ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަސް އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ.
ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ދަމަހައްޓައިފައިވަނީ، ދަށު ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ބޭއްވި ޝަރީޢަތުގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގައެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ކޮރަޕްޝަންގެ މައްސަލައިގެ ތެރެއިން އެސްއޯއެފް އެކައުންޓް މެދުވެރިކޮށް، ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާތީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ރައީސް ޔާމީން ހެއްކަށް ނުފޫޒު ފޯރުވާ ކަަމަށް ދައުލަތުން ހުށަހެޅުމުންނެވެ.
އެޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ހައިކޯޓުގައި އެހުކުމުގެ އިސްތިއުނާފު ޝަރީޢަތުގެ އަޑުއެހުންތައް މިދިޔަ މަހުގެ އެއްވަނަ ދުވަހު ވަނީ ނިންމަވާލައްވާފައެވެ.