ޚަބަރު

ރާއްޖެއިން ވެސް ޤަތަރާއެކު ޚާރިޖީ ގުޅުން އަލުން ގާއިމު ކުރަން ނިންމައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެއިން ވެސް ޤަތަރާއެކު ޚާރިޖީ ގުޅުން ގާއިމު ކުރަން މިއަދު ނިންމައިފިއެވެ.

Ads by Hajj Corporation

މިކަން އިއުލާނު ކުރައްވަމުން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަލްފް ކޯޕަރޭޝަން ކައުންސިލުން މިއަހަރު ހުށަހަޅާފައިވާ ޑިވެލޮޕްމަންޓުތަކަށް މަރުޙަބާ ދަންނަވާ ކަމަށާއި ޤަތަރުގެ ސަރުކާރާއެކު ފައިދާހުރި މަޝްވަރާތަކެއް ރާއްޖޭގެ ފަރާތުން ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެއާއި ޤަތަރާ ދެމެދު އަނެއްކާ ވެސް ޚާރިޖީ ގުޅުން ގާއިމްކުރަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ރާއްޖެއިން ޤަތަރާއެކު އެންމެ ފުރަތަމަ ޚާރިޖީ ގުޅުން ގާއިމު ކުރީ 1984 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހުގައެވެ. ޤަތަރާއެކު އޮތް ގުޅުން ސައުދީ އަރަބިއާއިން ކަނޑާލުމާއެކު ރާއްޖެއިން ވެސް އެގުޅުން ކަނޑާލާފައި ވަނީ 2017 ވަނަ އަހަރުގައެވެ.

ސައުދީން ގުޅުން ކަނޑާލުމުން ރާއްޖެއިން ވެސް ޤަތަރާއެކު އޮންނަ ގުޅުން ކަނޑާލި ނަމަވެސް، އެއިރު ބުނެފައި ވަނީ އެގުޅުން ކަނޑާލީ ރާއްޖޭގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެކަމުގައި ޓެރަރިޒަމާއި ހައްދުފަހަނަޅާ ދިއުމާ ދެކޮޅަށް ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތު ވެސް ހިމެނޭ ކަމަށް ވެސް އެއިރު ބުނެފައިވެއެވެ.

އެއިރު ޤަތަރާއެކު ގުޅުން ކަނޑާލި އެހެން ޤައުމުތަކުގެ ތެރޭގައި ޔޫއޭއީ އާއި ބަހުރެއިން ވެސް ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!