ވަގުން ހިފަން ތިބީވެސް ވަގުން، މިއީ ސަރުކާރެއްތަ؟: މުސްޠަފާ
ދިވެހިރާއްޖޭގައި ވަގުން ހިފާ ހައްޔަރު ކުރުމަށް ވެސް ތިބެނީ ވަގުން ކަމަށާއި، ރާއްޖެ ވަގުންގެ ހާއްޔަކަށް ވެ ނިމިއްޖެ ކަމަށް ވިދާޅުވެ ތިމަރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު، މުހައްމަދު މުސްޠަފާ އަދުގެ ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން މުސްޠަފާ ކުރެއްވި ޓުވީޓެއްގައި، އެމްއޭސީއެލްގައި ހިނގާކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ ވާހަކަތަކެއް ހިއްސާ ކޮށްފައި ވެއެވެ. މީގެ އިތުރުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އިތުރުވަމުންދާއިރު، ރާއްޖޭގެ މަހުޖަނުން އިތުރުވެ އެއަރޕޯޓުގެ ސީއައިޕީ ލައުންޖުން ވައްކަން ކުރާ ކަމުގެ ތުހުމަތު ވެސް މުސްޠަފާ ވަނީ ކުރައްވައިފައެވެ.
އެގޮތުން އެއަރޕޯޓުގެ ސީއައިޕީ ލައުންޖަށް ހުށަހަޅާ ޓްރެވެލް އޭޖެންސީތަކަށް ޖާގަ ވިއްކަމުންދަނީ، ބޮލަކަށް 1000 ޑޮލަރު އެމްއޭސީއެލްގެ ވެރިންނަށް ދިނުމަށް ފަހު ކަމަށް މުސްޠަފާ ތުހުމަތު ކުރައްވައިފައިވާއިރު، މުސްޠަފާ ވިދާޅުވީ ރާއްޖެ އަންނަ މަހުޖަނުންގެ ޕްރައިވެޓް ޖެޓުތަކަށް ޕާކިންގް ސްލޮޓުތައް ދޫކުރުމުގައި ވެސް ވައްކަން ކުރާ ކަމަށެވެ.
ހަމައެއާއެކު އެމްއޭސީއެލްއާއި ސިވިލް އޭވިއޭޝަން އިން ޖާގަ ދޭއިރުގައި ބަލަނީ އެންމެ ބޮޑު ކޮމިޝަނެއް ދޭން އެއްބަސް ވާ ކުންފުނިތަކަށާއި، އެކަމުގެ ސަބަބުން ޖެޓު ހޭންޑަލް ކުރާ ފަރާތްތައް ގޮތް ހުސްވެއްޖެ ކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.
އަދި މުޅި ގައުމުގައި އޮތީ ހުސް ވައްކަން ކަމަށާއި، ވައްކަން ނޫން އިތުރު ކަމެއް އަދުގެ ސަރުކާރުން ނުކުރާ ކަމަށް ވެސް މުސްޠަފާ ވަނީ ވިދާޅުވެފައެވެ.
މިޤައުމުގަ ރައްޔިތުންނަށް ކަމެއްކޮއްދޭނެ ސަރުކާރެއް އުފެދޭމީ ކޮންއިރަކުންބާ؟