ގާޒީ ސުކޫލުގެ ޓީޗަރަކާއި ޖަމާލުއްދީން ސުކޫލުގެ ދަރިވަރެއް ކޮވިޑް-19 އަށް ފައްސިވެއްޖެ

ގާޒީ ސުކޫލު ޓީޗަރަކާއި ޖަމާލުއްދީން ސުކޫލުގެ ދަރިވަރެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ގާޒީ ސުކޫލުން ފައްސިވެފައިވަނި ގުރޭޑު 1 ގައި ކިޔަވާދެމުން އަންނަ ތީޗަރަކަށް ކަމަށާއި، އޭނައާއި ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި 12 ޓީޗަރަކު ފާހަގަކުރެވިފައި ވާއިރު، ކޮންޓެކްޓު ޓްރޭސިންގް ގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޖަމާލުއްދީން ސުކޫލުން ދަރިވަރެއް ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، އެ ސުކޫލުން މި ބައްޔަށް ފައްސިވެފައިވަނީ ގުރޭޑު 9 ގައި ތަޢުލިމު ހާސިލު ކުރަމުން އަންނަ ދަރިވަރެއް ކަމަށާއި، އެ ކުއްޖާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އެ ސުކޫލުން ޖުމުލަ 4 ކުދިން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި ޖަމާލުއްދީން ސުކޫލުން އެ ކުއްޖާ ފައްސި ވުމާ ގުޅިގެން ކޮންޓެކްޓު ޓްރޭސިންގް ގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު 2020-2021 ގެ ދިރާސީ އަހަރުގެ ދެވަނަ ޓާމު ކިޔެވުން މި މަހުގެ ހަ ވަނަ ދުވަހު ވަނީ ފެށިފައެވެ. ޖަމާލުއްދީން ސުކޫލުން ދަރިވަރަކާއި ގާޒީ ސުކޫލުގެ ޓީޗަރެއް މިއަދު ކޮވިޑު-19 އަށް ފައްސި ވެފައިވާއިރު، މިއަދު ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސުކޫލުން ވެސް އެއް އާއިލާއެއްގެ 4 ކުދިން މި ބައްޔަށް ވަނީ ފައްސިވެފައެވެ، އަދި ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 އަށް މީހުން ފައްސިވާ މިންވަރު އިތުރުވެފައި ވާކަން ވެސް ފާހަގަކޮށްލެވެއެވެ.