ދީން

ހެޔޮ އަމަލުތައް ކުރުމަށް އަބަދުވެސް މާދަމާއަށް ފަސްކޮށްކޮށް ތިއްބާ ޙަޔާތުގެ ނައު ބާރަށް ދަތުރު ކުރަމުންދަނީއެވެ.

ދެން އެމްވީ ، ދެން އޮންލައިން

ދާދި މިދާކަށް ދުވަހު އަހަރެމެންނާއި ބައްދަލު ކުރީ ރަމަޟާން މަހެވެ. އަހަރެމެން އެންމެން ފުރަބަންދުގައި ތިއްބާ އިސާހިތަކު ބަރަކާތްތެރި އެ ދުވަސްތައް ވެސް މާޒީއާއި އެކުވެ ހިނގައްޖެއެވެ. ނަމަވެސް އެ ދުވަސްތަކުގެ ފައިދާ ލިބިގަތީ ކިހާ މިންވަރަކަށް ކޮން ގޮތަކުންތޯ މިއީ ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ނަފްސާއި ސުވާލު ކޮށްލަން ޖެހޭ ކަމެކެވެ.

Ads by STELCO

ރަމަޟާން މަސް ނިމިގެން ދިޔަ ނަމަވެސް ހެޔޮކަންތައް ކުރުމަށް ނުވަތަ ﷲގެ ޙަޟްރަތުން މަތިވެރިވެގެންވާ ޘަވާބާއި ދަރުމަ ލިބިގަތުމަށް އަހަރެމެންނަށް ދުވާލާއި ރޭގަނޑު ފުރުސަތުތައް ވަނީ ހުޅުވިފައެވެ. ފަރުޟު ނަމާދާއި ދަމު ނަމާދުގެ އިތުރުން ޤުރުއާން ކިޔެވުމާއި ޒިކުރުކުރުމަކީ އަބަދަށްމެ ކުރެވެން އޮތް ކަން ކަމެވެ.

ނަމަވެސް ހިތާމައަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ އަބަދު ވެސް ހެޔޮކަންތައް ކުރުމަށް ފަސް ކުރަމުންދާ މީހުން ކަމަށް ވުމެވެ. ''މާދަމާ''ނަމާދު ކުރަން ފަށަން ''އަންނަމަހުން" ފެށިގެން ޤުރުއާން ކިޔަވަން ''މާދަމާ ރެއިން ފެށިގެން''ﷲ އާއި ކުއްތަން ވުމަށް މަސައްކަތް ކުރަން ތިއްބާ ހަޔާތުން އެތައް އަހަރުތަކެއް ފާއިތުވަމުން ދާއިރު ވެސް މިތިބެވެނީ ޣާފިލްކަން މަތީގައެވެ. ޝައިތާނާ އަހަރެމެންގެ ކެހިވެރިކަމުގެ މަޅީގައި ޖައްސައިގެން ތިބޭތާ ، ބައެއް މީހުންނަށް 50 އަހަރު ، އަނެއް ބަޔަކަށް 60 އަހަރު ވެގެން ދަނީއެވެ. ފަހެ އަހަރެމެން އެދޭ ، އުއްމީދު ކުރާ ހެޔޮކަންތައް ކުރާނީ ކޮން ދުވަހަކުން ތޯއެވެ.

ކޮންމެ ދުވަހަކީ އަޅުގަނޑުމެންގެ އަޖަލާއި އަޅުގަނޑުމެން ގާތްކޮށްދޭ ދުވަހެކެވެ. ހެޔޮކަންތައް ކުރިޔަސް ނުވަތަ ނުކުރިޔަސް އަޖަލާއި ގާތްވުމުގައި ލަސްކަމެއް ނުވެއެވެ. ވަގުތަކީ އަޅުގަނޑުމެންނަށް ހުއްޓުވެން އޮތް އެއްޗެއް ނޫނެވެ. އަޅުގަނޑުމެންގެ ޙަޔާތުގެ ނައު ބާރު ސުޕީޑްގައި ދަތުރުކުރަމުން ދަނީ އެވެ. އެނަވަށް ކަނޑައެޅިފައިވާ ވަގުތު އައިސް ޖެހޭނީ ކޮން ވަގުތެއްގައި ކަމެއް ނޭނގެއެވެ.

މަރުއައިސް ބައްދަލު ކުރާ ހިނދު ތިމާގެ މުޅި ޙަޔާތް ލޯމަތިން ތަސައްވަރު ކުރެވިގެން ދާނެއެވެ. ކުރެވުނު ކަންތަކާއި ނުކުރެވި ދޫކޮށްލެވުނު ކަންތައް އިއްޔެވީ ފަދަ ކަމެއްހެން ކުރެހިގެން ދާނެއެވެ. އެވަގުތަކީ އެހެން ޙައްލެއް ނުވަތަ އެނޫން އެހެން ގޮތެއް ވާނޭ ވަގުތެއް ނޫނެވެ. އެހިނދު ނުކޮށް ދޫކޮށްލެވުނު ކަންކަމާއި ކުރެވުނު ގޯސްކަންތައްތަކާއި މެދު ހިތާމަކޮށް ރޯ ރުއިމަކުން ،ވާނޭ ހިތްދަތިކަމަކުން ފައިދާއެއް ނެތެވެ. އެހީވާނޭ އަތްބެއް ދަރިއެއް މުދަލެއް ނެތި ، އެ އެންމެންނާއި މުދާ ދޫކޮށް އަބަދަށްޓަކައި ލޯ މަރާލަން ޖެހޭނެއެވެ. އެހެންކަމުން މާދަމާއަށް ފަސް ނުކުރާށެވެ. ޙަޔާތަށް ހެޔޮ ބަދަލުތައް ގެންނަންވީ މިހާރުއެވެ. ތިމާއަށް ބާރު އޮތީ މިއަދު އެވެ. އިއްޔެ ކުރެވުނު ކަމެއް ބަދަލު ނުވާނޭ ފަދައިން މާދަމާ ލިބޭނޭ ކަމުގެ ޔަގީން ކަމެއް ވެސް ނެތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!