ދީން

ފާދިރީކަލޭގެއަކާއި، އޭނާ ކުރަމުންދިޔަ ތިން ސުވާލެއްގެ ވާހަކަ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ އަވަށެއްގެ ފައްޅިއެއްގައި އުޅުނު ފާދިރީއެކެވެ. އޭނާއަކީ މުސްލިމުން ދެކެ އިންތިހާއަށް ނަފްރަތު ކުރި ފާދިރީއެކެވެ. މުސްލިމަކާ ދިމާވާ ކޮންމެ ފަހަރަކު، އެފާދިރީކަލޭގެ މުސްލިމުންނާ ތިން ސުވާލެއް ކުރެއެވެ. އޭނާގެ މަޤްސަދަކަށް ވަނީ މުސްލިމުން ލަދު ގަންނަވާލުމެވެ. އެފާދިރީއަކީ ވަރަށް ވިސްނުން ތޫނު މީހެއްކަމަށް މީހުންނަށް ދައްކާ، މުސްލިމުންނަކީ އެއްވެސް އަގެއް ނެތް، ވިސްނުމެއް ވެސް ނެތް ބޭކާރު ބައެއްގެ ގޮތުގައި ދެއްކުމެވެ.

Ads by MWSC

އެއް ދުވަހަކު ހަމަ އެފަދައިން އޭނާ މުސްލިމުންތަކަކާ ސުވާލު ކުރިއެވެ. ދީނީ ޢިލްމްވެރިންތަކެއް ވެސް ތިއްބެވި އެގްރޫޕަށް ފާދިރީކަލޭގެ އޭނާގެ ތިން ސުވާލު ހުށަހެޅިއެވެ.

އޭނާގެ ފުރަތަމަ ސުވާލަކީ

"އެއްވެސް މީހަކަށް މާތް ﷲ ފެނިފައިނުވާއިރު، ތިޔަ ބައިމީހުންނަށް ﷲ އީ އެއްކައުވަންތަ އިލާހު އޭ، އެކަލާނގެ ނޫން އިލާހަކު ނުވެއޭ ބުނާން އެނގެނީ ކިހިނަކުން ހެއްޔެވެ؟"

ދެވަނަ ސުވާލަކީ:

"ހުރިހާ ކަމެއްވެސް ވަނީ މާތް ﷲ ގެ އިރާދަފުޅާއެކު ކަމަށް ތިޔަބައިމީހުން ބުނާއިރު، އެކަލާނގެ އިރާދަފުޅާނުލާ އެއްވެސް ކަމެއް ނުވާނެ ކަމަށް ތިޔަބައިމީހުން ޤަބޫލު ކުރާއިރު، މީހަކަށް ގޯސްކޮށް ކަމެއް ކުރެވުމުން ތިޔަބައިމީހުން އެމީހަކު ކުށްވެރި ކުރަނީ ކީއްވެތޯއެވެ؟ ކުށްވެރި ކުރަން ޖެހޭނީ ﷲ ނޫންތޯއެވެ؟"

ތިންވަނަ ސުވާލަކީ:

"އިބިލީސް ހައްދަވާފައިވަނީ އަލިފާނުން ކަމަށާއި ނަރަކައިގައި ވެސް ވަނީ އަލިފާން ކަމަށް ތިޔަބައިމީހުން ބުނެތެވެ. އަދި ޤިޔާމަތް ދުވަހުން އެއިބިލީސް ނަރަކައިގެ އަލިފާންގަނޑަށް ވައްޓާލެވޭނެ ކަމަށް ވެސް ބުނަމުތާއެވެ. އެހެންކަމަށްވާނަމަ، އޭގެން އޭނާއަށް ހުރީ ކޮން ގެއްލުމެއްތޯއެވެ؟ އަލިފާނުން އަލިފާނަށް ގޮތެއް ނުވާނެ ނޫން ތޯއެވެ؟"

ފާދިރީކަލޭގެ ކުރި މިސުވާލުތަކަށް އެދުވަހު ވެސް އެއްވެސް މީހަކަށް ޖަވާބެއް ނުދެވުނެވެ.

