ޓްވިޓާއިން އެންމެ ފަހުން ޓްރަމްޕް ބޭރުކޮށްލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓާ އެކައުން ދާއިމީކޮށް ސަސްޕެންޑު ކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް ހޯލުތެރެއަށް ގަދަބާރުން ވަދެ، އެތަނަށް ގެއްލުން ދިނުމުން، އެޢަމަލަށް ހިތްވަރު ލިބޭނޭފަދަ ޕޯސްޓުތަކެއް ޓްރަމްޕް ކުރުމުން އޭނާގެ ޓްވިޓާއާއި ފޭސްބުކް އެކައުންޓު 12 ގަޑިއިރަށް އޭރު ސަސްޕެންޑު ކުރިއެވެ. އަދި ޓްވިޓާގެ ޤަވާއިދުތަކާއި އުސޫލުތަކާ ޚިލާފުވެއްޖެނަމަ، ދެން އޭނާގެ އެކައުންޓު ދާއިމީކޮށް ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު ވެސް އެދުވަހު ޓްވިޓާއިން ދީފައިވެއެވެ.
މުޅި ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގިނަ ބޭފުޅުންނާއި، ގިނަ އަދަދެއްގެ ފަންނާނުންނާއި އާންމު ރައްޔިތުން ވެސް ބޭނުންކުރާ މީސް މީޑިއާ ޕްލެޓްފޯމް ޓްވިޓާއިން، އެމެރިކާގެ ރައީސް ޓްރަމްޕް ދާއިމީކޮށް ބޭރު ކޮށްލާފައި މިވަނީ ހަމަނުޖެހުން އުފެއްދެވުމަށް އިތުރު މަސައްކަތްޕުޅުތަކެއް ޓްރަމްޕު ކުރައްވަފާނެކަމުގެ ނުރައްކާ އާއި ބިރު އޮތުމުގެ ސަބަބުންކަމަށް ޓްވިޓާގެ އޮފިޝަލުން ބުނެފައިވެއެވެ.
ޓްރިޓާގައި ޓްރަމްޕް ބޭނުންކުރާ އަމިއްލަ އެކައުންޓު ބަންދު ކުރުމުން، އޭނާ ވަނީ އެމެރިކާގެ ރައީސުން ރަސްމީކޮށް ބޭނުން ކުރުމަށް ކަނޑައަޅާފައިވާ އެކައުންޓުން ވެސް ޓްވީޓުތަކެއް ކުރައްވާފައެވެ. އެޓްވީޓުތައް ކުރެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ޓްވިޓާއިން ވަނީ އެ އެކައުންޓު ވެސް ވަގުތީ ގޮތުން ބަންދު ކޮށްފައެވެ.

އެމެރިކާގެ ރައީސްއަށް ޚާއްސަ ކޮށްފައިވާ އެކައުންޓު ބަންދު ކުރުމުގެ ކުރިން، ޓްރަމްޕް ކުރެއްވި ޓްވީޓުތަކުގައި ވިދާޅުވެފައިވަނީ، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ޓްވިޓާއިން ނިގުޅައިގަނެފައިވާ ކަމަށާއި ޑިމޮކްރަޓުންނާއި ގުޅިގެން އޭނާގެ އަޑު ކަނޑުވާލުމަށް މަސައްކަތްކޮށް، ޓްވިޓާ އެކައުންޓު ވެސް ބަންދު ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ޓްރަމްޕަށް ސަޕޯޓުކޮށް ވޯޓުލީ 75،000،000 އެއްހާ މީހުންނަކީ ހިތްވަރުގަދަ ފަހުލަވާނުންތަކެއްގެ ގޮތުގައި ސިފަ ކުރައްވަމުން ވިދާޅުވީ، ޓްވިޓާއިން ބޭރުކޮށްލި ކަމުގައިވިޔަސް އެހެން ސައިޓުތަކަކާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށާއި ވަރަށް އަވަހަށް އުފާވެރި ޚަބަރެއް ދެއްވާނެ ކަމަށެވެ.