ޚަބަރު

ބިލަބޮންގް ސުކޫލުން 4 ދަރިވަރަކު ފައްސިވެއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބިލަބޮންގް އިންޓަނޭޝަނަލް ސުކޫލުން 4 ދަރިވަރަކު ފައްސިވެއްޖެއެވެ.

Ads by MWSC

މިކަމާ ގުޅިގެން ބިލަބޮންގް އިންޓަރނޭޝަނަލް ސުކޫލުގެ މެނޭޖުމެންޓުން އެ ސުކޫލުގެ ދަރިވަރުންގެ ބެލެނިވެރިންނަށް ވަނީ އެ ސުކޫލުން 4 ދަރިވަރަކު ފައްސިވެފައިވާ ކަން އަންގައި މެއިލް އެއް ކޮށްފައެވެ.

ބިލަބޮންގް އިންޓަރނޭޝަނަލް ސުކޫލުގެ 4 ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިިރު، އެ 4 ދަރިވަރުންނަކީ ވެސް އެއް އާއިލާއަކަށް ނިސްބަތްވާ 4 ކުދިން ކަމަށާއި، އެންމެ ފަހުން އެ 4 ކުދިން ސުކޫލަށް އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުކަމަށް އެ މެއިލްގައި ބުނެފައި ވެއެވެ. މީގެ އިތުރުން ސަރުކާރުން ހަދައިފައިވާ ގައިޑްލައިންއާ އެއްގޮތަވާ ގޮތުގެ ،މަތިން މި 4 ކުދިން ވެސް ސުކޫލުގައި އުޅުނީ މާސްކު އަޅައިގެން ކަމަށާއި، އިޖުތިމާއީ ގައިދުރުކަން ބެލެހެއްޓިފައިވާއިރު، ސުކޫލަށް ވަނުމުގެ ކުރިން އެއްވެސް ކުއްޖެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިފައި ނުވާ ކަމަށް ވެސް ބިލަބޮންގް އިންޓަރނޭޝަނަލް ސުކޫލުން އެ ސުކޫލުގެ ބެލެނިވެރިންނަށް ފޮނުވި މެއިލްގައި ބުނެފައި ވެއެވެ. އެހެންކަމުން އެ 4 ދަރިވަރުންނަށް ވެސް ކޮވިޑު ޖެހިފައިވަނީ ސުކޫލުގެ ފަރާތުން ނޫންކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމައެއާއެކު ސުކޫލުން ކޮވިޑް އެކްޓިވް ކޭސްއެއް ފެނުމާ ގުޅިގެން އަމަލު ކުރަމުން ދާނީ އެ ސުކޫލުން ކަނޑައަޅައިފައިވާ ގަވައިދާ އެއްގޮތަށް ކަމަށާއި، އެގޮތުން އެންމެ ފުރަތަމަ މަރުހަލާއެއްގެ ގޮތުން އެ ދަރިވަރުން ކިޔަވަމުން ގެންދިޔަ ކުލާހުގެ ހުރިހާ ދަރިވަރުންގެ ބެލެނިވެރިންނަށް މި މައުލޫމާތު ފޯރުކޮށްދީފައި ވާނެ ކަމަށް ވެސް އެ މެއިލްގައި ބުނެފައި ވެއެވެ.

އަދި ދެވަނަ މަރުހަލާއެއްގެ ގޮތުން، ކޮންޓެކްޓް ޓްރޭސިންގް ގެ މަސައްކަތް ފެށިފައިވާ ކަމަށާއި، އެމަސައްކަތް ކުރަމުން ގެންދަނި އެޗްޕީއޭ އާއި އެމްއޯއޭ ގުޅިގެން ކަމަށާއި، އަދި މިހާތަނަށް އެއްވެސް ކޮންޓެކްޓްއެއް ފެނިފައި ނުވާ ކަމަށް ވެސް އެ މެއިލްގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ސުކޫލުން ބުނެފައިވަނީ މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ސުކޫލުން ކޮވިޑް-19 އެކްޓިވް ކޭސްތަކެއް ފެނުމުން އެކަމާ ދެރަވާ ކަމަށާއި، އެހެންނަމަވެސް މިފަދަ ދަނޑިވަޅެއްގައި މިފަދަ ކޭސްއެއް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ގަބޫލު ކުރާ ކަމުގައެވެ. އަދި ސުކޫލުގެ މާހައުލާ މުވައްޒަފުންގެ އިތުރުން ތައުލީމް ހާސިލު ކުރާ ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އެ ސުކޫލުން ޚާއްސަ އިސްކަމެއް ދޭނެ ކަމަށް ވެސް އެ މެއިލް ގައި ބުނެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!