އޭގެ ފަހުން ދުވަސްތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. ފާދިރީކަލޭގެ މަގެއްގެ މަތިން ހިނގާފައި ދަނިކޮށް ގޭގެ އިމާރާތް ކުރުމުގައި އުޅުނު މުސްލިމު ފިރިހެނަކު، އޭނާގެ މަސައްކަތުގައި އިިނދެފައި އެމީހާއަށް ގޮވާލާފައި ބުންޏެވެ.

"ކަލޭ މިދުވަސްކޮޅު މުސްލިމުންނާ ސުވާލުތަކެއް ކުރަމުންދާ ކަމަށް އަހުރެން އަޑުއެހީމެވެ. އެއީ ކޮން ސުވާލުތަކެއްތޯ ބުނެދީ ބަލާށެވެ. ފަހަރެއްގައި އަހަންނަށް އެސުވާލުތަކަށް ޖަވާބު ދެވިދާނެއެވެ."

ފާދިރީކަލޭގެ ހިނިގަނޑަކާއެކު ބުންޏެވެ.

"އަހަރެންގެ ސުވާލުތަކަށް ކަލެއަށް ވެސް ޖަވާބު ދެވޭނެހެނެއް ހިއެއް ނުވެއެވެ. ކަލޭމެންގެ ދީނީ ޢިލްމުވެރިންނަށް ވެސް އެސުވާލުތަކަށް ޖަވާބެއް ނުދެއްވުނެވެ." މިހެން ބުނެފައި އޭނާ އެސުވާލުތައް އެމީހާއާ ވެސް ކުރިއެވެ.

ފާދިރީކަލޭގެ ގެ ސުވާލުތައް އަޑުއަހާފައި ގެ އިމާރާތް ކުރުމުގައި އުޅުނު މީހާ އެއްޗެއް ނުބުނެ ހުއްޓެވެ. އެކަމާ މަލާމާތް ފާޑަކަށް ހީލާފައި ފާދިރީ ބުންޏެވެ. "ކަލެއަށް ވެސް އެސުވާލުތަކަށް ޖަވާބު ނުދެވުނެއް ނޫން ހެއްޔެވެ؟ އޭރުވެސް އަހަންނަށް އެކަން އެނގެޔެވެ. އެކަކަށް ވެސް މިސުވާލުތަކުގެ ޖަވާބެއް ނޭނގޭނެއެވެ."

އެވަގުތު އެފިރިހެން މީހާ، އިމާރާތްކުރަން އޭނާ ބޭނުން ކުރަމުންދިޔަ ގަލެއް ބިން މަތިން ނަގާފައި ފާދިރީގެ ބޮލުގައި ވަރަށް ބާރަށް ޖެހިއެވެ. އިސާހިތަކު ފާދިރީގެ ބޮލުން ވަރަށް ބައިވަރު ލޭ އަންނަން ފެށިއެވެ. ވީ ތަދުން ރުޅި އައިސްގެން ފާދިރީކަލޭގެ ބުންޏެވެ.

"މިހިރަ ގަމާރު މުސްލިމު މީހާއެވެ. ތިޔަ ކުރީ ކީއްހެއްޔެވެ؟ އަހަރެންގެ ބޯ ފަޅައިގެން ހިނގައްޖެއެވެ. ހަމަ މިހާރު އަހަރެން މިދަނީ އަވަށުގެ ޤާޒީ އަރިހަށެވެ. ކަލޭ ތިޔަ ކުރި ކަންތަކަށް ކަލެއަށް އަދަބު ދޭނަމެވެ."

ފާދިރީކަލޭގެ ޤާޒީ އަރިހަށް ވަޑައިގަތެވެ. އަދި ގެ އިމާރާތް ކުރުމުގައި އުޅޭ މީހާއަށް ވެސް މަޖިލިސްކުރާ ގެއަށް ހާޒިރު ކުރެވުނެވެ. އޭނާއާ ދިމާލަށް ފާދިރީކަލޭގެ ރުޅިވެރިކަމާއެކު ބަލަހައްޓައިގެން ހުއްޓެވެ. ވަރަށް ގިނަ މުސްލިމުން ވެސް އެތަނަށް ހާޒިރުވެ ތިއްބެވެ.

