ވެރިކަމުގެ ދެ އަހަރު ހޭދަކުރީ ޤައުމު ފަސާދަކުރަންކަން އަމިއްލަފުޅަށް ވިސްނިވަޑައިގެންނެވުނީތީ އުފާކުރަން: ޝިޔާމް

ވެރިކަމުގައި ފުރަތަމަ ދެ އަހަރު ހޭދަކުރީ ޤައުމު ފަސާދަކުރަންކަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އަމިއްލަފުޅަށް ވިސްނި ވަޑައިގެންނެވުނީތީ އުފާކުރައްވާ ކަމަށް އިދިކޮޅު ޕީޕީއެމް ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިފެށުނު އާ އަހަރުގައި ސަރުކާރުގެ އަމާޒަކީ ގައުމު އަލުން އާރާސްތުކުރުން ކަމަށް ރައީސް ޞާލިޙު ވިދާޅުވުމާ ގުޅިގެން އެމަނިކުފާނުގެ ވާހަކަފުޅަށް ފާޑުވިދާޅުވެ ޝިޔާމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ރައީސް ކުރެއްވި ހަމައެކަނި ކަމަކީ ގައުމު ފަސާދަ ކުރުމާއި ފަނާކުރުން ކަމަށް އަމިއްލަފުޅަށް ވިސްނި ވަޑައިގެންނެވުމުން އެކަމާ އުފާ ކުރައްވާ ކަމަށެވެ.
"ވެރިކަމުގެ ފުރަތަމަ ދެ އަހަރު ކުރެއްވިހާ ވެސް ކަމަކީ ޤައުމު ފަސާދަކޮށް ފަނާކުރުންކަން އަމިއްލަފުޅަށް ވިސްނިވަޑައިގެން އާއަހަރަށް ޤައުމު ބިނާކޮށް އާރާސްތު ކުރެއްވުމުގެ ވަރުގަދަ އަޒުމް ކަނޑައެޅުއްވީތީ އުފާކުރަން" ޝިޔާމް ވިދާޅުވިއެވެ.
އާ އަހަރު ފެށުމާ ގުޅިގެން ރައީސް ސޯލިހު ފޮނުއްވި ހިތާބުގައި ވިދާޅުވެފައިވަނީ 2020 ވަނަ އަހަރަކީ އަސާސީ އެތައް ހިދުމަތެއް ފުރިހަމަ ނުކުރެވި ތަކުލީފުތަކެއް ރައްޔިތުން ތަހައްމަލު ކުރަން ޖެހުނު އަހަރެއް ކަމުގައި ވާތީ އެކަންކަމުގެ ސަބަބުން ގައުމުގެ ކުރިމަގު ބައްޓަން ކުރުމުގައި ހިފަންވީ މިސްރާބު ސާފުވި ކަމަށެވެ.