ރިޕޯޓް

ސުނާމީ އެރިއިރު ތިބާ ހުރީ ކޮންތާކު؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ދިމާވި އެންމެ ބޮޑު ގުދުރަތީ މުސީބާތަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26ވީ އާދީއްތަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއެވެ. އެއީ އިންޑޮނޭޝިޔާގެ ކައިރިން ކަނޑުގެ އަޑިއަށް ރެކްޓާ މިންގަނޑުން 9.1 އާއި 9.3ގެ ބާރުމިނުގައި އައި ބިންހެލުމެއްގެ ސަބަބުން އުފެދުނު ސުނާމީއެކެވެ،

Ads by Sosun Fihaara

26 ޑިސެމްބަރު 2004ވީ އާދީއްތަ ދުވަހުގެ އިރު އުދަރެހުން އަރައިގެން އައި އިރުވެސް ދިވެހި އެއްވެސް ރައްޔިތަކަށް ކުރިމަތީގައި ނަގަން ތައްޔާރުވަމުންދާ ބިޔަ ރާޅު ތަސައްވަރު ވެސް ނުކޮށްލެވެއެވެ. އެފަދަ ކަމެއް ވާނޭ ކަމަކަށް ހިތަކަށް ވެސް ނާރުވައެވެ. ހެނދުނުގެ ވަގުތުކަމުން ގިނަ ބަޔަކު އުޅުނީ މަސައްކަތުގައި އަވަދިނެތިއެވެ. ރަށްރަށުގެ އޮޑިހަރުގެ ތަކުގައި މަސައްކަތް ކުރާ މީހުންނެވެ. ރަށުތެރެ ސާފުކޮށް ކުނި ކެހުމުގައި އުޅޭ އަންހެންވެރީންނެެވެ. އަދި ދިވެހީންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމުގައި ހީވާގި މަސްވެރިންވެސް ކަނޑަށް ނުކުމެ އެ ދުވަހު އުޅެމުން ދިޔައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރާއްޖެއަށް ސުނާމީ ކާރިސާގެ ފުރަތަމަ ރާޅު ބިންދާލީ އެ ދުވަހު ހެނދުނު ގަޑިން 9:20 ހާއިރުގައެވެ. ކަމެއްވާން އުޅޭކަމުގެ ސިގްނަލެއް ވެސް ނުލިބި ތިއްބާ ދިވެހީންނަށް ފެނުނީ ރަށުގެ ގަސްކަރަ މަތިން ބިޔަ ބޮޑު ރާޅުތަކެއް އައިސް އަމިއްލަ ފަސްގަނޑަށް ބިންދާލި މަންޒަރެވެ. އަމިއްލަ ގެދޮރު ސުންނާފަތިވެ މުދާތައް އޮޔާދާ މަންޒަރު ބަލަން ދިވެހީންނަށް އެ ދުވަހު ތިބެން ޖެހުނީ މަޖުބޫރީ ހާލަތުގައި ގިސްލަ ގިސްލައެވެ. ހަދާނެ އެއްވެސް ގޮތެއް ނެތި ހަތަރު އުދަރެސް ފެނު ޖެހިފައިވާ ހާލުގައެވެ. ކުޑަކުދިން ގެންގުޅޭ މީހުން އެމީހުންގެ ތުއްތު ދަރިން ކޮނޑަށް ލައިގެން މަރާ ހަނގުރާމަ ކުރަމުން ދިޔައެވެ. މަސައްކަތުގައި މަޝްއޫލުވެ އުޅެމުންދިޔަ ހީވާގި ރައްޔިތުންތައް އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ހޯދަން ދުވަން ފެށިއެވެ.

ސުނާމީ ކާރިސާގައި ޖުމުލަ 82 މީހުން މި ދުނިޔެ ދޫކޮށްފައިވެއެވެ. އަދި ވީނުވީއެއް ނޭނގި 26 މީހަކު ގެއްލިފައިވެއެވެ. މިއަދާ ހަމައަށް  ވެސް އެމީހުންގެ އާއިލާގެ މީހުންގެ ހިތުގައި ލައިފައިވާ ފާރުތައް ހިތުގައި ބިންވަޅު ނެގިފައި އެބަހުއްޓެވެ.

ސުނާމީ އެރި ވަގުތަކީ ބިރުވެރި ނާމާން ވަގުތެކެވެ. އެ ދުވަސް ތަޖުރިބާ ކުރި މީހުންގެ ދުލުން އެވާހަކަތައް ކިޔައިދިނުމުން އަޅުގަނޑުމެންގެ ގައިން ހީބިހި ނަގައިގެން ދެއެވެ. ހަމަ ޔަގީނުންވެސް ސުނާމީގެ ރާޅުތައް ރާއްޖެއަށް އަރަން ފެށި ވަގުތު، 26 ޑިސެމްބަރު 2004ވީ އާދީއްތަ ދުވަހުގެ ހެނދުނު 9:20 އަކީ ގިނަ ބަޔަކު ހަނދާން ހުންނާނެ ވަގުތެކެވެ.

ސުނާމީ އެރި ވަގުތުގެ ހަނދާންތައް ކުޑަކޮށް އައުކޮށްލަމާ ހިނގާށެވެ. ސުނާމީ އެރި ދުވަހު ތިބާ ހުރީ ކޮންތާކު ހެއްޔެވެ؟

 

Ads by Ooredoo
  1. ޖުންދުމް

    އަހަރެން ހުރީ ޗުއްޓީއަށް ރަށަށް ގޮސް. އެއީ ގްރޭޑް9 ނިންމާފަ. ގެޔެއްގެ ފާރަށް އަރަން އުޅެ އުޅެ ނޭރުން. 3 ވަނަ ރާޅާ އެކު ބިކަވެފަ ތިބި 4 ކުޑަކުދިންނާ މަޔެއް ފެނުން. އެމީހުން ހަމަ ރޮނީ. އެންމެ ފަހުން ކުރިން ނޭރުނު ފާރަށް ފަހަރަކު ކުއްޖެއް ގޮވައިގެން އރައި އެކުދިން ސަލާމަތް ކޮއްދެވުނު.