ނުހަނު ހިތްހަމަ ނުޖެހުމާއެކީ ވެގެން އުޅޭ ގޮތް ފާދިރީކަލޭގެ ކިޔައިދިނެވެ. އެފަދައިން ކަންތައްކުރީ ކީއްވެތޯ، އިމާރާތް ކުރަން އުޅޭ މުސްލިމު މީހާގާތު ޤާޒީ އެއްސެވިއެވެ.

އެމީހާ ވަރަށް ހަމަޖެހިލާފައި ޖަވާބުގައި ބުންޏެވެ. "އަހުރެންގެ ބޮލުގައި އޭނާ އެއަޅުވަނީ ދޮގު ތުހުމަތެކެވެ. އަހުރެން އޭނާއަށް އަނިޔާއެއް ނުކުރަމެވެ. އަހުރެން ހަމައެކަނި ކުރިކަމަކީ އޭނާ ކުރަމުންދާ ސުވާލުތަކުގެ ޖަވާބު ދިނުމެވެ. އަހުރެންގެ ކުށެއް ނެތެވެ."

އެމީހާގެ ބުނި އެއްޗަކުން ޤާޒީ އާއި އެވަގުތު އެމަޖިލިސް ކުރާ ގޭގައި ތިބި އެންމެންވެސް ނުހަނު ހައިރާންވިއެވެ. ފާދިރީކަލޭގެ ކުރަމުންދާ ސުވާލުތަކަކީ ކޮބައިކަން އެންމެންނަށް ވެސް އެނގެއެވެ. އެހެންކަމުން އިމާރާތްކުރާ މީހާ އެސުވާލުތަކަށް ޖަވާބުދިން ގޮތް އެންމެން ވެސް އެނގެން ބޭނުންވިއެވެ.

އެމީހާ އިތުރަށް ބުންޏެވެ.

"ޢިއްޒަތްތެރި ޤާޒީއެވެ. އޭނާގެ ފުރަތަމަ ސުވާލަކީ، އަހަރުމެންނަށް މާތް ﷲ ނުފެންނައިރު، އެއީ އެއްކައުވަންތަ އިލާހުކަމަށް ޤަބޫލު ކުރާނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންގެ ޖަވާބަކީ، އޭނާގެ ބޮލަށް ތަދުވާ ކަމަށް މިހާރު އޭނާ ބުނަމުންދާއިރު، ބޮލަށް ތަދުވާކަމުގެ ހެއްކަކީ ކޮބައިތޯއެވެ؟ އަހަންނަކަށް އަދި މިތަނުގައި ހުރި އެހެން އެއްވެސް މީހަކަށް ވެސް އޭނާއަށްވާ ތަދެއް ނުފެނެއެވެ. އެހެންވީމަ ތަދުވާކަމަށް އަހަރުމެން ޤަބޫލު ކުރާނީ ކިހިނަކުން ހެއްޔެވެ؟"

އެއަޑު އަހާފައި ފާދިރީކަލޭގެ އިތުރަށް ރުޅިއައިސްފައި ބުންޏެވެ. "ތިޔަ ދައްކަނީ ކޮންފަދަ މޮޔަ ވާހަކައެއް ހެއްޔެވެ؟ އަހަރެންގެ ބޮލުގައި ބޮޑު ގަލަކުން ޖެހީމަ އަހަންނަށް ތަދު ނުވާނީ ކީއްވެ ހެއްޔެވެ؟ ތަދަކީ ފެންނަން ހުންނަ އެއްޗެއް ހެއްޔެވެ؟ ތަދުވެޔޭ އަހަރެން މިބުނަނީ ތަދުވާތީއެވެ."

އެމީހާ ބުންޏެވެ.

