ރިޕޯޓް

އާސިމްގެ މަރާއެކު މުޅި ލަންދުއަށް މާޔޫސްކަމާއި މޮޅިވެރިކަން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ފޮޓޯ: މީސްމީޑިއާ

މިއަދުގެ އިރު އުދަރެހުން އަރައިގެން އައީ އައު ދުވަހަކަށް މަރުހަބާ ކިޔަމުންނެވެ. އެތައް ބަޔަކު އެތައް އުއްމީދުތަކެއް އާލާ ކުރަމުންނެވެ. އެހެން ނަމަވެސް ދިވެހި ހުރިހާ ރައްޔިތުންނަކަށް ސިހުން ގެނުވީ ނ.ލަންދޫ ފޭރުގަސްދޮށުގޭ އަލީ އާސިމްގެ މަރުގެ ހަބަރާއެކުއެވެ. މީގެ 11 ދުވަސް ކުރިން އެމްޕީއެލް ސަރަހައްދުގައި ބިއްލޫރި ޕެލެޓެއް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާގައި އަނިޔާވި ޒުވާނާ މި ދުނިޔެއާ އަބަދުގެ އަބަދަށް އަލްވަދާއު ކީ ހަބަރާއެކުގައެވެ.

Ads by Sosun Fihaara

މި ހަބަރާއެކު އޭނާގެ އުފަން ރަށް ނ.ލަންދޫގެ ރައްޔިތުންނަށް ލިބުނީ އަދި މާ ބޮޑު ސިހުމެކެވެ. ފުން ހިތާމައެއްގެ ތެރެއަށް މުޅި ރަށުގެ ރައްޔިތުން ގަބައިގެން ދިޔައެވެ. ލަންދޫގެ ގިނަ ބައެއްގެ ހިތަށް ވެރިވީ މާޔޫސް ކަމާއި މޮޅިވެރިކަމެވެ. ރަށުގެ މަގުތަކަށް ވެރިވެގަތީ އަނދިރިކަމާއި ފަޅުކަމެވެ. މި ހަބަރާއެކު ހިތާމައިގެ ކަރުނައިން ރަށުގެ އެތައް ރައްޔިތުންނެއްގެ ލޯތައް ތެއްމާލިއެވެ.

މި ހިތާމަވެރި ހަބަރާއެކު ލަންދޫ ކައުންސިލް މެންބަރު އާރިފްއާ ގުޅާލުމުން އޭނާގެ އަޑުން ވެސް ފާހަގަ ވެގެން ދިޔައީ މާޔޫސް ކަމާއި ހިތްދަތިކަމުގެ އަސަރުތަކެވެ. އެކުވެރި އެއްބައިވަންތަ ރައްޔިތުން ދިރިއުޅޭ މިރަށުން، ގެއްލިގެން ދިޔައީ ނޫކަށި ފުރައިގެ ޒުވާނެއް ކަމަށް ވާތީއެވެ. "ދެން"އާ ވާހަކަ ދައްކަމުން އާރިފް ވިދާޅުވީ މުޅި ރަށް އޮތީ "ފަޅުވެފައި" ކަމަށެވެ. އަދި އާސިމްގެ މަރާއެކު ލިބުނު ކުއްލި ސިހުމާއެކު ގިނަ ރައްޔިތުންނަކަށް ފުން އަސަރުތަކެއް ކުރުވާފައިވާ ކަމަށެވެ.

މީގެ އިތުރުން އާސިމް އަކީ އެންމެންނާ ގުޅޭ، މަސައްކަތްތެރި، ހިތްހެޔޮ ޒުވާނެއްގެ ގޮތުގައި އާރިފް ސިފަކުރިއެވެ. އަދި އާރިފްއަށް އޭނާއާ އެންމެ ފަހުން ވާހަކަ ދެއްކުނީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށާއި ދެކެވުނު ވާހަކައަކީ ރަށަށް އައުމުގެ ކަންކަން އިންތިޒާމު ކުރުމުގެ ކަންތައްތަކުގެ ވާހަކަ ކަމުގައި އޭނާ ބުންޏެވެ. އެހެން ނަމަވެސް އަންހެނުންގެ ރަށުގައި ދުވަސްތަކެެއް ހޭދަކުރުމަށް ފަހު، އޭނާ އާއި އާއިލާގެ މާލީ ހާލަތު ހުރި ގޮތުން އާސިމްއަށް މަޖުބޫރުވީ އެނބުރި ވެރިރަށް މާލެއަށް އައުމަށެވެ. އަދި ފައިސާ ހޯދުމަށްޓަކައި ކޮންމެވެސް ކަހަލަ މަސައްކަތެއް ކުރުމަށެވެ.

