މި ފެށުނު 2021 ވަނަ އަހަރުގެ އަމާޒަކީ ހަރަދު ކުޑަ ކުރުމާ އެކު އައު ވަސީލަތް ބޭނުން ކޮށްގެން ކަރަންޓު އުފެއްދުން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.
މުޣުނީ މިހެން ވިދާޅުވީ ސްޓެލްކޯގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ލައިވް ސްޓްރީމް މެދުވެރިކޮށް ކުންފުނިން ބަލަހައްޓަމުން ގެންދާ ހުރިހާ އިންޖީނުގެއެއްގެ މުވައްޒަފުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މުޣުނީ ވިދާޅުވީ، 2020 ވަނަ އަހަރު ނިމިގެން ދިޔައިރު، ސްޓެލްކޯގެ މަސައްކަތްތަކުގެ މައްޗަށް ނަޒަރު ހިންގާ ބަލާލަން ޖެހޭ ކަމަށާއި، އަދި ކުރިއަށް ކަނޑައަޅަންވާ މިސްރާބު ކަނޑައެޅުމުގައި ނިމިދިޔަ ތަނުގެ ތަޖުރިބާތައް ދެނެގަނެ، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކޮށް ހާސިލް ކުރުމަށް ލަނޑުދަނޑިތައް ކަނޑައަޅާ މިސްރާބު ހިފަން ޖެހޭ ކަމަށެވެ.
މުޣުނީ ވަނީ ކޮންމެ މުވައްޒަފަކު އެ މުވައްޒަފެއްގެ މަސައްކަތު ދާއިރާއިން އެކަން ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ސްޓެލްކޯއަށް 2020 ވަނަ އަހަރަކީ ކާމިޔާބުގެ އަހަރެއްކަން ފާހަގަ ކުރައްވައި، މުޣުނީ ވިދާޅުވީ "ކޮވިޑް-19" ގެ ކުއްލި ނުރައްކަލުގެ ހާލަތުގައި މާލެ ސަރަހައްދު ފުރަބަންދުވީ، އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތް މެދު ނުކެނޑި ފޯރުކޮށް ދިނުމަށް އެތެރޭގައި 220 މުވައްޒަފުން ފުރަބަންދު ވެގެން ކަމަށާއި، އާއިލާއާއި ވަކިން އޮފީހުގައި ބަންދުވެ ތިބެ، ކުރަންޖެހުނު މަސައްކަތަކީ ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތެއްކަމަށެވެ.
އެހެން ނަމަވެސް އެކަމުގައި އެ މުވައްޒަފުން ދައްކައިދިނީ ގައުމީ ހިތްވަރާއި ކުންފުންޏަށް އިހުލާސްތެރި ވުމުގައި ނަމޫނާ މިސާލެއްކަން ފާހަގަކުރައްވައި ލޮކްޑައުންގައި ގޭގައި ތިއްބަވައިގެން މަސައްކަތް ކުރެއްވި މުވައްޒަފުންގެ ސަޕޯޓިންގ މަސައްކަތާއި އަތޮޅުތަކުގެ އިންޖީނުގެތަކުގެ މުވައްޒަފުންވެސް ކޮށްދެއްވި މަސައްކަތްތަކަށް މުޣުނީ ޝުކުރު އަދާކުރެއްވިއެވެ.
"ކޮވިޑްގެ ހާލަތުން މިންޖުވުމަށް ކުރަމުން ދިޔަ އަދި މިހާރުވެސް ކުރަމުންދާ މަސައްކަތްތަކަކީ ގައުމީ މަސައްކަތަކަށް ވާއިރު އެކަމުގައި މިކުންފުނި ޝާމިލްވެ އަމަލީ ގޮތުން މަސައްކަތް ކުރެވިފައި ވާކަން ފާހަގަ ކުރަން. އެގޮތުން ކޮވިޑުގެ އެންމެ ދަތި ދުވަސްވަރު ކުންފުނީގެ 50 އަށްވުރެ ގިނަ މުވައްޒަފުން ހިދުމަތަށް ނުކުމެ އެންއީއޯސީ ގެ އެކި ހިދުމަތް ތަކުގައި އަމަލީ ގޮތުން ބައިވެރިވެ، މަސައްކަތް ކޮށްފައިވާ ކަން މި ފާހަގަ ކުރަނީ އެ މުވައްޒަފުންގެ ހިދުމަތަށް ފަހުރުވެރި ވަމުން. ކުންފުނިން މާލީ އަދި އިޖުތިމާއީ އެހީތެރިކަމުގެ ގޮތުގައި 5.8 މިލިޔަން ރުފިޔާ، ހޭދަ ކޮށްފައި ވާނެ" މުޣުނީ ވިދާޅުވި އެވެ.
މީގެ އިތުރުން އެ އުދަނގޫ ދަނޑިވަޅުގައި ކަރަންޓު މެދު ނުކެނޑި ފޯރުކޮށްދިނުމާއި، ވޮލަންޓިއަރ މަސައްކަތަށް ނުކުތުމުގައި މުވައްޒަފުން ބައިވެރިވުމާއި، މާލެއާއި އަތޮޅުތަކުގައި އިންޖީނުތައް އޯވަރ ހޯލްކޮށް މެއިންޓެއިންކޮށް ބެލެހެއްޓުމުގައި ހާއްސަކޮށް އަހަރުގެ "ޕީކް" ދުވަސްވަރު ކަރަންޓު ކަނޑާލަން ނުޖެހި،ހިދުމަތް ދެމުން ގެންދިޔަ ގެންދިއުން އެއީ ކުންފުނީގެ ތާރީހުގެ ތެރެއިން ވެސް ލިޔެވިގެން ދާނެ ފަހުރުވެރި މަސައްކަތްތައް ކަން މުޣުނީގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
އަދި ރާއްޖޭގެ ބިޔަ ބޮޑެތި މަޝްރޫއުތަކުގެ ގޮތުގައި ވާ "ފިފްތު ޕަވަރ މަޝްރޫއު " އާއި "އިންޓަރ ކަނެކްޝަން" މަޝްރޫއު މަސައްކަތް ވެސް ނުހުއްޓި އެހާލަތުގައި ވެސް ކުރިއަށް ދިޔަކަން މުޣުނީ ވަނީ ފާހަގަ ކުރައްވާފަ އެވެ.
"ތެލަށް ބަރޯސާވެ، ކަރަންޓު އުފެއްދުން އެކަނި އެއީ ކުންފުނީގެ ވިޔަފާރިއަށް ހަދައިގެން ތިބުމުގެ ބަދަލުގައި އެހެން ވިޔަފާރިތަކަކަށް އިންވެސްޓްކޮށް ފުޅާ ކުރުމާއި ސޯލާގެ ވިޔަފާރި ފުޅާ ކުރުމަށް އަޅުގަނޑުމެން ކުރި މަސައްކަތް ހުސްވި އަހަރު ނިންމާލީ ފްލޯޓިން ސޯލާގެ އަމިއްލަ ޕްރޮޖެކްޓެއް "ސްޓެލްކޯ ސޯލާ ޕޮޑް – ގުރީން ލައިފް" ގެ ނަމުގައި ނިމުނު އަހަރު އެންމެ ފަހު މަސައްކަތް ދުވަހު ލޯންޗް ކުރުމާއެކު، މިއީ މި ސިނާއަތަށް މި ކުންފުނިން ދޫކޮށްލި މުހިއްމު އުފެއްދުމެއް." މުޣުނީ ވިދާޅުވި އެވެ.