ދުންފަތުގެ ޖެނެރޭޝަން ބޭން އާ ގުޅޭގޮތުން ޓޮބޭކޯ ކޮންޓްރޯލް ބޯޑާ އެކު މަޝްވަރާކޮށްފި

ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް "ޖެނެރޭޝަން ބޭން" ތައާރަފުކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޓޮބޭކޯ ކޮންޓްރޯލް ބޯޑާ އެކު މަޝްވަރާކޮށްފި އެވެ.
ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަން ބޭން ކަނޑައަޅެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައި ވަނީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
ހެލްތު މިނިސްޓްރީން ބުނީ ޖެނެރޭޝަން ބޭން ތައާރަފުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ޑަބްލިއުއެޗްއޯ އާއި ޔުނިސެފްގެ އޮފިޝަލުންނާ މިދިޔަ ހޯމަ ދުވަހު ބައްދަލުކުރައްވާ ކަމާ ގުޅުންހުރި މަޝްވަރާތައް ކުރައްވާފަ އެވެ. ބައްދަލުވުމުގައި އެ އިދާރާތަކުން ވަނީ ޖެނެރޭޝަން ބޭން ކާމިޔާބުކަމާ އެކު ތަންފީޒުކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމާ ގުޅޭގޮތުން ލަފާދީފަ އެވެ.
ކަމާ ގުޅޭ ހިޔާލާއި މަޝްވަރާ ހޯދުމަށް ހެލްތު މިނިސްޓްރީން އިއްޔެ ވަނީ ޖަމިއްޔާތަކާ އެކު ވެސް މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފަ އެވެ.
ޖެނެރޭޝަން ބޭން ތައާރަފުކުރުމަށް ހިޔާލު ހޯދަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ މިނިސްޓްރީން މިއަދު ވަނީ ޓޮބޭކޯ ކޮންޓްރޯލް ބޯޑާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.
https://twitter.com/MoHmv/status/1909869558934220850
ޖެނެރޭޝަން ބޭން ކަނޑައެޅުމުގައި ރައީސް ވަނީ ތިން ގޮތެއް ހުށަހަޅުއްވާފަ އެވެ. އެމަނިކުފާނު ހިއްސާކުރެއްވި ގޮތްތަކުގެ ތެރެއިން ގޮތެއް އިހުތިޔާރުކުރުމަށް އާންމުންގެ ހިޔާލަށް މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލި އެވެ.
ސޯޝަލްމީޑިއާގައި ޕޯލްއަށް ހުށަހެޅުއްވި ތިން ގޮތަކީ:
- 2007 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
- 2004 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
- 2000 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
- "އެކްސް" މެދުވެރިކޮށް ވޯޓުގައި ބައިވެރިވި 51.1 އިންސައްތަ މީހުން
- ފޭސްބުކް މެދުވެރިކޮށް ވޯޓުގައި ބައިވެރިވި 72 އިންސައްތަ މީހުން
- އިންސްޓަގްރާމް މެދުވެރިކޮށް ވޯޓުގައި ބައިވެރިވި 45 އިންސައްތަ މީހުން






ކޮމެންޓް