"ތިޔައީ އަހަރެންގެ ޖަވާބެވެ. އަހަރުމެންނަށް މާތް ﷲ ލޮލަށް ފެންނަން ނެތް ކަމުގައިވިޔަސް، އެކަލާނގެ ހެއްދެވި މަޚްލޫޤުންނާއި މުޅި ކައުނުގައި ވާހާ އެއްޗެއް އިޙުސާސް ކޮށްދެނީ އެކަލާނގެ ވޮޑިގެންވާ ކަމަށެވެ. ކަލެއަށް ތަދު ފެންނަން ނެތްއިރު ވެސް، ތަދަކީ ވާއެއްޗެއް ކަމަށް ޤަބޫލު ކުރެވޭ ފަދައިން، އަހަރުމެން މުސްލިމުންނަށް އެކަލާނގެ ފެންނަން ނެތް ކަމުގައި ވިޔަސް، އެކަލާނގެ ވޮޑިގެންވާކަމާއި އަޅުކަން ކުރަން ޙައްޤުވެގެން ވަނީ އެކަލާނގެއަށް އެކަނިކަމަށް ޤަބޫލު ކުރެވެއެވެ."

އެޖަވާބާއެކު ފާދިރީކަލޭކެ ކޮންމެވެސް ވަރަކަށް މަޑުމައިތިވިވިއެވެ. އަދި ބުންޏެވެ. "މައްސަލައެއް ނެތެވެ. މާތް ﷲ ވޮޑިގެންވާ ކަމަށް އަހުރެން ޤަބޫލުކޮށްފީމެވެ. އެހެންވީރު އަހަރެން ދެން ކުރި ދެ ސުވާލުގެ ޖަވާބަކީ ކޮބާ ހެއްޔެވެ؟"

އިމާރާތްކުރާ މީހާ ބުންޏެވެ. "ކަލޭގެ ދެވަނަ ސުވާލަކީ، ހުރިހާ ކަމެއް ވެސް ވަނީ މާތް ﷲ ގެ އިރާދަފުޅުންނޭ އެހެންކަމަށްވާނަމަ އިންސާނުން ކުރާ ކަންތަކަށް ވެސް ކުށްވެރިވާނީ އެއިންސާނެއް ނޫނޭ މާތް ﷲ ނޫންހޭ އެވެ. އެހެންކަމަށްވާނަމަ، ކަލޭގައިގައި ޖަހައިގެން މިތަނަށް އަހުރެން ތިޔަ ހާޒިރުކުރީ ކީއްވެ ހެއްޔެވެ؟ ހާޒިރުކުރަން ވާނީ ﷲ ނޫންހޭ"އެވެ.

އެމީހާގެ އެޖަވާބުން ވެސް ފާދިރީކަލޭގެ އަނގަ ބެދުނެވެ. އޭނާއާއެކު އެމަޖިލިސްކުރާ ގޭގައި ތިބި އެހެން އެންމެން ވެސް ހަމަހިމޭންވިއެވެ. ވިސްނާލަން ހުރެފައި ފާދިރީމީހާ ބުންޏެވެ. "މައްސަލައެއް ނެތެވެ. ދެވަނަ ސުވާލުގެ ޖަވާބުވެސް ޤަބޫލު ކޮށްފީމެވެ. ތިންވަނަ ސުވާލުގެ ޖަވާބު ވެސް ބުނާށެވެ. މިސުވާލުގެ ޖަވާބު ހަމަ ޔަގީނުން ވެސް ކަލެއަކަށް ނުދެވޭނެއެވެ."

އެމީހާ ބުންޏެވެ. "ތިންވަނަ ސުވާލަކަށް ކަލޭ ބުނީ، އިބިލީހަކީ އަލިފާނުން ހައްދަލާފައިވާ މަޚްލޫޤަކަށްވާއިރު، ޤިޔާމަތް ދުވަހުން އިބިލީސް ނަރަކައިގެ އަލިފާންގަނޑަށް ވައްޓާލެވޭހިނދު އެއަށް އެއްވެސް ގެއްލުމެއް ނުވާނެ ނޫން ހެއްޔޭއެވެ. ފާދިރީކަލޭގެ އާއެވެ. ކަލޭ ހައްދަވާފައިވަނީ ކޮން އެއްޗަކުން ހެއްޔެވެ؟"

ޖަވާބުގައި ފާދިރީކަލޭގެ ބުންޏެވެ. "މަށިންނެވެ."

