ޚަބަރު

"ވަގުތު" ނޫސްވެރިންނަށް ފުލުހުން ހިމާޔަތް ދޭން ފަށައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އޮންލައިން ނޫސް "ވަގުތު"ގެ ނޫސްވެރިންނަށް ބައެއް ފަރާތްތަކުން ދެމުންދާ އިންޒާރުތަކާ ގުޅިގެން، ފުލުހުން އެނޫސްވެރިންނަށް ހިމާޔަތް ދޭން ފަށައިފިއެވެ.

Ads by Sosun Fihaara

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، "ވަގުތު" ނޫހަށް އެކި ގޮތްގޮތުން އިންޒާރު ދެމުންދާ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށާއި މިމައްސަލަ ތަހުގީގު ކުރަމުންދާއިރު "ވަގުތު" ނޫހަށް ބޭނުންވާ ރައްކާތެރިކަން ވެސް ފުލުހުން ދަނީ ފޯރުކޮށްދެމުން ކަމަށެވެ.

"މީޑިއާގެ ފަރާތްތަކަށް ދޭ މިފަދަ އިންޒާރުތައް ފުލުހުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އަދި މިފަދަ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކޮށް ފިޔަވަޅު އަޅަމުުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން" ފުލުހުން ވިދާޅުވެފައިވެއެވެ.

"ވަގުތު" ނޫހުގެ ނޫސްވެރިންނަށް ބަޔަކު މަރުގެ އިންޒާރު ދެމުންދަނީ "އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ!" މި ނަމުގައި އެނޫހުން ޝާއިޢު ކުރި ލިޔުމަކާ ގުޅިގެންނެވެ.

އެގޮތުން ފޭސްބުކް ގައި "ދިވެހި ސިންގަރ" ގެ ނަމުގައި ހިންގާ އެކައުންޓަކުން ވަގުތުގެ ބައެއް ނޫސްވެރިންގެ ފޭސްބުކް އެކައުންޓުތަކުގެ ފޮޓޯއާއެކު ލިޔެފައިވާ ޕޯސްޓެއްގައި ލިޔެފައި ވަނީ :

"ދޭނަން ޢުޤޫބާތް ދިން ފަދައިން ވާނަން ސާބިތު އިންޝާ ﷲ

އުކެނީ ކުޅަނދުރު ހަތަޔަށް އޮށްގާކަން ދަނެތިބެ ކުރިޔަށް ގެންދާށޭ!

ތިޔަ ރޯކުރި ހުޅުގަނޑު ނިއްވާލަން ގައިމޭ މިފަހަރު އުނދަގޫ ވާނޭ" މިފަދައިންނެވެ.

އެނގިފައިވާ ގޮތުގައި މިއީ "ޖިހާދު" ޅެމުގެ ތަންކޮޅެކެވެ. އަދި އެެ ޅެމުގައި ދައްކަނީ ބޯ ކަނޑާ ވާހަކަކަން ވެސް އެނގިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި "ވަގުތު" ނޫހުގެ ނޫސްވެރިން އަދިވެސް ތިބީ އައްޑޫގައި، އެމީހުންގެ "ހޭރިޔާ" ދަތުރު ފުރިހަމަ ކުރުމަށް ގޮހެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!