"ކްރިސްމަސް" ދުވަހުގެ ތަހުނިޔާ މުސްލިމުން ނުފޮނުވަންވީ ސަބަބު އެނގޭ ހެއްޔެވެ؟
ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަސް ނަސާރާ ދީނުގެ މީހުން ފާހަގަ ކުރަނީ އެމީހުންގެ ދީނުގެ އެންމެ މުހިންމު ދުވަހުގެ ގޮތުގައެވެ. އެމީހުން ބުނާ ގޮތުންނަމަ، އެއީ "ކްރިސްމަސް" ދުވަހެވެ.
އެދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވުމުގެ ގޮތުން "މެރީ ކްރިސްމަސް" އޭ ބައެއް މުސްލިމުން ވެސް އެމީހުންނަށް ކިޔައެވެ. ނަމަވެސް މިއީ ފުރިހަމަ މުސްލިމުން ކުރަން ވާނެ ކަމެއް ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ދެއްވީ މުޅި ދުނިޔެއަށް ވެސް ނަން މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކު އެވެ.
"އަހަރެން ގާތު ބައެއް މުސްލިމުން އަހާ ސުވާލެކެވެ. އެމީހުންގެ ނަސާރާ ދީނުގެ އެކުވެރިންނަށް ހަދިޔާއެއް ދެވިދާނެތޯއެވެ. އެއީ ކްރިސްމަސް ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން، އެދުވަހުގެ މުނާސަބަތުގައި ދޭ ހަދިޔާއެއް ކަމަށް ވެސް އެމީހުން ބުންޏެވެ.
އެފަދަ މީހުންނަށް އަހަރެން ދޭ ޖަވާބަކީ، އަހަރެންގެ އަޚުންނާއި އުޚްތުންނޭވެ. ތިލަ ގޮތަކަށް ކިޔައިދެން ހެއްޔެވެ. ތިބައިމީހުންނަކީ މުސްލިމުންނެވެ. މުސްލިމަކަށްވުމުގެ މާނައަކީ މާތް ﷲ މެނުވީ އެހެން އިލާހަކަށް އަޅުކަން ނުކުރުމާއި އެކަލާނގެއަށް އަޅުކަން ކުރުމުގައި އިތުރު އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ.
އެހެންކަމުން ތިބާއަކީ މުސްލިމަކަށްވާ ނަމަ، މާތް ﷲ މެނުވީ އިލާހަކު ނުވާ ކަމަށް ޤަބޫލު ކުރާނެއެވެ. އަދި އެކަލާނގެއަށް އަޅުކަން ކުރުމުގައި އިތުރު އެއްޗެއް ބައިވެރި ކުރުމަކީ އެންމެ ބޮޑު ވެގެންވާ އަޒާބު ކަމަށް ވެސް ޤަބޫލު ކުރާނެއެވެ. އެއީ އެންމެ ބޮޑު ވެގެންވާ ފާފައަށްވާއިރު، އެހެން ބަޔަކު (ނަސާރާއިން) އީސާ (އަލައިޙިއްސަލާމް) އަކީ އެކަލާނގެ ދަރިއެއްކަމަށް ބުނެ ޤަބޫލު ކުރުން ވެސް ވާނީ ބޮޑު ވެގެންވާ ފާފައަކަށެވެ.
ކީރިތި ޤުރްޢާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
﴿90﴾ تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا
އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ.
(ސޫރަތުލް މަރިޔަމް ގެ 90 ވަނަ އާޔަތް)
މިއީ އެބަޔަކު އެބުނާ ބަސްތަކާއި ޤަބޫލު ކުރާ އެއްޗެހިތަކެއްގެ ސަބަބުން ވާނޭ ގޮތްތަކުގެ ވާހަކައެވެ. ސޫރަތުލް މަރްޔަމްގެ 88 ވަނަ އާޔަތާއި 89 ވަނަ އާޔަތަށް ބެލިނަމަވެސް މިކަން ހާމަވެއެވެ.
﴿88﴾ وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا
رحمن ވަންތަ ރަސްކަލާނގެ، ދަރިކަލަކު ހިއްޕެވިކަމަށް އެ كافر ވި މީހުން ބުނޫއެވެ.
﴿89﴾ لَّقَدْ جِئْتُمْ شَيْئًا إِدًّا
ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަ ގެނައީ، ވަރަށްވެސް ނުބައިވެގެންވާ ބަހެކެވެ.
މިއާޔަތްތަކުން ވެސް ނަސާރާއިން އެބުނާ ބަސްތަކާއި ޤަބޫލު ކުރާ ކަންތައްތަކަކީ މާތް ﷲ ވަރަށް ވެސް ބޮޑަށް ކޯފާވެ ވޮޑިގަންނަވާ ކަންތައްތައްކަން ހާމަވެއެވެ.