އެމީހާ ބުންޏެވެ. "ކަލޭ އަހަންނަށް ތުހުމަތު ތިކުރަނީ ވެސް މަށިން ހަދާފައި ހުރި ގައު ބުރިއަކުން ކަލޭގެ ބޮލުގައި ޖަހާ، ބޯ ފަޅާލިކަމަށެވެ. އަދި ކަލެއަށް އެކަމާހެދި އަނިޔާވެފައިވާ ކަމަށެވެ. އިބިލީހަށް އަލިފާނުން އަނިޔާއެއް ނުވަންޏާ، އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ކަލެއަށް ޤަބޫލު ނުކުރެވެންޏާ، މަށިން ހަދާފައިހުރި ގައު ބުރިއަކުން ކަލޭގެ ބޮލަށް ތަދުވާތީ އަދި އަނިޔާ ވާނީ ވެސް ކިހިނަކުން ހެއްޔެވެ؟ މަށިން މައްޓަށް ތަދުވާނީ ކިހިނެއް ހެއްޔެވެ؟"

އެޖަވާބު އަޑުއަހާފައި ފާދިރީކަލޭގެ ދެ ލޯ ބޮޑުވިއެވެ. ކުއްލި ޝޮކެއް ލިބި، މީހާ އެއްކޮށް ހަމަހިމޭންވެ، އަނގައިން ބަސް ހުއްޓުނެވެ. ފާދިރީކަލޭގެ ގެ ސުވާލުތަކަށް ގެދޮރު އިމާރާތް ކުރާ މީހާ ޖަވާބުދިން ގޮތް އިވިފައި މަޖިލިސް ކުރާ ގޭގައި ތިބި އެންމެން ވެސް ހައިރާންވެ އަންތަރީސްވިއެވެ. އަދި އެމީހާގެ ވިސްނުން ތޫނުކަމާމެދު ތައުރީފުކުރަން ފެށިއެވެ.

އެހިނދު މަޑުމައިތިކަމާއެކު ފާދިރީކަލޭގެ ބުންޏެވެ. "އަހަންނަށް މާފު ކުރާށެވެ. މުސްލިމުންނަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރެވުނީތީ އަހުރެން ދެރަ ލަދު ގަނެއްޖެއީމެވެ. އަހުރެން ކަލެއަށް ވެސް މާފުކޮށްފީމެވެ. އަދި މާތް ﷲ ގެ ރަޙުމަތަށް އެދި ދުޢާ ކުރަމެވެ."

ފާދިރީކަލޭގެ އެހިނދު ޝަހާދަތުގެ ދެ ކަލިމަ ކިޔާ އިސްލާމްވިއެވެ. ފުރިހަމަ އިސްލާމަކު ކަމުގައިވެ، އެހެންމީހުންނަށް ވެސް ދީން އުނގަންނައި ދެއްވުމުގައި ސާބިތުވެ ހުންނެވިއެވެ.

**މިއީ ޕާކިސްތާނުގެ ލިޔުންތެރިއެއް ކަމަށްވާ ރުޙެއިލް ޚާން، "ދެން" އަށް ހަދިޔާކުރި ލިޔުމެކެވެ. އުރްދޫ ބަހުން ލިޔެފައިވާ މިލިޔުން އިނގިރޭސިބަހަށް ތަރުޖަމާ ކޮށްދެއްވީ ޑރ. ޢަލީ ވަޙީދު އެވެ. މިއީ އެއިނގިރޭސި ތަރުޖަމާގެ ދިވެހި ތަރުޖަމާއެވެ. މިފުރުސަތުގައި "ދެން" ގެ ފަރާތުން ރުޙެއިލް ޚާން އަށާއި ޑރ. ޢަލީ ވަޙީދު އަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.**

Ads by Allied Insurance
  1. ބެރީ

    ވަރަށް ފުރިހަމަ ޢިބުރަތްތެރި ލިޔުން ކޮޅެއް..