ކަނބާ އައިސާ ރަނި ހިނގުމުގައި ފެންބޮޑުވެފައިވާ ފޮޓޯއަކީ އިއްޔެގެ ފޮޓޯއެއް ނޫން: ޝަމާއު

ކަނބާ އައިސާ ރަނި ހިނގުމުގައި ފެންބޮޑުވެފައިވާ ފޮޓޯ އަކީ އިއްޔެގެ ފޮޓޯއެއް ނޫން ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވެއްޖެއެވެ.
މާލެއަށް ކުރި ވިއްސާރައިގައި ކަނބާ އައިސާ ރަނި ހިނގުމުގައި ފެން ބޮޑުވެފައިވާ ފޮޓޯއެއް މީސް މީޑިއާގައި އަންނަނީ ދައުރު ވަމުންނެވެ. މަގުގައި ފެންބޮޑުވެފައި ވަނީ ފެންބޮޑު ނުވާނެ ކަމަށް ޝަމާއު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.
ކަނބާ އައިސާ ރަނި ހިނގުމުގައި ފެންބޮޑުވެފައިވާ ކަމަށް ބުނާ ފޮޓޯ ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ހިއްސާ ކުރެއްވުމުން ޝަމާއު ވަނީ އެއީ އިއްޔެގެ ފޮޓޯއެއް ނޫން ކަމަށް ވިދާޅުވެފައެވެ.
"އިއްޔެގެ އެއްވެސް ވަގުތެއްގައި ދަނޑާ އިންވެގެން އޮތް ޕާކިން ޒޯން ހުސްކޮށް އޮއްވާ ނުފެނޭ. ތިޔަ ފޮޓޯގައި ހަމަ އެންމެ ސައިކަލެއް ވެސް ނެތް. ތީކީ އިއްޔެގެ ފޮޓޯއެއް ނޫން." ޝަމާއު ވިދާޅުވިއެވެ.
ސިޓީ ކައުންސިލުގެ "ސްޓްރީޓްސްކޭޕިން" ޕްރޮޖެކްޓުގެ ދަށުން އެންމެ ފުރަތަމަ ތަރައްގީ ކުރަން ފެށި މަގަކީ ކަނބާ އައިސާ ރަނި ހިނގުމެވެ. މި މަގު ތަރައްގީ ކުރުމަށް ފަހު އަލުން ހުޅުވާލާފައިވަނީ މި މަހު ކުރީ ކޮޅުގައެވެ.
ކަނބާ އައިސާ ރަނި ހިނގުމުގައި ފެންބޮޑުވެފައިވާ ފޮޓޯއެއް މިހާރު ދައުރުވަމުން އަންނައިރު، ސިޔާސީ ފަރާތްތައް އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މި ފޮޓޯއަކީ އިއްޔެ ނަގާފައިވާ ފޮޓޯއެއް ނޫން ކަމަށް ސިޓީ ކައުންސިލުން ބުނި ނަމަވެސް، ފޮޓޯއިން ފެންނަ ގޮތުގައި އެ ފޮޓޯއަކީ މަގު ހެދި ފަހުން ނަގާފައިވާ ފޮޓޯއެކެވެ.