ޚަބަރު

އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤު ކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު އަށް 18 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤު ކުރައްވައިފިއެވެ.

Ads by Sosun Fihaara

މި ބިލް ތަސްދީގު ކުރެއްވުމާއެކު އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި ލިސްޓެއް އެކުލަވާލުމާއެކު، ލިސްޓުގައި އެމަނިކުފާނު ހިމަނުއްވާ ތަކެތި ބޭނުން ކުރުން މަނާކުރާނެ ތާރީހެއް ކަނޑައަޅާ ބިލުގައި ހިމަނާނެއެވެ.

މި ބިލަކީ 2020 ޑިސެންބަރު 7 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މި ބިލު ތަޞްދީޤުކޮށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 12 ވަނަ މާއްދާ އުވުނީ ކަމުގައި ވެސް މި ބިލުގައި ކަނޑައަޅާފައިވެއެވެ.

މި ބިލާއެކު އިޞްލާޙު ކުރައްވާފައި ވަނީ އެ ޤާނޫނުގެ 7 ވަނަ މާއްދާއަށެވެ. މި ގޮތުން، 7 ވަނަ މާއްދާގައި ހިމެނޭ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރު ކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުން ކޮށްފައި އުކައިލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ތަކެތި ރާއްޖެއަށް އެތެރެކުރުން މި ބިލާއެކު މަނާ ކުރެވޭނެއެވެ. އަދި، އެފަދަ ތަކެތީގެ ލިސްޓެއް، އެކި މަރުޙަލާ ތަކަކަށް ބައްސަވާލައްވައިގެން، ކަނޑައެޅުއްވުމުގެ އިޚްތިޔާރު މި ބިލުގައި ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވެއެވެ.

މި ޤާނޫނަށް 18 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!