ލައިފްސްޓައިލް

އެކުވެރިޔާއެވެ. ބަދަލު ނުހިފާށެވެ. ﷲ ބަދަލު ދެއްވާނެއެވެ.

ދެން އެމްވީ ، ދެން އޮންލައިން

މި ވަގުތީ ދުނިޔޭގައި އަހަރެމެން ދިރިއުޅުމުގެ ދުވަސްތައް ގުނަމުން ދާއިރު، ތަފާތު އެކި ތަޖުރިބާ ކުރާނެއެވެ. ހިތް ނޭދޭ ނުވަތަ ދުވަހަކު އުންމީދު ވެސް ނުކުރާ ފަދަ އެކި ކަންކަމާ ދިމާވާނެއެވެ. ތިބާ ދިރިއުޅުން މަތިން ފޫހިވާ ފަދަ އެތައް ކަންކަމާ ވެސް ކުރިމަތިލާން ޖެހޭނެއެވެ. ނުވަތަ ތިބާގެ ހިތް އުފަލުން ފޮޅިގެންދާ ފަދަ ކަންކަމާ ވެސް ދިމާވާނެއެވެ. ދިރިއުޅުމުގައި އަަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނޭ އެ ބުނަނީ ކުރިން ބުނި ސަބަބުތަކާއި ހުރެއެވެ.

Ads by STELCO

އަހަރެމެންނަށް ދިރިއުޅުމުގެ ދުވަސްތައް ވޭތު ކުރަމުން ދާއިރު ތަފާތު މިޒާޖުގެ މީހުންނާ ދިމާވާނެއެވެ. އަހަރެމެންނާއި ދިމާވާ ކޮންމެ މީހަކީ އަހަރެމެންނަށް ހިތް ސާފު މީހުންނަށް ނުވެދާނެއެވެ. ތިބާ ކައިރި ހުރެގެން، ހެޔޮއެދޭ މީހަކަށް ވެގެން، ކިތަންމެ ބޮޑު ލަނޑެއް ވެސް ދީފާނެއެވެ. އެއީ ދުނިޔޭގެ އުސޫލެވެ. މިތާ ހިނގާ ހުރިހާ ކަމެއް ވާނީ ތިބާ އެންމެ ހިތް އެދޭ ގޮތަކަށް ނޫނެވެ.

އަހަރެމެންނަށް ދެރައެއް ނުވަތަ ލަނޑެއް ދޭ މީހަކު ކިބައިން ބަދަލު ހިފުމަކީ ވަރަށް އާއްމު ކަމެކެވެ. ތިބާގެ ދިރިއުޅުމަށް އައިސް، މުޅި ހަޔާތުގައި ހުޅު ޖަހާފައި ދާ މީހާއަށް ވެސް ހެޔޮކޮށް ހިތާށެވެ. ނުވަތަ ތިބާ ދެކެ ލޯބިވާ ކަމަށް ބުނެ ހިތްކުދި ކުދި ކޮށްލާފައި ދާ މީހާއަށް އުމުރު ދުވަހު ނަފްރަތު ނުކުރާށެވެ. މީހުން ކައިރި ތިބާއޭ ކިޔައިން ދޮގު ވާހަކަ ފަތުރާ މީހާ ކިބައިން ބަދަލު ހިފަން އޭނާ އެންމެންގެ ތެރޭގައި ބޭޒާރު ނުކޮށްލާށެވެ. މިއީ ވަގުތީ ހިޔާވަހި ކަމެކެވެ. މިތަނުގެ އަރާމާއި ލައްޒަތު ފަހަތުން ނުދުވެ، މަހްޝަރު ކުރައްވާ ދުވަހަށް ތައްޔާރުވާށެވެ.

އޭ އެކުވެރިޔާއެވެ. ތިބާ އާއި ދޭތެރޭ އިހާނެތިކޮށް ކަންތައް ކުރާ މީހާ ކިބައިން ބަދަލު ނުހިފާށެވެ. ހުރިހާ ކަމެއް ވެސް މޮޅަށް ދެނެވޮޑިގެންވާ ގަދަ ކީރިތިވަންތަ ﷲ، އެއްވެސް އަޅަކަށް ދެރަ ގޮތެއް މިންވަރު ނުކުރައްވާނެއެވެ. ހަމަ ޔަގީނުން ވެސް ﷲ ބަދަލު ދެއްވާނެއެވެ. ޝައިތާނާގެ ވަސްވާސްތަކަަށް ހެއްލިގެން މީހުން ކިބައިން ބަދަލު ހިފުން ހުއްޓާލާށެވެ. ތިބާގެ އީމާންތެރިކަން ވަރުގަދަކޮށް ﷲ ގެ ރުއްސެވުން ހޯދާ، ސުވަރުގެވަންތަ ވެރިއަކަށް ވުމަށް އަޒުމު ކަނޑައަޅާށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!