މާތް ﷲ ގެ ދަރިކަލަކު ހުންނަވާކަމަށް އެބައިމީހުންނަށް ބުނެވުނީ ކިހިނަކުން ހެއްޔެވެ؟ އެފަދައިން ބުނެ އެބަސް ޤަބޫލު ކޮށްގެން އެބައިމީހުން އެކަލާނގެ ދަށް ކޮށްލަނީއެވެ. އެބައިމީހުން އެޤަބޫލު ކުރާ އެއްޗެއްގެ ސަބަބުން އެކަލާނގެ އެކަމާ ލައުނަތް ލައްވާއިރު، ބައެއް މުސްލިމުން ބޭނުން ވަނީ އެބައިމީހުންނަށް ހަދިޔާދީ ތަހުނިޔާ ފޮނުވާ ނުވަތަ 'މެރީ ކްރިސްމަސް' އޭ ބުނެ އެދުވަހުގެ އުފާވެރިކަމަށް އެދެން ހެއްޔެވެ؟ އެއިރުން އެފަދަ މުސްލިމުންނަށް ވެސް އެބުނެވެނީ 'މާތް ﷲ އަށް އުރެދުމުގައި އުފާވެރި ދުވަހަކަށް އެދޭ ކަމަށެވެ.'
އެދުވަހުގެ މުނާސަބަތުގައި ނަސާރާއިންނަށް ހަދިޔާ ދިިނުމުން އެބުނެވެނީ 'ތިޔަބައިމީހުން ޤަބޫލު ކުރާ އެއްޗެއްސާމެދު މާތް ﷲ ކޯފާ އިސްވެވޮޑިގެންވެއެވެ. އެހެން ނަމަވެސް ތިމަންނާ މިދޭ ހަދިޔާ ޤަބޫލު ކުރާށެވެ. ތިމަންނާއަކީ މުސްލިމެކޭ،' މިހެންނެވެ.
މިއީ ވަރަށް ވެސް ނުބައި އަދި ފާފަ ލިބެނިވި ކަމެކެވެ. އަދި މިއީ މުސްލިމަކު ކަމުގައިވެ ހުރެ އެއްވެސް ވަރަކަށް ކުރުން ހުއްދަ ކަމެއް ނޫނެވެ. ހަމައެކަނި ނަސާރާއިންގެ ކްރިސްމަސް ދުވަހެއް ނޫނެވެ. އެހެން އެއްވެސް ދީނެއްގެ މީހުން ފާހަގަ ކުރާ އެއްވެސް ކަމެއްގައި ބައިވެރިވެ، އެދުވަހެއްގެ ތަހުނިޔާ ފޮނުވުމަކީ ވެސް ބޮޑު ވެގެންވާ ފާފައެކެވެ.
އަހަރެމެންނަކީ އެއްކައުވަންތަ އިލާހަށް އަޅުކަން ކުރާ ބަޔަކަށްވީ ހިނދު، އެކަމާއި ދެކޮޅު ހަދާ މީހުންނާ އެއްބައިވެ، އެމީހުންގެ ދީންތަކުގެ ކަންކަމުގައި މަސްއޫލުވެގެން އުޅުމަކީ ފުރިހަމަ މުސްލިމުންގެ ސިފައެއް ނޫނެވެ. އެއީ ބާޠިލް ދީންތަކެކެވެ. އެހެންކަމުން އެފަދަ ކަންކަމުގައި މުސްލިމުން އެއްބައިވެގެން ނުވާނެއެވެ.
މިކަމާއިމެދު ބަހުސް ކުރުމުގެ ގޮތުން އެއްބަޔަކު ބުނެ އުޅެނީ އެހެން ދީން ތަކުގެ މީހުން މުސްލިމުންނަށް ރަމަޟާން މަހުގެ މުބާރަކް ބާދީ އާއި އީދު މުބާރަކް ކިޔާއިރު، އެމީހުންގެ ޚާއްސަ ދުވަސްތަކުގައި މަރުޙަބާ ކިޔުން މައްސަލައަކަށް ނުވާނެ ކަމަށެވެ. ނަމަވެސް މިއީ ގޯސް ވިސްނުމެކެވެ.
އެބައިމީހުން އެމަރުޙަބާ ކިޔަނީ ޙައްޤު ވެގެންވާ ތެދުވެރި އިސްލާމްދީނުގެ ބަރަކާތްތެރި ދުވަސްތަކަށެވެ. އެހެން ނަމަވެސް އެބައިމީހުން ބާޠިލް ޙައްޤު ނޫން ދީނެއްގައި އުޅޭއިރު، އެކަމުގައި އެއްވެސް ތަހުނިޔާއެއް ކިޔުމެއް ނެތެވެ."