“ކޮބާ ކައިވެނި ކުރާކަށް ނޫޅެންތަ؟”
މި ދުވަސްވަރަކީ އަބަދުވެސް ރާއްޖޭގައި ގިނަ ބަޔަކު ކައިވެނި ކުރާ ދުވަސްވަރެކެވެ. ކުރު ގޮތަކަށް ދަންނަވާނަމަ މިއީ ކައިވެނި މޫސުމެވެ. ގިނަ ރެސްޓޯރެންޓު ތަކެއްގައި ކައިވެނީގެ ހަފްލާ އޮންނާތީ ފެނެއެވެ. ރަހުމަތްތެރިންގެ ފޭސްބުކް ސްޓޯރީތަކާއި ސްނެޕްތައް ވެސް ފުރިފައިވަނީ ކައިވެނި ހަފްލާތަކުގެ މަންޒަރު ތަކުންނެވެ.
ކައިވެނި ކުރާ ޖޯޑުތަކުގެ ތެރޭގައި ގާތް ރަހުމަތްތެރިންވެސް ހިމެނެއެވެ. ސުކޫލް ދައުރުގައި އެކުގައި ކިޔަވަން އުޅުނު އެކުވެރިން ވެސް ހިމެނެއެވެ. ކޮންމެއަކަސް އެކުގައި ތައުލީމް ހާސިލު ކުރި އެކުވެރިއެއްގެ ކައިވެނީގެ ހަފްލާއަށް އިހަކަށް ދުވަހު ގޮސްފީމެވެ. ޒަމާންވީ އެތައް ރަހުމަތްތެރިންނަކާ ބައްދަލުވިއެވެ.
ހަފްލާ ނިންމާފައި ނުކުންނަން ދަނިކޮށް ދިމާވި ރަހުމަތްތެރިއަކު ސުވާލެއް ކޮށްލިއެވެ. އަދި އޭނާގެ ސުވާލާއެކު އެތާ ތިބި ދެތިން ރައްޓެއްސެއްވެސް އޭނާއާ އެވާހަކައިގައި ބައިވެރިވެލިއެވެ. އޭނާ ކުރި ސުވާލަކީ “ކޮބާ ކައިވެނި ކުރާކަށް ނޫޅެންތަ؟” މިއެވެ.
ކޮންމެއަކަސް އެއީ އައު ސުވާލެއް ނޫނެވެ. ގިނަ ބަޔަކަށް އަބަދުމެ ކުރިމަތިވާ ސުވާލެކެވެ. މަޖަލަކަށް ހަދާފައި ކޮށްލާ މި ސުވާލަކީ ހަގީގަތުގައި ވަރަށް ބިޔަ ބޮޑު ސުވާލެކެވެ. އެތައް ކަންތައްތަކަކަށް ސިކުނޑި ސޮއްސުވާލައި ސުވާލެކެވެ.
ސަބަބަކީ ހެއްޔެވެ؟ ކައިވެނި ކުރަން ބޭނުންވި ނަމަވެސް އެތަކެއް ސަބަބުތަކާހުރެ އެކަން ނުކުރެވިފައި ތިބި އެތައް ބަޔަކު އުޅޭތީއެވެ. މާލީ ގޮތުން ދިމާވެފައިވާ ދަތިތަކަކާހުރެ ނުވަތަ ދިރިއުޅުމުގައި ކުރިމަތިވެފައިވާ ބޮޑު ކަމަކާހުރެ ކައިވެނި ނުކުރެވިފައި ތިބޭ މީހުންނެވެ. ހަޔާތުގެ ދަތުރުގައި އަތު ހިފައިގެން އުޅެން ވައުދުވީ ލޯބިވެރިޔާ ބޭވަަފާތެރިވުމުން ކައިވެނި ނުކުރެވިފައި ތިބި އެތައް ބައެކެވެ. ނުވަތަ ކޮންމެވެސް އެހެން ސަބަބަކާ ހުރެ ކައިވެންޏެއް ކުރުމަށް ތައްޔާރު ނޫން މީހުންނެވެ.
ޮކައިވެނި ކުރުމަކީ ދީނުގައި ވަރަށް ބޮޑަށް ވެސް ބާރު އަޅުއްވާފައިވާ ކަމެކެވެ. އެހެން ނަމަވެސް އަގުބޮޑެތި ވަލީމާތައް ބޭއްވުމަށްފަހު ދެ ދުވަސް ނުވެ ކައިވެނީގެ ގޮށް މޮހާލަނީ ވެސް މަދު ބަޔަކު ނޫނެވެ. ވަރީގެ ރިކޯޑެއް އޮންނަ މި ކުޑަކުޑަ ރާއްޖޭގައި މިކަން މެދުވެރިވާނީ ވެސް ކޮންމެވެސް ސަބަބަަކާ ހެދި ތާއެވެ. އެއީ އަދި މާ ފުޅާ މައުޟޫއު އެކެވެ.
ކައިވެނި ކުރަން ވާނީ އެކަމަށް ހުރިހާ ގޮތަކުން ވެސް ތިބާ “ފިޓު” ވެގެންނެވެ. އެހެން ނޫން ނަމަ ބޮޑު ހަރަދު ކޮށްގެން ބާއްވާ ކައިވެނީގެ ހަފްލާ ވެސް ވާނީ “ފްލޮޕް” އެވެ.