ޚަބަރު

އަނެއްކާވެސް އާ ވައްތަރެއްގެ ކޮވިޑް-19 ސްޓްރެއިން އެއް،މިފަހަރު ފެނުނީ ނައިޖީރިއާއިން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ނޮވެލް ކޮރޯނާވައިރަހުގެ އާ ސްޓްރެއިނެއް ނައިޖީރިއާއިން ފެނިފައިވާ ކަމަށާއި، އެ ސްޓްރެއިން އިތުރަށް ދިރާސާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެފްރިކާގެ ބަލިތައް ކޮންޓްރޯލް ކުރުމާ ބެހޭ އިދާރާއިން ބުނެފިއެވެ.

Ads by MWSC

އެފްރިކާ ސެންޓާސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަންގެ ވެރިޔާ ޖޯން ނެކެންގްސޮންގް ވިދާޅުވީ ބުރާސްފަތި ދުވަހު ނައިޖީރިއާ އިން ވަނީ އަދި މިހާތަނަށް އިތުރު އެއްވެސް ގައުމަކުން ނުފެންނަ ކޮވިޑް-19 ވައިރަސްގެ އާ ސްޓެއިން އެއް ފެނިފައެވެ. މިއީ މިމަސްތެރޭ ކޮވިޑް-19 ގެ ފެނުނު ތިން ވަނަ މިއުޓޭޓެޑް ސްޓްރައިންކަން ފާހަަގަ ކޮށްލެވެއެވެ.

ޖޯން ނެކެންގްސޮންގް ވިދާޅުވީ، ނައިޖީރިޔާއިން ފެނުނު އާ ސްޓްރެއިން އާއި މީގެ ކުރިން ދެކުނު އެފްރިކާއިން ފެނުނު ސްޓްރެއިންއާ ތަފާތު ހުރި ކަމަށެވެ. އަދި އިނގިރޭސި ވިލާތުން ފެނުނު ސްޓްރެއިންއާ ވެސް ތަފާތު ހުރި ކަމަށާއި މި އާ ވައްތަރުގެ ސްޓްރެއިންއާ ބެހޭ މަޢުލޫމާތު އެނގޭނީ އިތުރަށް ތަޙްލީލް ކުރުމުން ކަމަށެވެ.

ނައިޖީރިއާގައި ކޮވިޑް-19 ވައިރަސްގެ އާވައްތަރެއް ފެތުރެމުންދާ ކަމަށް ރިޕޯޓް ކޮށްފައި ވާއިރު މިމަހުގެ 19 ވަނަ ދުވަހާއި އަދި އިއްޔެ ވެސް އެގައުމުން ވަނީ ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެފައެވެ. މިދެދުވަހު އެގައުމުން ފައްސިވި މީހުންގެ އަދަދު 1100 އަށްވުރެ ގިނައެވެ. ނަމަވެސް އެގައުމުން މަރުވާ މީހުންގެ އަދަދު ހުރީ ވަރަށް ދަށުގައެވެ. ކޮވިޑް-19 ޖެހިގެން ނައިޖީރިއާ އިން އިއްޔެ މަރުވީ ފަސް މީހުންނެވެ. ގާތްގަނޑަކަށް 200 މިލިއަން މީހުންގެ އާބާދީއެއްގެ މައްޗަށް އެކުލެވޭ ނައިޖީރިއާގައި މިހާތަނަށް 80،000 ކޮވިޑް ކޭސް ރިޕޯޓްކޮށްފައިވާ އިރު، އެ ބަލީގައި ޖުމްލަ 1،000 އަށް ވުރެން ގިނަ މީހުން ވަނީ މަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!