މާލެއަށް އައުމަށްފަހު އެމްޕީއެލް ސަރަހައްދުގައި މަޖޫރީއެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރަން ފެށީ ވެސް އެސަބަބަށް ޓަކައެވެ. ކުރިއަށް އަންނަން އޮތް ބަނަ ވިލާގަނޑުގެ އެއްވެސް ކަހަލަ ހިލަމެއް އޭނާއަށް ލިބިފައެއް ނެތެވެ. ނަމަވެސް އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއް ވެއްޓި ހިނގި ހިތްދަތި ހާދިސާއާ ކުރިމަތިވީ، އޭނާ މަޖޫރީއެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށިތާ ހަފްތާއެއްހާ ދުވަސް ތެރޭގައެވެ.

އާސިމް ތާށިވެފައި އޮތް އިރު އޭނާ އެތަނުން ސަލާމަތް ވުމަށްޓަކައި މަސައްކަތް ކުރަމުން ދިޔަ ވީޑިއޯއެއް އެ ދުވަހު މީސްމީޑިއާގައި އާންމުވިއެވެ. އޭނާ ލައިގެން ހުރި ގަމީހާއި މުޅި ގައިގައި އޮތީ ލޭގެ ކޯރެއް ދެމިފައެވެ. ބިއްލޫރި ޕެލެޓް ވެއްޓުމުގެ ސަބަބުން ގައިގެ އެތަން މިތަނުން ޒަހަމް ވެފައެވެ. އެހާލުގައި ތާށިވެފައި އޮތް އާސިމް މަސައްކަތް ކުރަމުން ދިޔައީ އެތަނުން ސަލާމަތް ވުމަށެވެ. އޭނާގެ ގާތުގައި ފުލުހުންނާއި ސިފައިން މަސައްކަތް ކުރަމުން ދިޔައީ އޭނާ ސަލާމަތް ކުރުމަށެވެ. އެހެން ނަމަވެސް އެކަންވީ އެހާ ފަސޭހަ ކަމަކަށް ނޫނެވެ. އެ ވޭނާއި ކެކުޅުމުގައި އޭނާ އެތަނުގައި ތާށިވެފައި ގާތްގަނޑަކަށް ދެގަޑިއިރެއްހާއިރު އޮޮތެވެ. މީސްމީޑިއާގައި ދައުރުވި މި ވީޑިއޯ ބެލި މީހަކަށް ނަމަ އޭނާގެ ހާލު ކުޑަކޮށް ނަމަވެސް އިހްސާސް ކޮށްލެވުނީސް ކަން ޔަގީނެވެ.

މިއަދު އާސިމް މިވަނީ އަޅުގަނޑުމެން އެންމެންގެ ލޯމަތިން ގެއްލިފައެވެ. މުޅި އުމުރަށް އޭނާގެ އާއިލާ އާއި ލޯބިވާ އަނބިމީހާއާ ވެސް އަލްވަދާއު ކިޔާފައެވެ. މި ހާސްކަންބޮޑު، ހިތްދަތި ދަނޑިވަޅުގައި އާސިމްގެ އަނބިމީހާ ހުރީ ރާއްޖެއިން ބޭރުގައި ކަރަންޓީނުގައެވެ. ކޮވިޑް-19އަށް ފައްސިވެފައި ވާތީއެވެ. އެފަކީރު ކުރާނެ ހިތާމަ އާއި އުޅޭނެ ހާލު އަޅުގަނޑުމެން އެކަކަށް ވެސް އިހްސާސް ނުކުރެވޭނެ ކަން ޔަގީނެވެ. ކައިވެންޏަށް އަދި ވީ 27 ދުވަސް ކަމަށްވާއިރު، އުފާވެރި ދިރިއުޅުމަކަށް ފޮނި އުއްމީދުތަކެއް ކުރާނެ ކަން ޔަގީނެވެ،

މިއަދު އޭނާގެ އުފަން ރަށް ލަންދޫގެ އެއްބައިވަންތަ ރައްޔިތުންގެ ކިބައިން ފެންނަމުން ދަނީ މޮޅިވެރިކަމެވެ. މުޅި ރަށް ވަނީ އާސިމްގެ މަރާއެކު ފަޅުވެފައެވެ. ލަންދޫގެ ރައްޔިތުންގެ އާސިމްގެ ހަނދާން އަބަދުގެ އަބަދަށް ވެސް އައު ކުރާނެ ކަން ގައިމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!