ޚަބަރު

ރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފިއެވެ.

Ads by Sosun Fihaara

ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙުގައި ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓު ހެދުމަށާއި، އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްޤީ ކުރުމަށާއި ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްޤީކުރުން ހިމެނެއެވެ. އަދި ޕްރައިވެޓް އައިލެންޑް ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުފަޅާއި އަދި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސްއާއި، ޔޮޓް ބަނދަރު ހަދާނެ ތަންތަނާއި ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ އެނޫންވެސް ތަންތަނާއި ސަރަޙައްދުތައް ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މި ޤާނޫނުގެ ދަށުން ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުތައް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ސަރުކާރު ހިމެނޭގޮތަށް ހެދިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ޙިއްޞާ އެ ޖޮއިންޓް ވެންޗަރ ކުންފުންޏަކަށް މި ޤާނޫނުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކުގެ ބިމުގެ ބޮޑުމިނުގެ ކޮންމެ އަކަމީޓަރަކަށް އެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ޙިއްޞާގެ ކޮންމެ އިންސައްތައަކަށް 5 (ފަހެއް) އެމެރިކާ ޑޮލަރުގެ މަގުން އަގުކުރުމަށްފަހު ޖެހޭ ޢަދަދަކަށް، އެ ޖޮއިންޓް ވެންޗަރ ކުންފުނީގައި ހިމެނޭ އަނެއް ޙިއްޞާދާރަށް ނުވަތަ ޙިއްޞާދާރުންނަށް ވިއްކާލުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ.

މި ބިލަކީ ޑިސެންބަރު މަހުގެ 7 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!