ލުއި ޚަބަރު

ހިތްހަމަ ޖައްސާލަން ޕޫލަށް އެރެން ބަލާލިއިރު، ކަމަކުދާކަށް ނެތް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އޮސްޓްރޭލިއާގެ އާއިލާއެއްގެ ޕޫލް ތެރެއިން، ވަރަށް ނުރައްކާތެރި ބޮޑު ހަރުފައެއް ފެނިއްޖެއެވެ.

Ads by STELCO

އެޑެލޭޑްގައި ހުރި މެރީނޯ ސަބަރބެއްގެ ޕޫލް ތެރެއިން ފެނުނު މުށި ކުލައިގެ ހަރުފައަކީ، ވިހަލައިފިނަމަ ސިކުންތުކޮޅެއްގެ ތެރޭގައި ފުރާނަ ދާ ފަދަ ނުރައްކާތެރި ހަރުފައެއް ކަމަށް ކަމާބެހޭ މާހިރުން ވަނީ ބުނެފައެވެ. ދެމަފިރިއެއްގެ ޕޫލް ތެރެއިން މި ހަރުފަ ފެނިފައި ވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ކަމަށް ރިޕޯޓު ތަކުން ބުނެއެވެ.

އެދެމަފިރިން ބުނި ގޮތުގައި، އެމީހުން އުޅުނީ ހިތްހަމަ ޖައްސާލަން ޕޫލަށް އެރި ފަތާލާށެވެ. ނަމަވެސް ޕޫލް ތެރޭގައި އޮތް ބޮޑު ހަރުފަ ފެނިފައި އެ ދެމަފިރިން ވެސް ވަރަށް ބިރުގަތް ކަމަށް އެމީހުން ވަނީ އެޤައުމުގެ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

އެޑެލޭޑް ގައި ހަރުފަ ހިފުމުގެ ތަޖުރިބާކާރުން ވަނީ އެއާއިލާގެ ޕޫލު ތެރޭގައި ހަރުފަ އޮއްވާ ފޮޓޯ ނަގާ، ވީޑިއޯ ވެސް ކޮށްފައެވެ. މަޒާޖީ ގޮތަކަށް އެމީހުން ބުނީ، ހަރުފަ ޕޫލަށް އެރުނީ އެދުވަހަކީ ހޫނު ދުވަހަކަށް ވާތީ "ފިނި ކޮށްލަން" ކަމަށެވެ.

މިވީޑިއޯއަށް ކޮމެންޓު ކުރި އެކަކު ބުނެފައިވަނީ، އެކަހަލަ ހަރުފަތައް އެސަރަޙައްދުގައި މިދުވަސްކޮޅު ވަރަށް އާންމުވެފައިވާ ކަމަށާއި ސަމާލުވެ ތިބުމަށެވެ. އަނެއް ބަޔަކު ބުނީ ޕޫލް ތެރޭގައި ހަރުފައެއް އޮތުމަކީ ބަލާލަން ވަރަށް ހިތްގައިމު މަންޒަރެއް ކަމަށެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި، މިބާވަތުގެ ހަރުފައަކީ އުތުރު އޮސްޓްރޭލިއާ ގައި ވަރަށް އާންމު ހަރުފައެއް ކަމަށާއި މިއީ ވަރަށް ވިހަގަދަ ހަރުފައެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!