2023 ގައި ރާއްޖޭގެ ހާލަތު އެމެރިކާ ހާލަތާ ދިއުމާ ވަރަށް ގާތް: ޝުޖާއު
2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ހާލަތު އެމެރިކާ މިހާރު އޮތް ހާލަތަށް ދިއުމާ ވަރަށް ގާތް ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިހާބު ސައްހަކަން ކަށަވަރުކުރަމުން ދަނިކޮށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް އެގައުމުގެ ރައީސް ޓްރަމްޕްގެ ސަޕޯޓަރުންތަކެއް ވަދެ ހިންގި ހަމަނުޖެހުމަށް އިޝާރާތް ކުރައްވައެވެ.
އެގޮތުން ޝުޖާއު ވިދާޅުވީ އެމެރިކާ ރައްޔިތުން ޓްރަމްޕް ބަލިކުރި ފަދައިން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިކުމެ އެމްޑީޕީގެ މި ސަރުކާރު ބަދަލުކުރާނެ ކަމަށެވެ. ނަމަވެސް ވޯޓުން ބަލި ކުރުމުން އެމްޑީޕީން އެކަމަށް ދެކޮޅު ހަދާ ހަމަނުޖެހުން ހިންގާތަން ދިވެހި ދެކޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"'ހަމަހިލާ އެހެނަކުން ނުވާނޭ' ބުނެ އެމްޑީޕީން ހަޅުތާލުކޮށް، ގައުމު ހަލަބޮލި ކުރާތަން ދިވެހިން ދެކޭނެ" ޝުޖާއު ވިދާޅުވިއެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ސައްހަކަން ކަނޑައަޅަން ސެނެޓްގެ ބައްދަލުވުން ކުރިއަށް ދަނިކޮށް ޓްރަމްޕަށް ތާއީދު ކުރާ ބަޔަކު ވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ތެރެއަށް ވަދެ، ކުޑަ ދޮރުތައް ތަޅާ، ޑެސްކަށް ގެއްލުން ދީފައެވެ. އަދި އެ މީހުންނާ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި އެކަކު ވަނީ މަރުވެފައެވެ.