައިގެން ކޮވިޑް ފެނުނު ރަށަކަށް ވަޑައިގެން އެރަށު މީހުންނާ ބައްދަލުކުރި ވާހަކައެވެ. ކަރަންޓީނު އުސޫލު ބޮޑުންނަށް ނުހިނގާ ވާހަކައެވެ. ދެންތޯއެވެ. އިވުނީ ރާއްޖޭގައި އިންވެސްޓުކޮށްގެން އުޅޭ ބޭރު ގައުމުތަކުގެ ފައިސާވެރިންނާއި ރިސޯޓު އޯނަރުން މާލެ އައިސް ގޮސް އުޅުމުގައި ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލު ވެގެން ދިޔައަޑެވެ. އެހިސާބުން މޮޅު މީހުނަށް މޮޅުގޮތް ވާހެން ވަކި ބަޔަކަށްޓަކާ އުސޫލުތައް ބަދަލުވާން ފެށިއެވެ.

ފައްސިވާ މީހުންގެ އަދަދުތައް އިތުރުވަމުން ދާކަމަށް އަޑުފަތުރާ ރައްޔިތުން ބިރު ގަންނަވަމުން މޮޅު މީހުންނަށް މޮޅުގޮތް ހަދައި ދިނުން އޮތީ މެކުހުގައެވެ. ސިޔާސީ އެއްވުމެއްގެ އަޑު ގަދަވެލާ އިރަށް ފައްސިވާ މީހުންގެ އަދަދު މައްޗަށް އަރައިގެން ދެއެވެ. ރަށްރަށަށް މީހުން ފޮނުވުމުގައި ދެރަ މީހާ ކަރަންޓީނަށެވެ. މޮޅު މީހާ ވެލަންޓައިންއަށެވެ.

އެންމެފަހުން "ކްރިސްމަސް" އާއި " ނިއުޔިއަރ" އަށް ރިސޯޓުތައް ތޮއް ޖެއްސުމަށްޓަކައި ފައްސި އެ އޮވެ ދަނީ ޒީރޯއަށެވެ. ދޫ ދިނުމުގައި ސުމާރެއް ނުއޮންނާނެއެވެ. އަނެއްކާވެސް ފައްސި ފަހިވާން ފަށާނީ ޖެނުއަރީ މެދާކަށް ހިސާބުންނެވެ. ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވަމުން އަންނާތީ ސަރުކާރު ވަފުދުތައް ކެމްޕެއިން ކުރަން ރަށްރަށަށް ދިޔުމަށް ހުރަހެއް ނެތް ކޮވިޑް ފްރީ ލައިސަންސް އޮހެމުން ދާނެއެވެ. އެނޫން ބަޔަކު ކެމްޕެއިނަށް ތާކަށް ދިޔުން ވެސް މަގަކަށް ނިކުތުން ވެސް ހަރާންވާނެއެވެ. ކޮވިޑް19 އަކީ ޓްރެފިކް ވަޔަލަންސް ސްޓިކަރ ފަދަ އެއްޗަކީތާއެވެ. އެޗްޕީއޭ ލައިސަންސް އޮތިއްޔާ ކޮވިޑް19 ނުޖެހެއެވެ.

Ads by Allied Insurance
  1. ކަނބުލޮ

    އާދޭހޭ އާދޭހޭ ޤައުމުގެ ހާލަތެވެ…